މިނިވަން މަޤާމުތަކާއި މުއައްސަސާތަކުގެ މެމްބަރުން ވިޔަފާރިކުރުން މަނާކޮށް އާއިލާގެ މެމްބަރުންގެ މާލީބަޔާން ހުށަޅަން ލާޒިމުކޮށް އެ މުއައްސަސާތަކުގެ ޤާނޫނުތަކަށް ރައްޔިތުންގެ މަޖިލީހުން އިޞްލާޙު ގެނެސްފިއެވެ.
އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ފާސްކުރެއްވި ބިލުތަކުގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އޮޑިޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ހިޔުމަން ރައިޓްސް ކޮމިޝަން ގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ. މި އިސްލާޙު ވަނީ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ފާސްކުރި ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށްވެސް ގެނެސްފައެވެ.
އިތުރު ވަޒީފާ އަދާ ނުކުރުމާއި މަޞްލަޙަތު ފުށުއަރާ ވިޔަފާރި ނުކުރެވޭނެކަމަށް ބިލުތަކަށް ހުށަހަޅައިފައިވާ އިސްލާޙުގައި ބުނެފައިވަނީ އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް އަދާކޮށް، ނުވަތަ މަޤާމެއް ފުރައިގެން ނުވާނެކަމަށެވެ. އަދި އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންވެސް ނުވާނެކަމަށެވެ. އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބޭގޮތުން، ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ ގޮތުން މަސައްކަތް ކޮށްގެންވެސް ނުވާނެ ކަމަށެވެ. އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގެ އިތުރުން ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެން ވެސް ނުވާނެ ކަމަށެވެ.
ހިލޭ ސާބަހަށް ކަމުގައި ވިޔަސް އަމިއްލަ ފަރާތްތަކަށް ޤާނޫނީ ޚިދުމަތް ދީގެން ނުވާނެ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނަށް ގެނައި އިސްލާޙުގައި ވެއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްކަމުން ވަކިވުމަށްފަހު، ފުރަތަމަ 12 މަސް ދުވަހުގެ މުއްދަތު ފާއިތުވަންދެން، ޕްރޮސެކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަޞްލަޙަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ކޮށްގެން ނުވާނެކަމަށް ޤާނޫނަށް ގެނައި އިޞްލާޙުގައި ވެއެވެ.
މިނިވަން މަޤާމުތަކާއި މުއައްސާސާތަކުގެ މެމްބަރުން މާލީ ހިސާބު ހުށަހަޅާއިރު، އިނދެގެންއުޅޭ މީހާއާއި، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަން ވާނެ ކަމަށް ބިލުތަކުގައި ވެއެވެ. މާލީ ހިސާބުތައް ތައްޔާރު ކުރަން ޖެހޭނީ އޮޑިޓަރ ޖެނެރަލް ކަނޑައަޅައި އިއުލާންކޮށްފައިވާ ނަމޫނާއަށް ކަމަށްވެސް ވަނީ ބުނެފައެވެ.
މިނިވަން މަޤާމުތަކާއި މުއައްސާސާތަކުގެ މެމްބަރުން މަޤާމާ ޙަވާލުވިއިރު، ލިބިފައިވާ އާމްދަނީއާއި އަމިއްލަ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަޤާމާ އޭނާ ޙަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެކަމަށް ވެސް ބިލުތަކުގައި ވެއެވެ. މީގެއިތުރުން މަޤާމާ ޙަވާލުވާ ތާރީޚުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. މަޤާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، އޭނާ މަޤާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު ވެސް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބުނެފައެވެ.