
ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް ވަޑައިގެންނެވުމުގައި އެމަނިކުފާނުގެ އޮތީ އެންމެ ދަހިވެތިކަމެއް ކަމަށް އެޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
މާމިގިލީގައި ރޭ ބޭއްވި ޖޭޕީގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ގާސިމް އިބްރާހީމަކީ ހުރިހާ ކަމަކުން ފުދިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ގިނަ މަގާމްތަކެއް ސަރުކާރުގައި ވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސައުދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަބަދުވެސް ބޭނުންވަނީ ތަރައްގީއާއި ކުރިއެރުން ކަމަށެވެ. އަދި ސަރުކާރުން ދެއްވާ ޚިދުމަތްތައް ވެސް ވީހާވެސް ލުއިފަސޭހަކޮށް ލިބުމަކީވެސް ރައްޔިތުން ބޭނުންވާ ކަމަށެވެ. ރާއްޖޭގެ ވެރިކަމަށް ގާސީމް އިންތިޚާބު ކޮށްދެއްވައިނަމަ ލުއިފަސޭހަ ނިޒާމަކުން ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެ ގޮތްތަކެއް އެމަނިކުފާނު ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
ގާސިމް އިބްރާމަކީ އަބަދުވެސް ތަރައްގީގެ ދުރުވިސްނޭ ޕްލޭނެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ. ލެޕްޓޮޕް ބޭނުން ކޮށްގެން ކުދިންނަށް ކިޔަވައި ދެއްވުމަކީ ވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނުކުފާނު ވަޢުދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެފަދަ ވިޝަނަރީ ލީޑަރަކު ރާއްޖޭގެ ވެރިކަމަށް ނުގެންނަންވީ އެއްވެސް ސަބަބެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ކުރިއަށްއޮތް ލޯކަލްކައުންސިލް އންތިޚާބު ވަރަށް ސީރިއަސްކޮށް ނަގަންޖެހޭ ކަމަށެވެ. އެއިންތިޚާބުން ޖޭޕީއަށް މެޖޯރިޓީ ހޯއްދަވައި ދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ. މެޖޯރިޓީ ހޯއްދަވައި ދެއްވައިފި ކަމަށްވާނަމަ މާމިގިއްޔަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ޖޭޕީގެ ފިކުރަކީ އެއްވަނަ ފިކުރުކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީއިންތިޚާބުގައި ރާއްޖޭގެ ވެރިކަމަށް ގާސިމް ހޮއްވަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.