
"އެމްޓީސީސީ އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް 2019" ގެ އެއްވަނަ ހިތަދޫ ސްކޫލް ހޯދައިފިއެވެ.

އެ ސްކޫލުން މި ފަޚުރިވެރި މިވަނަ ހޯދީ އައްޑޫ ތިން ސްކޫލަކާ ވާދަކޮށްގެންނެވެ. އެއީ ހިތަދޫ ސްކޫލް ފަދައިން އެންމެ ފޯރީގައި މިކުޅިވަރު ކުޅެމުން އަންނަ ފޭދޫސްކޫލާއި، ޝަރަފުއްދީން ސްކޫލާއި އައްޑޫ ހައިސްކޫލާ ވާދަކޮށްގެންނެވެ.
މި މުބާރާތުން ދެވަނަ ހޯދީ ޝަރަފުއްދީން ސްކޫލެވެ. ތިިތްވަނަ ހޯދީ ފޭދޫ ސްކޫލެވެ. ޖުމްލަ 83 އެތުލީޓުން ނުވަތަ ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ވަނަވަނައަށް އައިސް ސްކޫލްތަކަށާއި އެކި ހީޓުތަކުން ވަނަވަނަ ހޯދި އެތުލީޓުންނަށް ޝީލްޑާއި މެޑެލް ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.
މިރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ރޯވިންއަކީ އެމަނިކުފާނު ރާއްޖެއަށް ތައާރަފް ކުރެއްވި ކުޅިވަރެއް ކަމަށެވެ. އެކަން ފެށިގެން އައީ ގދ. ތިނަދޫއިންނެވެ. އެހެންނަމަވެސް 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ނުގޮސް މަޑުޖެހިފައި އޮއްވައި އައްޑޫގައި އެކުޅިވަރު ހިނގަންފެށީ އެތައް ބައެއްގެ މަސައްކަތުން ކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބުގެ މަސައްކަތް ފާހަގަ ކުރެއްވިއެވެ.
މިއީ އެސްޓީއޯ، މިފްކޯ، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ އިން އިންތިޒާމް ކޮށްގެން ބޭއްވި މުބާރާތެކެވެ.