
ޖުމްހޫރީޕާޓީ(ޖޭޕީ) ގެ ގޮފިތައް ހަދަން އޮންނަ ޤަވާޢިދު ނުވަތަ އުސޫލު އެ ޕާޓީގެ ކައުންސިލުން ބަދަލުކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފިއެވެ.
ޖޭޕީގެ ނާއިބު ރައީސް އަޙުމަދު ސަޢުދު ވިދޅުވީ ކުރިން އޮންނަ ގޮތުން ކޮންމެ ރަށެއްގައި ހެދެނީ އެޕާޓީގެ އެންމެ ގޮތްޕެކެވެ. އެހެންނަމަވެސް އިސްލާޙުކުރި ޤަވާއިދުގައި އޮންނާނީ ކިތަންމެ ގިނަ ގޮތްޕެއްވެސް ހެދިދާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢުދު ވިދާޅުވީ ކޮންމެ ގޮތްޕެއްގައިވެސް މަދުވެގެން 25 މީހުން ތިބެންޖެހޭނެ ކަމަށެވެ. އަދި ކޮންމެ ގޮތްޕެއްގައި ވެސް ކަނޑައެޅިފައިވާ މަޤާމްތަކަށް މީހުން އިންތިޚާބު ކުރަންވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން މިހާރުވަނީ އެޕާޓީއަށް މީހުން އިތުރުކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން ޕާޓީއަށް މީހުން ސޮއިކުރުމުގެ ރަސްމިއްޔާތުތައް ގާތްގާތުގައި އެޕާޓީން ދަނީ ބާއްވަމުންނެވެ.
ފަހަކަށް އައިސް އެންމެގިނަ މީހުން އެއްފަހަރާ ވަންނަމުންދާ އެއްޕާޓީއަކީވެސް އެއީއެވެ. ރައީސް ޔާމީން ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި ޕީޕީއެމްގެ އިސްމަޤާމްތަކުގައި އުޅުއްވި ގިނަބޭފުޅުންވަނީ ޖޭޕީއާ ގުޅިފައެވެ.