ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލަރުން ހޮއްވަވާއިރު މިއަދު ތަސްދީގު ކުރެއްވި ލާމަރުކަޒީ ގާނޫނުގެ އުސޫލުތައް ގަބޫލުކުރާ އަދި އެގާނޫނު ތަންފީޒު ކޮށްދޭނެ ކައުންސިލަރުން އިންތިޚާބު ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ މިއަދު ފެއްޓެވި ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ. " ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު ކުރާ އިލްތިމާސަކީ، ލޯކަލްކައުންސިލް އިންތިޚާބުގައި މެމްބަރުން ހޮއްވަވާއިރު، މި ގާނޫނުގައި މިހުރި އުސޫލުތައް ގަބޫލުކުރާ، މި ގާނޫނު ތަންފީޒު ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އިންތިޚާބު ކުރުމަށް އިސްކަން ދެއްވާށޭ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިރާއްޖެ ތަރައްގީ ކުރައްވާނީ ﷲ ގެ އިރާދާފުޅާއެކު ރައްޔިތުންނަށް ބާރުދެއްވައިގެން ރައްޔިތުން ބޭނުންވާ ގޮތަކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެބޮޑު އެއް ވައުދަކީ ޖަޒީރާ ވަންތަ ރާއްޖެއެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދު ކަމަށެވެ. އެގޮތަށް އެކަން ކުރެއްވޭނީ ރާއްޖޭގެ ހިންގުން ލާމަރުކަޒީ ކުރެވިގެން ކަމަށް އޭރުވެސް ވިދާޅުވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "ދާދި ދެންމެ އަޅުގަނޑު ތަސްދީގުކުރި ގާނޫނުން، އަޅުގަނޑު މި ދެންނެވި މުހިންމު މަސައްކަތުގެ ބިންގާ، އެޅިގެން އެދިޔައީ. ފުރިހަމަ މާނައިގައި ދިވެހިރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށިގެން މިދިޔައީ،" ރައީސް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރާއްޖެއޮތީ ލާމަރުކަޒީ ކުރެވިފައި ކަމަށް ވިޔަސް އޭރު އޮތީ ކައުންސިލްތަކުގެ އަތްފައި ބަނދެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު މިއަދު ތަސްދީގު ކުރެއްވި ގާނޫނަކީ ވަރަށް ގިނަ މަޝްވަރާ ތަކާއި ދިރާސާތަކާއި ތަޖުރިބާތަކާއެކު އެކުލަވައިލި ގާނޫނެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއީ، މި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ކުރެވުނު ވަރަށް މުހިންމު އިންވެސްޓްމަންޓެއް. މިކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ހޯދައިދިނުމުގެ ޒިންމާ އެންމެ ބޮޑަށް އުފުއްލަވަން ތިއްބެވި ބޭފުޅުންނަކީ ކައުންސިލަރުން،" ރައީސް ވިދާޅުވިއެވެ.