
"އެމްޓީސީސީ އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް 2019" ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ހިތަދޫ ސްވިންޓްރެކް ސަރަހައްދުގައި އޮންނާނެއެވެ.
މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މި ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:00 ގައި ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި މި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޯދި ސްކޫލްތަކަށް އިނާމާއި ޝީލްޑް ޙަވާލުކުރުން އޮންނާނެއެވެ. އިނާމާއި ޝީލްޑް ޙަވާލުކޮށްދެއްވާނީ ރައީސް ނަޝީދެވެ. މީގެ އިތުރަށް މުބާރާތުން އެކިވަނަތައް ހޮވުނު ދަރިވަރުންނަށް މެޑެލް ދިނުންވެސް އޮންނާނެއެވެ.
މިމުބާރާތުގައި 4 ސްކޫލަކުން 83 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެ ވާދަކޮށްފައިވާ ސްކޫލްތަކަކީ ފޭދޫ ސްކޫލް، އައްޑޫ ހައިސްކޫލް، ޝަރަފުއްދީން ސްކޫލް، ހިތަދޫ ސްކޫލެވެ. މިއީ ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ.