
މާލެއަތޮޅު ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އެކަކު ފިހިއްޖެއެވެ. ފިހިފައިވަނީ ބިދޭސީއެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
އެމީހާއަށް ފަރުވާ ދިނުމަށްޓަކައި މިހާރުވަނީ މާލެ ގެންގޮސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އެމީހާ ފިހިފައިވަނީ ކިހާވަރަކަށް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:47 އެހައިކަންހާއިރު ކަމަށެވެ. މަޢުލޫމާތު ލިބުމާއެކު ތިލަފުށީ ފަޔަރސްޓޭޝަންގެ ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވިއެވެ. ސިފައިންނާއި ފުލުހުންގެ މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ މިއަދު 12:15 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގައި ލޯންޗުގެ ގެގަނޑުވަނީ އެއްކޮށް އަނދައިފައި ކަމަށް ޢާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން ފަޅުގައި އޮތް ދޯންޏަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ވެފައެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާ ހިނގި ގޮތް ތަހުގީގު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.