
ރޭ ފުލުހުން ހައްޔަރުކުރީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މީހާކަމަށް ފުލުސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. އެމީހާ ކުށަށް އިއުތިރާފްވެފައިވާ ކަމަށާއި ތަހުގީގަށް އެއްބާރުލުން ދެމުންދާކަމަށް ކޮމިޝަނަރ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު އޭނާގެ ބަންދުގެ މުއްދަތު ފަނަރަ ދުވަހަށް އިތުރުކޮށްދެއްވާފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން މައްސަލަ ހައްލުކުރުމުގައި މައިގނަޑު އެހީއަކަށްވީ ފޮރެންސިކް ހެކިކަމަށާއި ގާސިމް މަރާލި ވަގުތު އެމީހާ ލައިގެން ހުރި އަންނައުނު ފުލުހުން ހޯދާފައިވާ ކަމަށް ކޮމިޝަނަރ ޙަމީދު ވިދާޅުވިއެވެ. އޭނާ ލައިގެން ހުރި އަންނައުނު ފޮރުވާފައި ހުރީ ގާސިމް މަރާލި ހިސާބުގައި ހުރި ސައިޓެއްގައެވެ. އެތަކެތީގެ ފޮރެންސިކް އިތުރު ތަހުލީލުތައް ފުލުހުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މި މައްސަލައާ ގުޅޭ ޕްރެސް ބްރީފިންއެއް އަންނަ ހަފްތާގެ ކުރީކޮޅު އޮންނާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ގާސިމް ހަސަން މަރާލާފައިވަނީ ހުޅުމާލޭގައި މި ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރެއެވެ.