
މީޑިޔާގެ އެކިފަރާތްތަކާއެކުވެވޭ ބަހުގެ ހަގުރާމައެއްގައި އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުގެ އިތުރު ބަޔެއްބޭފުޅުން ބައިވެރިވެ ވަޑައިގެންފިއެވެ. ވައިޓްހައުސްގެ ޗީފްއޮފްސްޓާފް ރައިންސް ޕްރީބަސް ވިދާޅުވީ ރައިސް ޓްރަމްޕް މަގާމަށް ވަޑައިގެންނެވީ ޤާނޫނީ ހަމަތަކާޚިލާފަށްކަމަށް ދެއްކުމަށް މީޑިޔާގެ ބޮޑު ޝައުގުވެރިކަމެއް އެބައޮތްކަމަށާ ، އެހެންނަމަވެސް އެކަން އެގޮތަށް ކުރާތަން ބަލަހައްޓައިގެން އެބޭފުޅުން މަޑުން ނުތިއްބަވާނެ ކަމުގައެވެ. ޕްރީބަސް ވިދާޅުވީ އިންތިޚާބްގެކަންކަން އޮޅުވާލިކަމަށް މީޑިޔާތަކުން ބުނާ ބުނުމާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން ގަދަޔަށް "ހަގުރާމަ" ކުރާނެ ކަމުގައެވެ.
ޑޮނަލްޑް ޓްރަމްޕް ހުވާކުރެވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ އަދަދު މީޑިޔާއިން އޮޅުވާލާފައިވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެހާސް ނުވަނަ އަހަރު ރައީސްބަރަކް އޮބާމާ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ އަދަދު މާގިނަކަން ފޮޓޯތަކުން ހާމަވެއެވެ. ޓްރަމްޕް އާއި ސަރުކާރުގެ އިސްފަރާތްތަކުން ގެންދަނީ އޮބާމާ ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންނަށްވުރެ ، ޓްރަމްޕް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވީމީހުންގެ އަދަދު ގިނަކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނިއުޔޯކްޓައިމްސް، ސީއެން އެންއެން، އޭބީސީ އަދި އެންބީސީ ފަދަ ބޮޑެތި މީޑިޔާ އައުޓްލެޓްތަކުން ފޮތޯ އާއި އެހެންވެސް ހެކިތަކާއެކުގެންދަނީ އެއީ ތެދެއްނޫންކަން ހާމަ ކުރަމުންނެވެ.