އޭޝިއަން ރޯވިން ކޯސްޓަލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ

އޭޝިއާ ބައްރުގެ ގައުމުތަކަށް ޚާއްސަކޮށްގެން 2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ރޯވިންގް ކޯސްޓަލް ޗެމްޕިއަންޝިޕް (އޭއާރުސީސީ) ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހުނީ 2021 ވަނަ އަހަރުގެ މިމުބާރާތް ބާއްވާނެ ގައުމެއް ކަނޑައެޅުމަށް ހުޅުވާލި ބިޑު ކާމިބު ކޮށްގެންނެވެ. މި ބިޑު ރާއްޖެއިން ކާމިޔާބު ކުރީ ތިން ގައުމަކާ ވާދާކޮށްގެންނެވެ. ރާއްޖޭގައި މިމުބާރާތް ބާއްވާގޮތަށް ނިމުނީ ތައިލެންޑުގައި މިއަދު ބޭއްވި އޭޝިއަން ރޯވިން ފެޑެރޭޝަނުގެ އެގްޒެކްޓިވް ކޮމިޓީގައި ހިމެނޭ 12 ގައުމުގެ އިއްތިފާގުންނެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މިމުބާރާތް ބާއްވާނީ އައްޑޫ ސިޓީ ހިތަދޫގައި ކަމަށެވެ. މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުބާރާތް ބާއްވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިމުބާރާތުގައި އޭޝިއާ ބައްރުގެ 36 ގައުމުން ފަސް ސަތޭކައެއްހާ އެތުލީޓުން ބައިވެރިވާނެއެވެ.

ހަބީބު ވިދާޅުވީ މިއީ ސްޕޯޓުސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ވަރަށްބޮޑު އެހީތެރިކަމާއި ހިތްވަރު ދިނުމުގެ ތެރެއިން ކާމިޔާބު ކުރެވުނު ކަމެއް ކަމަށެވެ. ހަބީބު ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަގުވާމީ މިފަދަ އެންމެ ބޮޑު ބައިނަލްއަގުވާމީ މުބާރާތް ކަމަށެވެ. އޭނާ ވިދާޅުވީ ރޯވިންއެސޯސިއޭޝަނުން މިހާރުވަނީ ވަނަ އަހަރުގެ އޮލިމްޕިކްސްގެ ރޯވިންގްގައި ބައިވެރިވުމަށް އޮލިމްޕިކް ފެޑެރޭޝަންގައި ވެސް ރަޖިސްޓްރީ ކޮށްފައި ކަމަށެވެ.

ހަބީބު ވިދާޅުވީ 2021 ވަނަ އަހަރު ރާއްޖޭގައި ބާއްވާ މި މުބާރާތުގައި ހިމެނޭނީ އިންޑޯ ރޯވިންއާއި ބީޗުސްޕްރިންޓާއި ލޯންގް ޑިސްޓޭންސް ރޯވިން ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ރޯވިންއާއިލާއަށާއި މުޅިރާއްޖެއަށް ވެސް ލިބިގެންދާ ފަޚުރެއް ކަމަށެވެ.

ރޯވިން އެސޯސިއޭޝަނަކީ ކުޅިވަރު އެސޯސިއޭޝަން ތަކުގެތެރެއިން މާލެއިން ބޭރުގައި ހިންގާ ހަމައެކަނި އެސޯސިއޭޝަނެވެ. މި އެސޯސިއޭޝަން ހިންގަނީ އައްޑޫސިޓީ ހިތަދޫގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.