
ގެމްބިޔާގެ "ސްޓޭޓް ކޮފަރސް" ނުވަތަ ދައުލަތުގެ ޚަޒާނާ ގައި ހުންނަންޖެހޭ ފައިސާގެ ތެރެއިން އެގާރަ މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ވީގޮތެއްނޭގި މަދުވާކަމަށް އައު ރައީސް އަޑަމާ ބަރޯގެ އެޑްވައިޒަރަކު ވިދާޅުވެއްޖެ އެވެ. އެޑްވައިޒަރ މައި އަހްމަދު ފަތީ ވިދާޅުވީ މާލިއްޔަތާ ބެހޭ އެކްސްޕަރޓުން މިހާރު މަދުވާ ފައިސާގެ ސީދާ އަދަދު ހޯދުމަށް މަސައްކަތް ކުރަމުން އެބަގެންދާކަމުގައައެވެ. ސެނެގޯލްގެ ވެރިރަށް ޑާކާގައި ނޫސްވެރިންނާ ބައްދަލް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެޑްވައިޒަރު ވިދާޅުވީ މާލީ ގޮތުން ގެމްބިޔާ މިވަގުތު ވަނީ ވަރަށްވެސް ދަށު ދަރަޖަޔަކަށް ވެއްޓިފައި ކަމުގައެވެ. އަދި ކުރީގެ ރައީސް ޔަހްޔާ ޖާމޭ އެގާރަމިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިވަނީ ފާއިތުވި ދެހަތްތާގެ ކުރު މުއްދަތުގެ ތެރޭގައި އެކަނި ކަމަށްވެސް އޭނާ ވިދަޅުވިއެވެ.
ރައީސްކަމުން ވަކިވެވަޑައިގެންނެވި ރައީސް ޔަހްޔާ ޖާމޭ ގައުމު ދޫކުރައްވާ ވަޑައިގެންނެވިރޭ ލަގްޒަރީ ކާރުތަކާ އެހެންވެސް ބަޔެއް އަގުބޮޑު މުދާ ، ޗާޑްގެ ކާގޯ މަތިންދާބޯޓަކަށް އެރުވިތަން ފެނިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ބާވީސް އަހަރު ވެރިކަން ކުރެއްވުމަށްފަހު ޔަހްޔާ ޖާމޭ ގައުމު ދޫކުރައްވާ ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުގެރޭގައެވެ. ޑިސެމްބަރުމަހު ބޭއްވި އިންތިޚާބުން ބަލިވެވަޑައިގެންނެވި ނަމަވެސް ޖާމޭ ވެރިކަން ދޫނުކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ، ސަރަހައްދުގެ ބަޔެއް ގައުމުތައް ގުޅިގެން ކުރިމަސައްކަތުން އޭނާއެންމެފަހުން ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ.
އައު ރައީސް އަޑަމާ ބަރޯ އަދިވެސް ހުންނެވީ އަވަށްޓެރި ސެނެގޯލް ގައެވެ. އޭނާ އެބުރި ގައުމަށް ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭގޭކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް އެފްރިކާގެ ފަސް ގައުމަކުން ގުޅިގެން އުފައްދާފައިވާ އަސްކަރީ ފައުޖު ގެ ސިފައިން އާދީއްތަދުވަހުވެސް ވަނީ ބަރޯ އެބުރި ގައުމަށް ވަޑައިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން މުހިންމު އިމާރާތްތަކަށް ވަދެ ބަލާފާސްކޮށް "ކްލިއަރެންސް" ދީފައެވެ.