ކޯޓުތަކުގެ ނިންމުންތައް ޞައްޙަ ކަމާމެދު ގޮތްނިންމުމުގެ ބާރު ޖޭއެސްސީއަށް ލިބިގެން ނުވޭ: ސުޕްރީމް ކޯޓު

ކޯޓުތަކުގެ ނިންމުންތައް ޞައްޙަ ކަމާމެދު ގޮތްނިންމުމުގެ ޤާނޫނީ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބިގެން ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިއަދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ވިދާޅުވެފައިވަނީ އެކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ (ޑީޑީ) އާމެދު ފިޔަވަޅު ނޭޅުމަށް އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފުވެ ޖޭއެސްސީގެ ނިންމުން އަދިވެސް ދެމިއެބައޮތް ކަމަށް ވިދާޅުވެފައިވަނީ މިއަދު ނެރުއްވި އިތުރު އަމުރެއްގައެވެ.

ސުޕްރީމްކޯޓުން މިއަދު ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ އެ ކޯޓުން މިމަހު 13 ވަނަ ދުވަހު ނެރުއްވާފައިވާ ޙުކުމާ ޚިލާފަށް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުޢައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށެވެ.

ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަނާމެދު ޖޭއެސްސީން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ތާއިދު ކުރައްވައި އެއީ ޞައްޙަ ނިންމުމެއް ކަމަށް ކަނޑައަޅުއްވައިފައެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުއްވި އަމުރުގައި ވެސް ވިދާޅުވެފައިވަނީ ޢަދުލު އިންސާފު ޤާއިމް ކުރެއްވުމުގެ އެންމެ އިސްފަރާތަކީ ނުވަތަ ފަހުބަސް ވިދާޅުވާ ފަރާތަކީ ސުޕްރީމްކޯޓު ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާން ކުރައްވައިފައިވާ ކަމަށެވެ. އެހެންކަމުން އެކޯޓުން ނިންމަވާ ނިންމެވުންތަކަށް ހުރިހާފަރާތްތަކުން ބޯލަނބައި ޤާނޫނީ ވެރިކަން ހިންގަން އެހީތެރިވާންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ޢަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ އިސްފަރާތުގެ ޙައިސިއްޔަތުން އެކޯޓުން ނިންމަވާ ނިންމެވުންތަކުގެ ޞައްޙަކަމާ މެދު ގޮތް ނިންމުމުގެ ބާރު ޖޭއެސްސީއަށް ނެތް ކަމަށް އެމުރުގައިވެއެވެ.

ކޯޓުތަކުން ނިންމަވާ ނިންމެވުންތަކަކީ ދައުލަތުގެ ހުރިހާ މުޢައްސަސާތަކުން ޢަމަލު ކުރަންޖެހޭއިރު ޖޫން 13 ގައި ސުޕްރީމްކޯޓުން ނެރުއްވި އަމުރު ޤަބޫލު ނުކުރައްވަން ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމެވި ނިންމެވުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސުޕްރީމްކޯޓުގެ މިއަދުގެ އަމުރުގައި ވިދާޅުވެފައިވަނީ އެކޯޓުގެ އަމުރު ޤަބޫލު ނުކުރަން ޖޭއެސްސީން ނިންމެވި ނިންމެވުމަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑާލުން ކަމަށާއި އެއީ ދުސްތޫރީ އަދި ޤާނޫނާވެސް ޚިލާފް އަމަލެއް ކަމަށެވެ.

މިއަދުގެ އަމުރުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ޖޭއެސްސީން ހިންގާ ކޮންމެ އިޖްރާތެއް ބާތިލްވާނެ ކަމަށެވެ. އަދި އޭގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެނިހެން މުޢައްސަސާއަކުން ނިންމާ ނިންމުންތައް ވެސް ބާތިލްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބުނެވިދިޔަ ނިންމެވުމުގެ މައްޗަށް ބިނާކޮށް އެކޮމިޝަނުން ނިންމާ ކޮންމެ ނިންމެވުމަކީ އޭގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ އެއްވެސް ނަތީޖާއެއް ތަރުތީބުވެގެން ނުދާނެ ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ނިންމެވުމެއް ކަމަށާއި އަދި ސުޕްރީމްކޯޓުގެ ބުނެވުނު އަމުރާ ޚިލާފަށް އެކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ އެއަށް ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް ލިބިގެންނުވާ މުތުލަޤު ސިފައެއްގައި ބާޠިލް ނިންމުމެއް،" ސުޕްރީމް ކޯޓުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.