
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނާއިބު ރައީސަކަށް އެކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް އިންތިޚާބު ކޮށްފައެވެ.
އޭނާ އެމަޤާމަށް އިންތިޚާބު ކުރެއްވީ މިއަދު ބޭއްވި އީސީގެ ކުއްލި ޖަލްސާގައެވެ. އަކުރަމަކީ އީސީގެ ތަރުޖަމާނެއްގެ ޙައިސިއްޔަތުން ނޫސްވެރިންނާ ވަރަށް ގާތްގުޅުމެއް ބާއްވަމުން ގެންދަވާ މީޑިއާއާ ވަރަށް ރަޙުމަތްތެރި ބޭފުޅެކެވެ.
އަކުރަމް އީސީއާ ގުޅިވަޑައިގެންނެވީ 2015 ވަނަ އަރުއެވެ. އެކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އިންތިޚާބުކުރަނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަކުރަމު ނާއިބަކަށް އިންތިޚާބުވެ ވަޑައިގެންނެވީ އަލަށް އެކޮމިޝަނާ މިފަހަރު ގުޅިވަޑައިގެންނެވި ފުވާދު ތައުފީގާ ވާދަކޮށްގެންނެވެ. އީސީގެ ނާއިބަކަށް އެންމެފަހުން ހުންނެވީ އަޖުވަދު މުސްތަފާއެވެ.
ނާއިބު ކަމަށް އަކުރަމާ ވާދަކުރެއްވި ފުވާދު ތައުފީގަކީ އިލެކްޝަންސް ކޮމިޝަނަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އެންމެ ފަހުން އައްޔަން ކުރެއްވި މެމްބަރެވެ. އީސީން ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.
ފުވާދަކީ މީގެ ކުރިން އެކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެވެ. އީސީގެ މިހާރުގެ ރައީސަކީ އަޙުމަދު ޝަރީފް އާދަމެވެ.