
އަރަބި ދުނިޔޭގައި ވެރިކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވީ ލީޑަރު ޞުލްޠާން ޤާބޫސް ބިން ސަޢީދު އަވަހާރަވެއްޖެއެވެ. ހޮނިހިރު ދުވަހު ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އުމުރުފުޅުން 79 އއަހަރުގައި އެ މަނިކުފާނު އަވަހާރަވީ ހުކުރު ދުވަހުއެވެ.
ޤާބޫސް ވެރިކަމަށް ވަޑައިގަތީ 1970 ވަނަ އަހަރު އޮމާނަށް ގެނެވުނު ލޭއޮހުރުވުމެއް ނެތް އިންޤިލާބަކުން، ބައްޕާފުޅު ވެރިކަމުން ދުރުކުރެއްވުމަށް ފަހުގައެވެ. ޤާބޫސްގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާނޭ ވަލީ ޢަޙްދަކު ހަމަޖައްސާފައެއް ނެތެވެ.
ޢޮމާންގައި ހަމަޖެހިފައި އޮންނަ އުސޫލަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު އަވަހާރަވާތާ ތިން ދުވަހުގެ ތެރޭގައި ވެރިއަކު އައްޔަން ކުރުމެވެ. ވެރިއަކު ހޮވާނީ ޝާހީ އާއިލާގެ މެދުގައި މަޝްވަރާ ކޮށްގެންނެވެ. މަޝްވަރާއިން ގޮތެއް ނުނިންމިއްޖެ ހާލަތެއްގައި ވެރިކަމަށް ވަޑައިގަންނަވާނީ ޤާބޫސް ޚިޔާރު ކުރައްވައިފައިވާ ބޭފުޅެކެވެ. އެ ބޭފުޅަކީ ލިޔުމުން ކަނޑައަޅުއްވައިފައިވާ ބޭފުޅަކަށް ވާން ޖެހެއެވެ.
ތަޚުތަށް އިސްވެވަޑައިގަންނަވާ ބޭފުޅަކީ ޝާހީ ޚާންދަނުގެ ބޭފުޅަކަށް ވާން ޖެހެއެވެ. އަދި ހަތަރުމަތިފުށް ޢޮމާނީ މުސްލިމަކަށް ވުން ލާޒިމެވެ.
މި ޝަރުޠު ހަމަވާ 80 ވަރަކަށް ބޭފުޅުން ޝާހީ އާއިލާގައި އެބަ އުޅުއްވައެވެ. ބެލެވޭ ގޮތުގައި ޝާހީ އާއިލާއިން ޚިޔާރު ކުރައްވާނީ އަސަދް ބިން ޠާރިޤެވެ. އުމުރުފުޅުން 65 އަހަރުގެ އަސަދަކީ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ކަންތައްތައް ބަލަހައްޓަވާން އައްޔަން ކުރައްވައިފައިވާ ނާއިބު ބޮޑުވަޒީރެކެވެ. އޭނާއަށް މި މަގާމު ދެއްވީ 2017 ވަނަ އަހަރުއެވެ. އަސަދަކީ ޤަބޫސާ ދެބއްިންގެ ދެދަރި ބޭފުޅެކެވެ. އަސަދުގެ އިތުރަށް ޝިހާބް ބިން ޠާރިޤްގެ ނަންފުޅު އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ޤާބޫސްގެ ވަރަށް ގާތް މުޝީރެކެވެ. އުމުރުފުޅަކީ 63 އަހަރެވެ.
ޞުލްޠާން ޤާބޫސް ބިން ސަޢީދަކީ އަރަބި ދުނިޔޭގެ ތަރައްގީގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އީރާނުގެ ނިއުކްލިއަރ ހަތިޔާރުގެ މައްސަލައިގައި ދުނިޔޭގެ ބާރުގަދަ ގައުމުތަކާ ވާހަކަފުޅު ދެއްކވުމުގައިވެސް މުހިއްމު ދައުރެއް އަދާ ކުރެއްވިއެވެ.