ރައީސް ޔާމީންގެ މައްޗަށް ޙުކުމް އިއްވުން އަންނަމަހު ފަހެއްގައި

ރައީސް ޔާމީނާ ދެކޮޅަށްކުރާ މަނީ ލޯންޑަރިންގެ ދަޢުވާގެ ޚުލާސާ ބަޔާން އިއްވުމުގެ ޝަރީޢަތް މިއަދު ބާއްވައިފިއެވެ. މި ޝަރީޢަތުގައި ޚުލާސާ ބަޔާން ފުރަތަމަ އިއްވެވީ ދައުލަތުގެ ފަރާތުންނެވެ.

ޚުލާސާ ބަޔާން ކުށަހަޅަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދަޢުވާކުރައްވަނީ އެސްއޯއެފްއިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެމްއެމްޕީއާރްސީ އަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ. އެހެންނަމަވެސް އެފައިސާ އިންވެސްޓްކޮށް އެންޓިކޮރަޕްޝަން ކޮމިޝަނާއެކު ވެފައިވާ އެކްސްކްރޯ އެބައްބަސްވުމާ އެއްގޮތަށް ޢަމަލުނުކޮށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ރައްދުވާ ފަރާތުން އިންކާރު ކުރެއްވިޔަސް އޭސީސީގެ ކުރީގެ ނާއިބު ރައީސް ކަމާއި ފަހުން ރައީސްކަން ކުރެއްވި މުޢައްވިޒް ރަޝީދުގެ ހެކިބަސް ދެއްވަމުން ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާވެފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަން އޭސީސީގެ އޭރުގެ ރައީސް ޙަސަން ލުތުފީ ޔާމީނާ ބައްދަލުކޮށް އެކަން އެންގި ކަމަށްވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަން އެންގުމަށްފަހު މައްސަލަ ތަޙުޤީގުކުރަމުންދާ ވާހަކަ ލުތުފީ ޔާމީނަށް ދެންނެވި ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

ޚުލާސާ ބަޔާނުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ރައީސް ޔަމީން ވިދާޅުވެގެން ކަމަށް އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން ވިދާޅުވެފައިވާ ކަމަށެވެ.

މިމައްސަލައިގެ ދިފާޢުގައި ވާހަކަފުޅު ދައްކަވަމުން އެފައިސާއަކީ ޕީޕީއެމްގެ ކެމްޕޭން ފައިސާކަން ދެއްކުމަށް ދަޢުވާ ލިބޭފާތުން މަސައްކަތް ކުރިނަމަވެސް އޭރުގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ ހެކިބަހުން އެކަން ނަފީވާ ކަމަށްވެސް ވިދާޅުވިއެވެ. އަދީބު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ފައިސާ ބެލެހެއްޓި ނަމަވެސް އެއީ މާގިނަ ފައިސާތަކެއް ނޫން ކަމަށް ވިދާޅުވި ކަމަށް ވަކީލް ފާހަގަކުރެއްވިއެވެ.

އަދީބާއި ޒިޔަތުގެ ހެކިބަހަސް ބަލާއިރު ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ނަހަމަގޮތުގައި ހޯދައިފައިވާ ފައިސާކަން ޝައްކެއް ނުވާ މިންވަރަށް ސާބިތުވެފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

އެހެން ކަމުން ދައުލަތުން ދެކެވަޑައިގަންނަވަނީ އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އެއްޗެއް ކަމަށްވެސް ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އެފައިސާއަކީ ކެމްޕޭން ފައިސާ ކަމަށް ދަޢުވާ ލިބޭ ފަރާތުން ވިދާޅުވާކަމަށެވެ. ކެމްޕޭން ފައިސާ ކަމަށްވާނަމަ އެފައިސާ އިސްލާމިކް ބޭންކުގެ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށް އަމިއްލައަށް ނަފާ ހޯދަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

ޚުލާސް ބަޔާން ނިންމާލަމުން ދައުލަތުން ވިދާޅުވީ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއްމިލިއަން ޑޮލަރު އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި ޖަމާކޮށްފައިވަނީ މޫސާ ޒަމީރު އަތުން ހޯދި ފައިސާތަކެއް ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ. މި ސަބަބާއި އިސްވެ ފާޖަގަކޮށްފައިވާ ނުކުތާތަކާއި ހެކިވެރިންގެ ހެކިބަހުން ވެސް ޔާމީންގެ މައްޗަށް ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ދެއްވުމަށް ދައުލަތުން ވަނީ ޝަރީޢަތުގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

ޚުލާސާ ބަޔާން އިއްވަން ރައީސް ޔާމީންގެ ވަކީލުންނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެބޭފުޅުން ވަނީ ދަޢުވާއަށް އިންކާރު ކުރައްވައިފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލު ޚުލާސާ ބަޔާން އިއްވަނީ

އޭސީސީގެ ކުރީގެ ރައީސް މުޢައްވިޒު ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ދެއްވި ހެކިބަހުންވެސް އެފައިސާއަކީ ކޮންފައިސާއެއްކަން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އެއީ ދައުލަތުގެ ފައިސާއެއްތޯ އެއީ އެސްއޯއެފް ގެ ފައިސާއެއްތޯ ވެސް ނޭނގޭ ކަމަށް ވަކީލުން ވިދާޅުވިއެވެ. އެހެންވީމާ މި ދަޢުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުވާކަމަށް ވެސް ވިދާޅުވިއެވެ.

މުޢައްވިޒް ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ވަނީ ދޮގުހަދާފައި ކަމަށާއި ދަޢުވާލިބޭ ފަރާތާއެކު ރައީސް އޮފީހުގައި ބައްދަލުކުރި ކަމަށް އޭނާ ވިދާޅުވިޔަސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވަކީލް ވިދާޅުވިއެވެ. އަދި އެފަދަ ބައްދަލުވުމެއް ބޭއްވި ކަމުގެ އެއްވެސް ހެއްކެއްވެސް ދެއްކިފައިނުވާ ކަމަށް ޔާމީންގެ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ޔާމީނަކީ އެމްއެމްޕީއާރުސީގެ މައްސަލާގައި އެއްވެސް ތުހުމަތެއް ކުރެވިފައިވާ ބޭފުޅެއް ނޫންކަމަށް މުވަޢައްވިޒު ވިދާޅުވެފައިވާ ކަމަށާއި ދައުލަތުން ފާހަގަ ކުރެއްވި ގޮތަށް އަމިއްލަ މަންފާއެއް ހޯދަން ރައީސް ޔާމީން މަސައްކަތް ކުރެއްވުމުގެ އެއްވެސް ނިޔަތެއް ނުވަތަ ވިސްނުމެއް އޮތްނަމަ އެކްސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާވެސް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް ފައިދާ ހޯދުމަށް މަސައްކަތް ކުރެއްވީސް ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުން ހުށަހެޅި ހެކިތައް ދިރާސާ ކުރަން ބެލިއިރު ހެކިވެރިންގެ ބަޔާންތައް ނުލިބިގެން ދަތިތަކެއް ކުރިމަތިވި ކަމަށް ވެސް ރައީސް ޔާމީންގެ ވަކީލް ވިދާޅުވިއެވެ. އެކަން ފާހަގަ ކުރެއްވުމުން އިސް ގާޒީ ވިދާޅުވީ ކޯޓުން ކޮށްދޭންޖެހޭ ކަމެއް ނުކުރެވި އެކަން އެހެންވެފައި ނުވާނެ ކަމަށެވެ. އަދި ޚުލާސާ ބަޔާން އޮންނާނެކަން އެނގިވަޑައިގެންނެވީ ކޮން ދުވަހަކުތޯ ގާޒީ ހައިލް ސުވާލު ކުރެއްވިއެވެ.

ޔާމީން ވަކީލް ވިދާޅުވީ އެއްވެސް ޝައްކެއް ނުވާ މިންވަރަށް ކުށްސާބިތު ނުވާކަމަށްވާނަމަ އެމީހަކީ މައުސޫމު މީހެއް ކަމަށް ޤާނޫނުގައި ބުނެފައިވާ ކަމަށެވެ.

މި މައްސަލައިގެ އެންމެފަހުގެ އަޑުއެހުންތައް މިނިމުނީއެވެ. ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުމެވެ. ކްރިމިނަލް ކޯޓުން މިހާރު ނިންމާފައިވަނީ އަންނަމަހު 5 ގައި މިމައްސަލައިގެ ޙުކުމް އިއްވުމަށެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.