މަދަރުސީ ތަޢުލީމުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ކަނޑައަޅަނީ

މަދަރުސީ ތަޢުލީމުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދޭންޖެހޭނެކަމަށް ތަޢުލީމުގެ ބިލުގައި ކަނޑައަޅައިފިއެވެ. ތަޢުލީމުގެ ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަށްޓަވައިފައެވެ. ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒެވެ.

މަދަރުސީ ތަޢުލީމުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދޭންޖެހޭނެކަމަށް ތަޢުލީމުގެ ބިލުގައި ކަނޑައަޅައިފައި އޮތުމަކީ ވަރަށް މުހިންމު ބޭނުންތެރިކަމެއްގެ ގޮތުގައި މެމްބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.

މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ މިހާތަނަށް ތަޢުލީމީ ނިޒާމު ބައްޓަން ވެފައިވާގޮތުން ސްކޫލުތައް ނިންމާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރާ ފައިތިލަހަމަވާ ކުދިންނެއް ނޫނެވެ. ތަޢުލީމީ ނިޒާމު ބައްޓަންވެގެން އައިސްފައިވަނީ ހަމައެކަނި އިދާރީކަންކަންކުރަން ކުދިން އަހުލުވެރިވާގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަޤީޤީ މާނައިގައި އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރެވޭނީ ސްކޫލުންތަކުން ނުކުންނަ ކުދިންނަކީ ތަޢުލީމީ މަސައްކަތްތެރި ފަންނުވެރި ހުނަރުވެރި ބަޔަކަށް ވެގެންކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ. މިގޮތަށް ނުވާނަމަ ބޭނުންވާ ކުރިއެރުމާއި ތަރައްޤީއެއް ނުހޯދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރިސޯޓްތަކަކީ ރާއްޖޭގައި އެއްދާއިރާއަކުން އެންމެގިނަ ވަޒީފާތައް އޮތް ދާއިރާކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ އެދާއިރާގައިވެސް ބޮޑު މުސާރަ ލިބޭ ވަޒީފާތަކުގައި ބޭރުމީހުންތިބެން ޖެހެނީ އެފަދަ ފަންނީ މަޤާމުތަކަށް ދާނެ ޤާބިލް ދިވެހިން ނުއުފެއްދޭތީކަމަށެވެ.

ތަޢުލީމީ ބިލުގެ ފަސްވަނަ މާއްދާގެ (ހ) ގައި ބުނަނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމަކީ، އުނގެނުމުގެ ޙައްޤުގެ ބައެއްކަމުގައި ވުމުގެ އިތުރުން މަސައްކަތތެރިކަމުގެ ޙައްޤާވެސް ގުޅިފައިވާ ޙައްޤެއްކަމުގައިވާތީ، އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި  ކަށަވަރުކޮށްދެވޭނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު އުނގެނުމުގެ ޙައްޤުވެސް ކަށަވަރުކޮށްދެވިގެން ކަމުގައި މި ޤާނޫނު ޤަބޫލުކުރާ ހިނދު، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު މަދަރުސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ލިބިދިނުމުގެ ޙައްޤު މި ޤާނޫނުން ކަށަވަރުކޮށްދޭ ކަމަށެވެ.

ތަޢުލީމުގެ ބިލުގައި ބުނާގޮތުން މަދަރުސީ ތަޢުލީމު ބައްޓަންވެފައި އޮންނަން ވާނީ، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ. ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށް ދިނުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ކުދިންގެ ތަފާތު ޤާބިލިއްޔަތުތަކަށް ފުރުޞަތު ހޯދައި ދިނުމާއި ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމުގެ ތެރެއިން މަސައްކަތްތެރިކަމާ ރައްޓެހި ދަރިވަރުން ބިނާކުރުމަށް މަގުފަހި ކުރުމެވެ. އަދި ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ކުދިން އަހުލުވެރިކުރުމެވެ. މަސައްކަތްތެރިކަމުގެ ދާއިރާއަކީ އަގުހުރި އަދި ޤައުމަށް ފައިދާހުރި ދާއިރާއެއް ކަމުގައި ދުށުމުގެ ވިސްނުން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ވެސް، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށް ދިނުމުގެ ބޭނުންތަކުގެ ތެރޭގައި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ބިލުގައިވާ ގޮތުން ޢުމުރުން ހަތަރު އަހަރު ފުރުނީއްސުރެ، ޢުމުރުން 18 އަހަރު ވަންދެން ނުވަތަ ޕްރީ ސްކޫލުފެށިގެން މަތީ ސާނަވީ ނިމެންދެން ހިލޭ ތަޢުލީމު ލިބުމުގެ ހައްޤު ކޮންމެ ކުއްޖަކަށް ވެސް ލިބިދެވޭނެއެވެ. މަޖުބޫރު ތަޢުލީމު ލާޒިމުވާ ޢުމުރުފުރާގެ ގޮތުގައި ބިލުގައި ކަނޑައަޅައިފައި ވަނީ ޢުމުރުން ހަތަރު އަހަރުން ފެށިގެން ޢުމުރުން 16 އަހަރާ ދެމެދެވެ.

ހަނގާ ކުރުންފަދަ ޢަމަލުތަކާއި އެކި ބާވަތުގެ ގޯނާކުރުމާއި އަނިޔާވެރިކަމުން ރައްކާތެރިވެފައިވާ އަމާން މާހައުލެއްގައި އުނގެނުމުގެ ޙައްޤު ކަށަވަރު ކޮށްދެންޖެހޭނެކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ތަޢުލީމުގެ ބިލު މަޖިލީހުން ނިމިގެންދާއިރު މުދައްރިސުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކޮށް ޝަރަފަވެރިކަމާއެކު އެކު ދިރިއުޅެވޭނެ ކަމުގެ ޔަޤީންކަން އެ މުދައްރިސުންނަށް ދޭންޖެހޭނެކަމަށް ވެސް ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.