
ކޯވިޑްގެ ޙާލަތު ގޯސްވެފައި ވާތީ މާދަމާ ބާއްވަން ތާވަލްކުރި މަޖިލީހުގެ ޖަލްސާ އަންނަ ހަފްތާއަށް ފަސްކުރައްވައިފިއެވެ. ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކުރައްވަން ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް މަލީހުގެ އިދާރާއިން ހާމަކުރައްވައެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ނަމަވެސް ކޮމެޓީ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވައިފައެވެ. ޖަލްސާތައް ނުބޭއްވި ނަމަވެސް މަޖިލީހުގެ އިދާރާ ހުޅުވާފައި ހުންނާނެކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ. މިހަފްތާގައި މަސައްކަތަށް ނުކުންނާނީ ކޮމެޓީގެ މަސައްކަތްތަކަށް ބޭނުންވާ މަދު ޢަދަދެއްގެ މުވައްޒަފުންކަމަށް ވެސް މަޖިލީހުގެ އިދާރާއިން ހާމަކުރައްވައެވެ. މޖިލީހުގެ ރައީސް އިރުޝާދު ދެއްވައިފައި ވަނީ އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށްކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެއްވިއެވެ.
ސަރުކާރުގެ އޮފީސްތައް ހުޅުވުންވެސް ވަނީ އަންނަ ހަފަތާއަށް ފަސްކޮށްފައެވެ. މިހާލަތުގައި މަޖިލީހުގެ ޖަލްސާތައް އަނެއްކާ ވެސް އޮންލައިންކޮށް ބޭއްވުމަށް ބައެއް މެމްބަރުން ދަނީ ގޮވާލައްވަމުންނެވެ. ކުރިން ކޯވިޑްގެ ޙާލަތު ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން މަޖިލީހުގެ ޖަލްސާތައް ވެސް ހަފްތާއެއްހާ ދުވަހަށް މެދުކަނޑާލުމަށް ފަހު ބާއްވަމުން ގެންދެވީ އޮންލައިންކޮށެވެ. ނަމަވެސް ދެވަނަ ދައުރުގެ ޖަލްސާތަކާއެކު މަޖިލީހުގެ ޖަލްސާތައް ގައިދުރުކޮށް މަޖިލީސްކުރާ ގޭގައި ވަނީ ބާއްވަން ފަށްޓަވައިފައެވެ. ނަމަވެސް އޭރު ލޮކްޑައުންގެ ލުއިތައް ދޭންވެސް ނުފަށައެވެ. ސަރުކާރު އޮފީސްތައް ވެސް ހުޅުވައެއްނުލައެވެ.