
ކުރިއަށްއޮތް ދެ އަހަރާއި ބައިގެތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އެއާކޮންޑިޝަން (އޭސީ) ކޮށް ނިންމާލެވޭނެ ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ނ.ކެނދިކުޅަދޫ މަސްޖިދުލް އީމާން އޭސީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މިސްކިތް އޭސީ ކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ އަވިޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ އެ މަސައްކަތް ޙަވާލުކުރެއްވީ 20 ދުވަސް ތެރޭގައި ނިންމާގޮތަށް 827،500 ރުފިޔާއަށެވެ. މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ނިންމަވައި ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫއަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުފުޅުގެ ތެރެއިން ހިންގަމުން ގެންދާ މަޝްރޫއެކެވެ.
"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެއް ރާއްޖޭގެ މިސްކިތްތައް ސޯލާޕެނަލް ބޭނުންކޮށްގެން އޭސީ ކުރުން. އެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއްމިއީ. އަޅުގަނޑު އުންމީދު ކުރަން މިފެށޭ އަހަރު ތެރޭގައިވެސް މިފަދަ އިންތިޒާމްތަކެއް ކުރިއަށްރޭވި ހަމަޖެހިގެން ދާނޭކަމަށް،" މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިސްކިތްތައް އޭސީކުރަން ޙަވާލުވާ މުއްދަތުގައި އެމަސައްކަތް ނިންމުމަކީ ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތަށް އެދިވަޑައިގެންނެވީ އަމާޒު ހިފައިފައިވާ މުއްދަތުގައި އެމަސައްކަތް ނިންމުމަށެވެ. މަސައްކަތް ކުރަމުންދާއިރު ދިމާވާ ދަތިކަން މިނިސްޓްރީއާ ޙިއްސާ ކޮށްދެއްވުމުން ޙައްލުކޮށްދެއްވާނެ ކަމަށް ވެސް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ މިސްކިތްތައް ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި އޭސީކޮށް ނިންމާލުން. އެ މަސައްކަތް އެއޮންނަ ދުވަހަށް ނިންމާލެވޭތޯ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން،" މިނިސްޓަރ ވިދާޅުވިއެވެ.