މިސަރުކާރުން ވަނީ ރާއްޖޭގެ ޖުޑިޝަރީ ހައިޖެކް ކޮށްފައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ޖުޑިޝަރީ ހައިޖެކްކޮށް އެތަނުގައި މިހާރު ހިނގަމުންދަނީ ރަނގަޅު ކަންތައްތަކެއް ނޫންކަމަށެވެ. އެކަންކަން ރަނގަޅުކޮށް ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަނީލޯންޑަރ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ ފަސް އަހަރުގެ ޖަލު ޙުކުމެއް އެމަނިކުފާނުގެ މައްޗަށް މިއަދު ކުރުމުން އެކަމާ މެދު ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ފަށައިފައި ކަމަށެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރެއްވި ޙުކުމަކީ އޭގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު އިއްވި ޙުކުމަކީ ސީދާ ސިޔާސީ ޙުކުމެއް ކަމަށެވެ. "އެއްވެސް ޙާލެއްގައި އަޅުގަނޑުމެން މިޙުކުމް ބަލައިނުގަންނަން. އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ޙިމާޔަތްކޮށް އެމަނިކުފާނު ދިފާޢު ކުރުމަށްޓަކައި ކުރަންޖެހުނު ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. ކުރިއަށްއޮތް ތަނުގައި މަޖިލިސްތެރޭގައި ވެސް އަޅުގަނޑުމެންގެ މަސައްކަތް ވަރުގަދަ ކުރާނަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެފަދަ ޙުކުމެއް ކޮންމެ ގޮތަކަށް ކުރިޔަސް ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށްވާނީ ރައީސް ޔާމީން ކަމަށެވެ. ކުރިއަށްއޮތްތަނުގައި މިހާރަށްވުރެ ބޮޑަށް ސަރުކާރު ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީގެ މައްޗަށް އެފަދަ ޙުކުމެއް ކުރެއްވިޔަސް ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށާއި ޤައުމު ހަމައަކަށް އެޅުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. "މިއީ އަޅުގަނޑުމެންނަށް ހިތާމަވެރި ދުވަހެއް، އެހެންނަމަވެސް ހިމާވެރި މިދުވަހުގައި އަޅުގަނޑުމެން ހިތްވަރު ލިބިގަންނަނީ ﷲ ގެ ޙަޟުރަތުން،" އާދަމް ޝަރީފް ވިދާޅުވިއެވެ.