
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓަރ ޝާހިދު އޮމާނަށް ވަޑައިގަތުމުން، އެޤައުމުގެ ވެރިރަށް މުސްކަޓުން މަރުޙަބާ ވިދާޅުވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލް ޖަރަޑީ އެވެ.
މި ދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރ، ސައްޔިދު ބަދުރު އަލްބުސައިދީއާއި ބައްދަލުކުރައްވާ، ދެޤައުމުގެ ދެމެދުގައި ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ގުޅުން ހުރި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޮމާންގެ ސުލްޠާން ހައިޠަމް ބިން ޠާރިޤް ސިޓީފުޅެއް އަރުވާނެ އެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު އޮމާންގެ މިނިސްޓަރ އޮފް ހެރިޓޭޖް އެންޑް ޓޫރިޒަމް ސާލިމް ބިން މުޙައްމަދު އަލްމަޙްރޫގީއާއި ބައްދަލުކުރައްވާ އޮމާންގެ އިންވެސްޓްމަންޓް އޮތޯރިޓީއާއެކު މަޝްވަރާތައް ކުރައްވާ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ އިތުރު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ.
މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ރާއްޖެއިން އޮމާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ސަރުކާރުން ގެންދަވަނީ މެދު އިރުމަތީގެ ޤައުމުތަކާއިއެކު ކުރިއަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޙްރެއިނަށްވެސް ވަޑައިގެންފަ އެވެ.