މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެންވަނީ ޤާސިމް އިބްރާހީމް: އަޙުމަދު ސައުދު

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެސް އެންމެ އެކަށީގެންވާ ބޭފުޅަކީ މިހާރުގެ ވެސް ރައީސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށް އެޕާޓީގެ ކައުންސިލް މެމްބަރ އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންވަންވަނީ އެބޭފުޅެއްގެ މައްޗަށް އެހެން މީހުންގެ ނުފޫޒު ނުފޯރުވޭ އަދި ރަބަރ ސްޓޭމްޕް ނުޖަހާނެ ވަރުގެ ޝަޚުސިއްޔަތެއް ކަމަށެވެ. އެކަންކަމަށް ބަލާއިރު އެފަދަ ބޭފުޅަކު ޤާސިމް ނޫނީ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތް ހިންގުމުގެ އެއްބާރު ކަމަށްވާ ޤާނޫނު ހެދުމުގެ ބާރުގެ އެންމެ އިސްވެރިއަކަށް ސަރުކާރުން ވިދާޅުވާހާ ގޮތަކަށް ޢަމަކުރައްވާ ބޭފުޅަކު ހުންނެވުމުން ކަންދިމާވި ގޮތް ނިމިގެން މިދާ ދައުރުން ފެނިގެން ހިނގައްޖެ ކަމަށް ވެސް ސަޢުދު ވިދާޅުވިއެވެ. އެހެންވީމާ މަޖިލީހުގެ ރައީސަކަށް ހޮވަންވާނީ އެއްވެސް ނުފޫޒެއް ނެތް، ވަކި ކޮޅަކަށް ބުރަނުވާ، ތަޖުރިބާކަރު ޤާބިލް ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސިފަތައް ހުރި ހަމައެކަނި ލީޑަރަކީ ޤާސިމް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ޤާސިމަށް ފުރުސަތު ދެއްވާފައި އެކަމަށް މިހާރު ކުރިމަތި ލައްވާފައިވާ ބޭފުޅުން ފަހަތަށް ޖެހިވަޑައިގެންނެވުމަށް ފަހު ޤާސިމަށް ފުރުސަތު ދެއްވުމަށް އޭނާ ގޮވވައިލެއްވިއެވެ.

ސައުދު ވިދާޅުވީ ކޯލިޝަން ސަރުކާރުގެ ފަސް އަހަރު ދެމެހެއްޓުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެކަން ކުރެއްވުމަށްޓަކައި ވެސް ޤާސިމަށް މަޖިލީސް ރައީސްކަން ދިނުން ވަރަށް މހިންމު ކަމަށާއި ކޯލިޝަންގެ ވަޢުދަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އިބްރާހީމްގެ ވިސްނުންފުޅާ އެއްގޮށް މަޖިލީހަށް ރައީސަކު އިންތިޚާބު ކުރައްވާނަމަ އެއީ ޤާސިމް ކަމަށް ވެސް ސަޢުދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އިދިކޮޅު ފަރާތްތަކާއި ގުޅި ސަރުކާރުގެ މެނިފެސްޓޯގެ ބައެއް ވައުދު ފުއްދަން ބިލު ފާސްކުރަން ކަޑައެޅިގެން ދެކޮޅު ހަދާ މީހަކު މަޖިލީހުގެ ރައީސް ކަމުގައި ބަހެއްޓުމަކީ ރައްޔިތުންނަށްވެސް ވެވޭ ބޭއިންސާފެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.