
ބޭރު ޤައުމުތަކުގައި އުޅޭއިރުވެސް ދިވެހިންނަކީ މުސްލިމުންކަން، އަބަދުވެސް ހަނދާންކޮށް، ދީނީ ވާޖިބުތަކަށް ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިންނަށް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި އިންޑިޔާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"ޢަޤީދާ ބަލިކަށިވެދާނެ ފަދަ އެއްވެސް ކަމަކަށް ފުރުޞަތު ދެއްވައިގެން ނުވާނެ. ބޭރު ޤައުމެއްގައި އުޅުނަސް، ކޮންމެ ދިވެއްސަކީ އަނެއް ދިވެހި މީހާގެ އެއްބަނޑުއެއްބަފާ އަޚެއްކަން ހަނދާނުގައި ބަހައްޓަވަންވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން، ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަޞީލަތަކީ، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅުން ބަދަހިކުރުންކަމަށެވެ. އެގުޅުން ކެނޑިގެންދާ ފަދަ ކަމެއް، މި ސަރުކާރުން ނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިންޑިޔާއާ އެކު ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަމަށް ވެސް ވިދާޅުވިއެވެ.