
ފ. ނިލަންދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމަށް ފެނަކަ އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
މިއީ ޖުމުލަ 42.3 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ ހަ މަސް ދުވަހެވެ.
ނިލަންދޫގެ ނަރުދަމާ ނިޒާމަކީ 15 އަހަރުވީ ނިޒާމެކެވެ. މި މަސައްކަތުގެ ދަށުން އެ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހެދުމާއި ޕަންޕުތަކާއި އެހެނިހެން ތަކެތި ބަދަލުކުރުމާއި ސީއައުޓް ފޯލްއެއް އެޅުމާއި ސްވާ ޖެޓިން މެޝިނެއް ފޯރުކޮށްދިނުން ހިމެނެ އެވެ.