
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަޙުމަދު ފާއިޒު ހުސައިން އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު މިއަދު އެދިވަޑައިގެންފިއެވެ.
އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިނަކީ ކުރިން ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ޖޭއެސްސީގެ ލަފާގެ މަތީން ފާއިޒު ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށްޓަކައި އެނަން ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑީޔާރު ކަމަށް އައްޔަން ކުރައްވާނީ މަޖިލީހުން ރުހުން ދެއްވުމުނެވެ.
"ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް، ހދ. ވައިކަރަދޫ. ވައިޖެހޭގެ އަލްއުސްތާޛް އަޙްމަދު ފާއިޒް ހުސެއިން ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު އަޅުގަނޑު ފޮނުވައިފިން،" ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.