ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަނީ ދީނީ އެއްބައިވަންތަކަމުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޚް ވިދާޅުވީ އަޅުގަނޑުމެންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީ އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމްދީނުގެ ޞައްޙަ އަޤީދާ ކަމަށެވެ. އަދި އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަނީވެސް ދީނީ އެއްބައިވަންތަކަމުން ކަމަށެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުހިންމު ޒިކުރާ އާކުރާއިރު އަބަދުވެސް އެކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހަށްޓަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާމަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ. އެހެންކަމުން ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ މިވީ 894 އަހަރެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފަށައިފައިވާކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އޮތީ ހިޖުރައިން 1374 ވަނައަހަރުއެވެ. އެއީ މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައެވެ. އޭރު ބޮޑުވަޒީރަކަށް ހުންނެވީ ސުމުއްވުލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. އެނގިފައިވާ ގޮތުގައި އޭރުން ފެށިގެން 14 އަހަރުވާންދެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރިއެވެ. ރާއްޖެ އިސްލާމްވި ދުވަސް އަލުން ފާހަގަކުރަން ފަށްޓަވައިފައިވަނީ 33 އަހަރުގެ މެދު ކެނޑުމަކަށްފަހު ރައީސް މައުމޫނުގެ ވެރިކަމުގައި 2000 ވަނަ އަހަރުއެވެ. ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އިސްލާމީ ރޫޙު އާލާކޮށް ވަރުގަދަކުރުމަށްޓަކައެވެ. އަދި ދީނީ އެއްބައިވަންތަކަން ދަމަހައްޓައި އާލާކުރުމަށްޓަކައެވެ.