ޤާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމްކޯޓުން ނިންމައިފައިވާ ކަންކަމާ ގުޅޭ ގޮތުން ޖުޑީޝަލް ސާރަވިސް ކޮމޮޝަން (ޖޭއެސްސީ) އިން ފޮނުވި ރިޕޯރޓް މަޖިލީހުން ބަލައިގަނެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފި އެވެ. މިރިޕޯރޓް މަޖިލީހުން ބަލައިގެންފައިވަނީ 68 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
ޤާނޫނު އަސާސީއާ ޚިލާފަށް ސްޕްރީމް ކޯޓުން ނިންމައިފައިވާ ކަންތައްތައް ފާހަގަކޮށް އެކަމާބެހޭ ރިޕޯރޓެއް އެކުލަވާލާ މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ނިންމަވައިފައި ވަނީ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ޖަލްސާ އަށް މިމައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުން ޤާނޫނީ އިމުން ބޭރުވެފައިވާ މިންވަރު ދެނެގަނެ އެކަންކަމާ ބެހޭގޮތުން އެކުލަވާލެވުނު ރިޕޯރޓުގައި 17 މައްސަލައެއް ވަނީ ފާހަގަ ކުރައްވައިފައެވެ. މި ރިޕޯރޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބައެއް މެމްބަރުން ވިދާޅުވީ ޖޭއެއްސީގެ ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ވުރެވެސް، ސްޕްރީމް ކޯޓުން ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާ ކަންކަން އިތުރުވާނެކަމުގައެވެ. އެގޮތުން އިތުރު ބައެއް ކަންކަން ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. ބައެއް މެމްބަރުން ވަނީ ސްޕްރީމް ކޯޓްގައި މިހާރު ތިއްބެވި ފަނޑިޔާރުންނަށް ރައްޔިތުންގެ ޢިތުބާރު ނެތްކަމަށް ވިދާޅުވެ ހުރިހާ ފަނޑިޔާރުން ވަކިކުރެއްވުމަށް ގޮވާލައްވައިފައެވެ.
ޤާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމްކޯޓުން ނިންމައިފައިވާ ކަންކަމާ ގުޅޭ ރިޕޯރޓް ގައި ފާހަގަކުރައްވައިފައިވާ މައްސަލަ ތަކަކީ:
1 . މަޖިލީހާއި ޖޭއެސްސީއަށް ލިބިފައިވާ ބާރުތަކެއް ހަނިކޮށް މަޖިލީހާއި ޖޭއެސްސީގެ މަސައްކަތަށް ހުރަސް އެޅުން .
2. ޖޭއެސްސީގެ ޤާނޫނުގެ21 ވަނަ މާއްދާގެ (ބ) އުވާލާ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އިދާރީ ކަންކަން ބެލެހެއްޓުމާ ސްޕްރީމް ކޯޓުން އަމިއްލައަށް ޙަވާލުވުން .
3. ދިވެހި ރާއްޖޭގެ ކޯޓްތަކުގެ ޤާނޫނޫގެ އަށްވަނަ ބާބު 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން.
4. ވަކީލުންގެ ކަންކަން ބެލެހެއްޓުމާ ސްޕްރީމް ކޯޓުން އަމިއްލައަށް ޙަވާލުވުން.
5. 54 ޤާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓް ތަކުގައި ވަކާލާތު ކުރުން މަނާކުރުން.
6. އިސްތިއުނާފްކުރުމުގެ މުއްދަތު ކުޑަކޮށް، އެމުއްދަތާ ގުޅޭ ގޮތުން ކޯޓްތަކުގެ ޤާނޫނާއި ވަޒީފާ އާއި ބެހޭ ޤާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގައި ކަނޑައަޅައިފައިވާ މާއްދާތައް ސްޕްރީމް ކޯޓުން ބާޠިލް ކުރުން.
7. ދަށު ކޯޓްތަކުގެ ޤާޒީން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭގޮތުން ޤަވާޢިދެއްހަދައި ޤާނޫނީ ގޮތުން ޖޭއެސްސީއަށް ލިބިދީފައިވާ ބާރު ނެގުން.
8 . ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް، ދިއްގަރު ދާއިރާގެ މެމްބަރ އަޙުމަދު ނާޒިމްގެ މައްޗަށް ދަޢުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރުމުން އެއްމަސަލަ، ސްޕްރީމް ކޯރޓްގައި އިލްތިމާސް ކުރުމުގެ މުއްދަތު ހަމަވިތާ ހަތްމަސް ދުވަސް ފަހުން ދައުލަތުން ކުރި އިލްތިމާސް ސްޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމުމަށްފަހު ހަމަ އެނިންމުން، އޭގެ ތިން އަހަރު ދުވަސް ފަހުން އަލުން ބަލާ ބަދަލު ކުރުން.
9. ޖޭއެސްސީގެ ޤާނޫނާ ޚިލާފަށް ފަނޑިޔާރަކު މަސްޢޫލިއްޔަތުން އެކަހެރިކުރުން.
10.އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސާއި ނާއިބްރައީސްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވާކަމަށް ނިންމާ މަޤާމުން ވަކިކުރުން.
11. ސްޕްރީމްކޯޓްގެ އިސް ނެގުމަށް ސްމޯޓޯކޮށް ހިޔުމަންރައިޓްސް ކޮމިޝަންގެ މައްޗަށް މައްސަލައެއް ހިންގާ އެކޮމިޝަންގެ ބާރު ކަނޑުވާލާ، އެކޮމިޝަނުން ޢަމަލުކުރަންޖެހޭ ގައިޑްލައިނެއް ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފަށް ކަނޑައެޅުން،
12.ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ނުކުރުމަށް ސްޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަންގެ ޤާނޫނީ ޒިންމާއަދާ ކުރުމަށް ހުރަސް އެޅުން.
13.ސިވިލް ސާރވިސް ކޮމިޝަންގެ ކުރީގެ ރައީސް މުޙަމަދު ފަހުމީ ޙަސަން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސްޕްރީމްކޯޓުން ބާތިލްކުރުން.
14. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކުރުމުން މެމްބަރު ކަމުން ވަކިވާނެކަމަށް ނިންމުން.
15. ރައީސުލް ޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަޒީރުންގެ މަޖިލީސް މެމްބަރުންނާއި މިނިވަން މުޢައްސަސާތަކުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުހެ ރައީސް އަދި އެމަޖިލީހުގެ ނާއިބް ރައީސް އަދި ފަނޑިޔާރުންގެ ޢިތްބާރު ނެތްކަމާ މެދު މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ޞައްޙަވާނީ އެ ނިންމުން ސްޕްރީމްކޯޓުން ބަލާ ގޮތެއް ނިންމުމުން ކަމަށް ކަނޑައެޅުން.
16 އެކެއް ފެބްރުއަރީ 2018 ގައި ސްޕްރީމް ކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެކޯޓް ފަހުން ބާތިލް ކުރުން.
17. ސްޕްރީމް ކޯޓްގެ ސަރކިއުލާއާއި އާއްމު ސިޓީތައް މެދުވެރިކޮށް އެހެންކޯޓްތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި ރައްޔިތުން ތަބާވާންޖެހޭ ޤަވާއިދުތައް ހެދުން.