މާލޭ ރައްޔިތުންނަށް ތިންހާސް ހައުސިން ޔުނިޓު އަޅައިދެނީ

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޅާ ތިން ހާސް ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްއޮތް މަސް ދުވަހުގެ ތެރޭގައި އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަށް ހެދުމުގެ މަޝްރޫއު އިފްތިތާހު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި ސަރުކާރުން  ކޮށްދޭންޖެހިފައި ހުރި މަސައްކަތް ބައިވަރު އެބަހުރި ކަމަށެވެ. ސީދާ މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހަތަރުހާސް ހައުސިންގ ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޢަދަދު އެއަށްވުރެ އިތުރުވާ ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދިރާސާއަށް ބެއްލެވުމަށްފަހު  އެއަށް ބަދަލުގެނެސް، މާލޭގެ ރަށްވެހިންނަށް އިތުރަށް ބޭނުންވާނޭ ބޯހިޔާވަހިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް މިއޮތް މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުރަތަމަ އަޅަން ގަސްދުކުރާ އެއްހާސް ހަތްސަތޭކަ ހައުސިންގ ޔުނިޓާއި، އެއްހާސް ތިންސަތޭކަ ހައުސިންގ ޔުނިޓް، މުޅިއެކު ތިންހާސް ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން، އިތުރު ހަތަރުހާސް ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އޭގެއިތުރުން، ކުރީގެ ސަރުކާރުތަކުން ވަޢުދުވެފައިވާ ގޮތަށް، ހިޔާ މަޝްރޫޢަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވަޢުދުވެ، އެއްބަސްވެފައިވާގޮތަށް، އެކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަހެއްނުވެ ކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.