ރޭގެ އެކްސިޑެންޓު ހިނގިކަމެއް ޑްރައިވަރަށް ނޭނގޭ: ޝާހު

ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއް: ފައިލް ފޮޓޯ

ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކުޑަކުއްޖަކު މަރުވެގެންދިޔައިރު ވެސް އެ އެކުސިޑެންޓު ހިނގިކަމެއް ބަސް ޑްރައިވަރަށް އެނގިފައި ނުވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ ބަހާއި ސައިކަލު ވެސް ދުއްވަމުން ގެންދިޔައީ ރަނގަޅު ލޭނުން ކަމަށް އޭނާއަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވީމާ އެކްސިޑެންޓުވި ސަބަބު އަދިވެސް ޔަގީން ނުވާކަމަށެވެ. އެކަން އެނގޭނީ ފުލުހުންގެ ތަހުގީގަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުންގެ ތަހުގީގު ރިޕޯޓު އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ރޭގެ އެކްސިޑެންޓުގައ ބަހުގައި ސައިކަލުން ޖެހުނުކަން ޑްރައިވަރަށް ނޭނގޭ ކަމަށް އޭނާ ބުނާ ކަމަށެވެ. މަޑުނުކޮށްދިޔައީވެސް އެހެންވެ ކަމަށް ޝާހު ވިދާޅުވިއެވެ. "އެކުސިޑެންޓެއް ހިނގި ކަމުގެ އެއްވެސް ނިޝާނެއް ބަހުން ވެސް ފެންނަންނެތް. އެއްވެސް ވަރެއްގެ ގެއްލުމެއް، ކޫރުމެއްވެސްނެތް ބަހުގައި އެޅިފައި. އެފަދަ ބޮޑު އެކްސިޑެންޓެއްވެ ކުއްޖަކު މަރުވިވެގެންދިޔައިރު ޑްރައިވަރުގެ އިތުރުން ބަހުގައިތިބި ފަސިންޖަރުންނަށް ވެސް އެނގެންވާނެތާ. އަދި އެނގުނުނަމަ ފަސިންޖަރުން ހަޅޭއްލަވައިގެން ނަމަވެސް ޑްރައިވަރުގެ ސަމާލުކަމަށް ގެންނާނެ ކަމަށް ބެލެވޭ. އެހެންނަމަވެސް ފަސިންޖަރުންނަށް ވެސް އެކްސިޑެންޓު ހިނގިކަން އެނގުނުކަމަށް ނުވޭ،" ޝާހު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ ރޭ ދަންވަރު 2:00 ވަންދެން އޭނާ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުންނެވި ކަމަށެވެ. އޭރުވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އެނގިފައި ނުވާކަމަށެވެ. "އެކަން އެނގޭނީފުލުހުންގެ ތަހުގީގަށްފަހު،" ޝާހު ވިދާޅުވިއެވެ.

ހުޅުމާލޭގައި ދުއްވި އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރައިންގެ މީހަކު ވެސް ވަނީ މީގެ ކުރިން މަރުވެފައެވެ. އެ އެކުސިޑެންޓު ހިނގާފައިވަނީ ޑުރައިވަރަށް ނިދިޖެހިގެން ކަމަށް އޭރުވަނީ ބުނެފައެވެ. މިފަހަރު މިއޮތީ އެކްސިޑެންޓު ހިނގިކަން ޑުރައިވަރަށް ނޭނގިފައެވެ.

ޔުކްރައިން މީހާ މަރުވި ހާދިސާއަށްފަހު އެމްޓީސީސީން ގެންދަނީ ޑްރައިވަރުން ހޭލުންތެރި ކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގަމުން ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ރޭގެ އެކްސިޑެންޓުވިއިރު ބަސް ދުއްވަންއިން މީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަންއިނީ މަރުވި ކުއްޖާގެ މަންމައެވެ. އެއީ ގދ. މަޑަވެލީ މީހެކެވެ. ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އޭނާއަށް ފަރުވާ ދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ތި ބަސްތައް ދުއްވުމުގައި ޑްރައިވަރުންގެ ފަރުވާ ވަރަށްކުޑަ، ދަރިއަކު މަރުވުމުން ތަމްރީނުދޭވާހަ ބުނިނަމަވެސް އެތަމުރީނުގެ ނަތީޖާއެއް ނުފެނޭ، ދެބުރި ބަހުން ކުރި ދަތުރެއްގައި މައްޗަށްއަރައަރާހުއްޓާ ކުއްލިއަކަށް ދުއްވާލައި ބަސްތެރެއަށް މީހާ ވެއްޓި އަނިޔާވެފައި އެބަހުރި އެއީ ބަލަން ޖެހޭ ވަރަށް ނުބަލާތީ ވާ ކަންކަން،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.