3 ނޮވެމްބަރު 1988 ގެ ޢުދުވާނީ ޙަމަލާ

ގްރެފިކް އިލަސްޓްރޭޝަން؛ އެމްއެންޑީއެފް

"ނިދާފައި ތިއްބާ ކުއްލިއަކަށް އެންމެ ފުރަތަމަވެސް އިވުނީ ނާށިތަޅާ އަޑުފަދަ އަޑުތަކެކެވެ. (މިއީ އޭކޭ47 އާއި ޖީ3 އާއި އަދިވެސް އެފަދަ ބަޑިތައް ތަޅާ އަޑެވެ. މީގެ ތެރޭގައި ދުޝްމިނުންގެ މީސްމީހުން ބޭތިއްބި ތާނގައި ސަމާލުވެ ތިބި ކަމަށް އެންގުމަށް އިރުއިރުކޮޅާ ޖަހަމުން ގެންދިޔަ ބަޑީގެ އަޑުން ވަކީން ޚާއްސަކޮށް ވައްތަރީ ފޫނާށީގެ ދެނާށި ޖަހާ އަޑާއެވެ.) ކޮންމެއަކަސް ގިނަ ބަޔަކު ހީކުރި ގޮތުގައި އެއީ ރާއްޖޭގެ ސިފައިން އެގާރަ ނޮވެމްބަރަށް ތައްޔާރުވުމަށްޓަކައި ކުރާ ތަމްރީނުތަކެއްގެ އަޑެވެ. ނޫނީ ބަޑި ގުދަން ފަދަ ތަނެއްގައި ރޯވީއެވެ. ނަމަވެސް ކުޑައިރުކޮޅަކުން އިވެމުން ދިޔަ އަޑުފަށްގަނޑަކީ ފިލްމު ފިލްމުން ފެނި އިވޭފަދަ ބިރުވެރި ހަނގުރާމައެއްގެ އަޑުކަން އެންމެންނަށްވެސް އެނގިއްޖެއެވެ. އަދި ހަމަނުޖެހުމެއް އެބަ ހިނގާކަންވެސް އެނގިއްޖެއެވެ." ނޮވެމްބަރު ތިނެއްގެ ޢުދުވަނީ ޙަމަލާ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 3 ނޮވެމްބަރ 1991)

މަތީގައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ފޮތުގައި 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގެ ފެށުން ސިފަ ކުރުމުގެ ގޮތުން ލިޔެފައި އޮތް އިބާރާތްކޮޅެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެވެ.

ރާއްޖޭގައި އޭރު އޮތް ސަރުކާރު ބަދަލުކޮށްލުމަށްޓަކައި ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 42 މީހުނާ އެކު ސްރީލަންކާގެ މުއްލިކުލަމުން ފުރީ 29 އޮކްޓޯބަރު 1988 ދުވަހުގެ ރޭ 8.30 ގައެވެ. ދަތުރުމަތީގައި ކަނޑުމަތިން އިތުރު މަސް ބޯޓެއް ފޭރިގަތެވެ. މާލެ ދަތުރު ކުރަމުން އައީ ދެ ބޯޓުގައެވެ. މާލޭގެ ބަނދަރަށް ދެ ބޯޓު ވަނީ ލުޠުފީއާއި ނާޞިރާ ދެ މީހުން ދެ ބޯޓުގެ ހުންގާނުގައި ތިބެގެންނެވެ. ދެ ބޯޓު މާލޭގައި އޭރު އަލަށް ހަދާ ބޮޑު ފާލަމާ ދިމާއިން ފަޅުތެރެއަށް ވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 3.30 ގައެވެ.

ވަސަންތީ ހަނގުރާާމަވެރިންގެ ބަޔަކު ގޮވައިގެން އެއްގަމަށް ފައިބައިގެން ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް އޭރުގެ އެއަރ މޯލްޑިވްސް (މިހާރުގެ ފުލުސް އޮފީހުގެ ބޮޑުތަކުރުފާާނު މަގަށްވާ ގޮތަށް ހުރި ބައިގެ) ކަންމަތީގައި ތިބެގެން ސިފައިންގޭގެ މައި ދޮރާ ދިމާއަށް ބަޑި ޖަހަން ފަށައިފިއެވެ. ފުރަތަމަ ހަމަލާއާއެކު ސިފައިންގެ މައި ދޮރާށީގެ ފޯރިއަށް ތިބި މީހުން ބަޑި ޖަހަން ފަށައިފިއެވެ. ފުރަތަމަ ރައްދު ހަމަލާ ދިނީ މިއަދުގެ ބަޠަލު ޝަހީދު ޙުސައިން އާދަމެވެ. އޭނާގެ ހަމަލާގެ ސަބަބުން ތަމަޅައިން ވަރަށް ބޮޑަށް ސިހިއްޖެއެވެ. އެމީހުންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި މާލޭ ސިފައިންގެ ބަޑިއަކު ވަޒަނެއް ނުހުންނާނެއެވެ. އެހެންވީމާ ބަޑިތަޅައިގެންފައި ދުއްވައިގަތީމާ ސިފައިންގެއަށް ވަންނާކަށް އުނދަގުލެއް ނުވާނެއެވެ. ޙުސައިން އާދަމް ޝަހީދުވީ އަތުގައި ހުރި ވަޒަން ހުސްވެގެން އޭނާާގެ ހަމަލާ ހުއްޓާލަން ޖެހުނު ވަގުތު ތަމަޅައިން ދިން ހަމަލާގައެވެ.

ގްރެފިކް އިލަސްޓްރޭޝަން: އެމްއެންޑީއެފް

ބާޣީން ގެ އެކި ގްރޫޕްތައް ދިޔައީ އެކި ދިމާއަށެވެ. އެއް ގްރޫޕުގެ ވެރިއަކަށް ލުޠުފީވެސް ހުއްޓެވެ. މާ ގިނަ އިރުތަކެއް ނުވެ ތިން ދިމާއަކުން ސިފައިންގެއަށް ހަމަލާ ދޭން ފަށައިފިއެވެ. ފުރަގަހުން ހަމަލާ ދިން މީހުންގެ ރޮކެޓު ހަމަލާއަކުން ސިފައންގެ ފާރުން ބާގަނޑެއް ހެދުނެވެ. (އެ ބާގަނޑު ހުރި ތަން ފެންނަ ގޮތަށް މިހާރުވެސް ހަނދާނީ ނިޝާނެއް ހަދާފައި އެހެރީއެވެ. ސަލްޓަންޕާކާ ދިމާވާ ގޮތަށް ސިފައިންގެ ފުރަގަހުގައެވެ.) އެ ބާގަނޑުން ބާޣީން އެތެރެއަށް ވަންނާން މަސައްކަތް ކުރި ނަމަވެސް އެތެރެއިން އެ ދިމާއަށް ބަޑި ޖަހަން ފެށުމުން ވަދެވޭ ގޮތެއް ނުވިއެވެ. އެ ދިމާއަށް ދިޔަ ވަސަންތީ އާއި ޖޫލީ ސިފައިންގެ ހަމަލާގައި މަރު ވެގެން ވެއްޓިއްޖެއެވެ.

މާލެ ފޭބުމަށް ފަހު ލުޠުފީ ފުރަތަމަ ދިޔައީ އޭރުގެ ޑިފެންސް މިނިސްޓަރު އިލްޔާސް ދިރިއުޅުއްވާ މާފަންނު ކިނިބިގަސްދޮށުގެއަށެވެ. ނާޞިރު މިސްރާބު ޖެހީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ތީމުގެއަށެވެ.

ލުޠުފީއާއެކު ދިޔަ ތަމަޅައިންގެ ބައެއް މީހުން ކިނބިގަސްދޮށުގެ ދޮށުގައި ބައިތިއްބާފައި އޭނާ ހިނގައިގަތީ ހެންވޭރު މީނާާޒާ ދިމާއަށެވެ. އެއީ އޭރުގެ އެޓޮލްސް މިނިސްޓަރު ޢަބްދުﷲ ޙަމީދުގެ ގެކޮޅެވެ.

ލުޠުފީއަކަށް އިލްޔާސްވެސް ޙަމީދުވެސް އަތަކު ނުޖެހުނެވެ. ނާޞިރަކަށް ރައީސް މައުމޫނު އަތަކު ނުޖެހުނެވެ.

ނާޞިރު އޭނާާގެ ގުރޫޕު ގޮވައިގެން ގޮސް ތީމުގެއަށް ބަޑި ޖަހަން އަންގައިފިއެވެ. އެމީހުން ބިންމަތީގައި ބަނޑުޖަހައިގެން ތިބެ ތީމުގެޔާ ދިމާއަށް ބަޑި ޖަހަން ފެށުމާއެކު އެ ގޭގައި ފޯރިއަށް ތިބި މީހުންވެސް ބަޑި ޖަހަން ފަށައިފިއެވެ. އިރުކޮޅަކު ހަމަލާ ދީފައި އެ މީހުން އެތަނުން ދުރަށް ހިނގައްޖެއެވެ. ނާސިރުމެނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރު ރައީސް މައުމޫނު ރާއްޖެއަކު ނޫޅުއްވައެވެ. އެކަމަކު އޭރު އެމަނިކުފާނު ހުންނެވީ ތީމުގޭގައެވެ.  

އިރު އަރަން އުޅެނިކޮށް ރައީސް މައުމޫން ތީމުގެއިން ނުކުމެވަޑައިގެން ވަޑައިގަތީ މާާފަންނު ގުލިސްތާނު ގެއަށެވެ. އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އޭރު އުމުރުފުޅުން އެންމެ 8 އަހަރުގެ ޣައްސާން މައުމޫން ވަޑައިގަތެވެ. މީގެ އިތުރަށް އާދަމް ނަޢީމާއި ސިފައިންގެ ބޭކަލަކު ދުރުވިއެވެ.

ލުޠުފީ މީނާޒަށް ގޮސް އެ ގެއަށް ބަޑި ޖަހައި "ޙަމީދު ނުކުންނާށޭ' ގޮވައި ހަޅޭއް ލަވައި ހެދިއެވެ. ތަމަޅައިންވެސް އޭނާ ގޮވި ގޮތަށް ގޮވަމުން ދިޔައެވެ. ދޮރާށްޓަށް ބަޑި ޖަހައި ހަލާކު ކޮށްލައިގެން ގޯތި ތެރެއަށް ވަދެ ގޭގެ މައި ދޮރަަށްވެސް ބަޑި ޖެހިއެވެ. އޭރު ޢަބްދުﷲ ޙަމީދާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ގޭގައި ތިއްބެވިއެވެ. އެހެންނަމަވެސް އޭނާއަކަށް އެއިން ބޭފުޅަކު އަތު ޖެހޭ ގޮތެއް ނުވިއެވެ. އޭގެ ފަހުން ދިޔައީ މާލޭ އިންޖީނު ގެއަށެވެ. އެތަނަށް ގޮސް އިންޖީނުތައް ނިއްވުވާފައި ދެން ދިޔައީ ޕޯސްޓަލް ބިލްޑިންގަށެވެ. އެތަނަށް ގޮސް ދޮރު ހަލާކުކޮށްލަން ތަމަޅައިން ލައްވައި ބަޑި ޖެއްސުވިއެވެ. ދޮރު ހަލާކު ވާ ގޮތެއް ނުވިއެވެ. އެ ތަނަށް ވަންނާން އުޅުނީ މުވާސަލާތުގެ ޚިދުމަތާއި ރޭޑިއޯގެ ޚިދުމަތް ހުއްޓުވާށެވެ. އެކަމެއް އެއްގޮތަކަށްވެސް ނުވިއެވެ.

އޭރުވެސް ސިފައިންގެއަށް ދެމުން ދިޔަ ހަމަލާތައް ނުހުއްޓެއެވެ. ހަމަލާތައް އަންނަނީ ކޮން ދިމަދިމާއަކުންކަމެއް އެތެރޭގައި ތިބި ސިފައިންނަކަށް ކަނދައެޅިގެން ފާހަގައެއް ނުކުރެވެއެވެ. އެހެންވީމާ ސިފައިންގެއިން ބަޔަކު ނުކުމެ ހަމަލާ އަންނަ ދިމާ ފާާހަގަ ކުރެވޭތޯ ބަލަން ނިންމިއެވެ. ފުރަތަމަ ނިންމީ ބަހުގައި ނުކުންނާށެވެ. އޭރު ސިފައިންގޭގައި ބޭނުންކުރާ މިނީ ބަސްތަކަަކަށް ސިފައިން އެރުމަށް ފަހު ކުރީގައި ޓްރެކްޓަރެއް އޮވެގެން ނުކުންނާން ދިޔަ ދިއުމުގައި ޓްރެކްޓަރު ސިފައިންގޭގެ ދަގަނޑު ދޮރާށީގައި ތާށި ވެއްޖެއެވެ. ކުރިއަކަށްވެސް ފަހަތަކަށްވެސް ގުޑައެއް ނުލިއެވެ. އޭރު އިރު އަރައި ދެތިން ގަޑި އިރު ވެއްޖެއެވެ.

ދެން ނިންމީ ފައިމަގުގައި ސިފައިންގެ ބަޔަކު ނުކުންނާށެވެ. ނުކުންނާން ހަމަޖެއްސި ގުރޫޕުގެ ކޮމާންޑަރަކަށް ހުންނެވީ މޭޖަރ މޫސާ ޢަލީ ޖަލީލެވެ. އޭނާޔާއެކު ސިފައިންގެ 11 މީހަކު ނުކުތެވެ. އެމީހުން ނުކުތުމާއެކު ތަމަޅައިން އެމީހުނާ ދިމާއަށް ބަޑި ޖަހަން ފަށައިފިއެވެ. އެ ހަމަލާގައި ސިފައިންގެ ދެ ބޭކަލަކު ޝަހީދުވިއެވެ. އެކަމަކު މޫސާ ޢަލީ ޖަލީލުގެ ފައުޖު އެނބުރި ސިފައިންގެއަށް ވަނީ ހަމަލާ އަންނަ ދިމަދިމާ ފާހަގަ ކޮށްގެންނެވެ.

ސިފައިންގެއިން ހަމަލާ ދިނުން ހުއްޓައެއް ނުލައެވެ. ބާޣީންގެ ހިތްވަރު އެލޭ ގޮތް ވާން ފަށައިފިއެވެ. ބަނޑުހައިވާާން ފަށާއިފިއެވެ. ލީޑަރުންގެ ގޮތުގައި އައި ވަސަންތީއާއި ޖޫލީ މަރުވީކަން ތަމަޅައިންނަށް އެނގިއްޖެއެވެ. އެޔާއެކު ލުޠުފީއާ ޒުވާބު ކުރަން ފަށައިފިއވެ. ކަލޭ ބުނި ގޮތަކަށް އެއްވެސް ކަމެއް ނުވިއޭ، ކަލޭ ދިން ސިފައިންގެ ޗާޓުވެސް ނުބައޭ ކިޔައިގެން ރުޅި ބާާލަން ފަށައިފިއެވެ.

ނާޞިރު ގޮސް ބާޒާރުމަތީ ފިހާރައަކުން ސޭޓަށް ބަޑި ދައްކައިގެން ދަޅާއި ބިސްކޯދު ހޯދައިފިއެވެ. އެކަމަކު އެއީ ހެނދުނުގެ ނާސްތާއެވެ. މެންދުރަށް ވީއިރު މާާ ބޮޑަށް ބަނޑުހައިވެ ކާ އެއްޗެއް ހޯދާށޭ ކިޔައި ތަމަޅައިން މައްސަލަ ޖައްސާން ފަށައިފިއެވެ.

ނާޞިރު އަޙްމަދީ ބާޒާރުގައި ހުންނަ ޑޯން ކެފޭއަށް ގޮސް ރިހަ ބާލިދީއަކާއި ރޮށްޓާ ގެނެސްދީފިއެވެ.

އޭރު ނާކާމިޔާބު ވެއްޖެ ކަމަށް ވިސްނި، ފިލުމުގެ މަސައްކަތް ފަށައިފިއެވެ. ތަމަޅައިންގެ ބަޔަކާއެކު ފަޅު ތެރެއިން ދޯންޏެއް އަތުލައިގަނެ، އެ ދޯނިގައި ގޮސް ލުޠުފީ އެރީ ބަނދަރުގައި އޮތް "ޕްރޮގްރެސް ލައިޓް" ނަމަކަށް ކިޔާ ބޯޓަކަށެވެ. އެއީ މޯލްޑިވްސް ޝިޕް މެނޭޖްމަންޓް ލިމިޓެޑްގެ ބޯޓެކެވެ. ލުޠުފީ ދަމުން ނާޞިރަށް ނޯޓެއް ފޮނުވިއެވެ. އެ ނޯޓުގައި އޮތީ މާާލެ ތެރެއިން އަތުލައިގަނެގެން ގެންނަން ޖެހޭ މީހުންގެ ލިސްޓެކެވެ. ނާޞިރުގެ މަސައްކަތުން އަތު ޖެހުނީ ލިސްޓުގައި ތިބި މީހުންގެ ތެރެއިން ދެ މީހެކެވެ. އެއީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަޙްމަދު މުޖުތަބާއާއި މއ. ބޯގަންވިލާ އިސްމާޢީލް ނަޞީރެވެ. އެހެން މީހަކު އަތު ޖެހޭ ގޮތެއް ނުވިއެވެ. މުޖުތަބާ ގެނައި އިރު އެމަނިކުފާނުގެ އަނބިކަނބަލުން އުރުސުލާވެސް ގެނައެވެ.

ނާޞިރު އަތުލައިގަތް ދެ ބޭފުޅުންނާއެކު ރަހީނުންގެ ގޮތުގައި އިތުރު 11 މީހަކު ޕްރޮގްރެސް ލައިޓަށް އެރުވިއެވެ. ފަހަރަކު ބަޔަކު އަރަމުން ގޮސް އެންމެ ފަހުގެ ގުރޫޕު ބޯޓަށް އެރީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ 10 ޖެހި އިރުއެވެ. ބޯޓު ފުރުމާއެކު ލުޠުފީ އެންގީ ޖާާވާއާ ދިމާއަށް މިސްރާބު ޖަހާށެވެ.

ބާޣީން ފިލުމާއެކު ދިވެހިންނަށް ނަޞްރު ލިބުނުކަން ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އިއުލާނު ކުރެއްވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 7.40 ގައި ދިވެހިރާއްޖޭގެ އަޑުންނެވެ. ފުރަތަމަ ފޮނުވީ ނަޞްރު ސޫރަތެވެ. ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވީ އޭގެ ފަހުންނެވެ.

ބޭރުގެ އެހީ

ތީމުގެ ގެއިން ނުކުމެވަޑައިގެން ގުލިސްތާނުގެއަށް ވަޑައިގަތުމަށް ފަހު ރައީސް މައުމޫންގެ ވިދާޅުވުމަކަށް ތީމުގެއަށް ވަޑައިގެން ކޯޑްލެސް ފޯނެއް ގެނެސްދެއްވީ އާދަމް ނަޢީމެވެ.

އެ ފޯނުން އިންޑިއާގެ ބޮޑު ވަޒީރަށް ރައީސް މައުމޫން ގުޅުއްވިއެވެ. އެހެންނަމަވެސް ފޯނުގެ އަޑު ރޭޑިއޯއަށް އަރާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ފޯނު ކަނޑުއްވައިލެއްވިއެވެ. އޭގެ ފަހުން އިންޑިއާއަށް ގުޅުއްވީ އޭރު ޚާރިޖީ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިބްރާހީމް ޙުސައިން ޒަކީއެވެ. ޒަކީގެ ފޯނު ކޯލު 14 ގަޑި އިރުވާންދެން މެދުނުކެނޑި ހުއްޓެވެ.

ރާއްޖެއިން އެހީއަށް އެދުމާއެކު އޭރުގެ ބޮޑު ވަޒީރު ރާޖީވް ގާނދީ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވެވިއެވެ. އޭރު ގަޑިން 9 ޖެހީއެވެ. މެންދުރު ވީއިރު ރާއްޖެއަށް އެހީތެރިވުމުގެ ކަންތައް ކުރިއަށް ގެންދެވުމުގެ ހުއްދަ ކެބިނެޓްގެ ޕޮލިޓިކަލް އެފެއަރޒް ކޮމިޓީން ބޮޑު ވަޒީރަށް އަރުވައިފިއެވެ. އެޔާއެކު އާގްރާގައި ހުންނެވި ބްރިގޭޑިއަރ ފާރޫޤް ބަލްސަރާއަށް މެސެޖު ފޮނުވުނެވެ.

ހަވީރު ހުޅުލެ މަތީން އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް އުދުހުނެވެ. (މިއީ މާލެ އެރި ބާޣީންގެ ހިތްވަރު އެލޭން ދިމާވީ އެއް ސަބަބެވެ.) އެ ބޯޓުން ކުރި ކަމަކީ ހުޅުލޭ އެއަރޕޯޓުގެ ފޮޓޯ ނަގައިފައި އިންޑިއާއަށް ފޮނުވުމެވެ. ހުއްދަ ލިބުނުތާ ހަ ގަޑިއިރުގެ ތެރޭގައި ސިފައިން ގޮވައިގެން އާގްރާއިން ފުރަތަމަ މަތިންދާބޯޓު ފުރައިފިއެވެ. އެ ބޯޓުގައި ބްރިގޭޑިއަރ ފާރޫޤާއި އޭރު ދިވެހި ރާއްޖޭގައިހުންނެވި އިންޑިއާގެ ސަފީރު އަރަން ބެނަރޖީވެސް ދަތުރު ކުރެއްވިއެވެ. (އޭރު ބެނަރޖީ ހުންނެވީ އިންޑިއާގައެވެ.)

އިންޑިއާ ސިފައިންގެ ފުރަތަމަ ބޯޓު ހުޅުލޭ އެއަރޕޯޓަށް ޖެއްސީ ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ 9.30 ގައެވެ. އިންޑިއާ ސިފައިން ފައިބައި ފުރަތަމަ ޖާގަ ޖެހީ ހުޅުލޭގައެވެ. އެކަމަކު ހުޅުލެއަކަށް ހަމަލައެއް ނާރައެވެ. އެ ވަގުތު މާ އަވަސް އަރައިގަނެގެން މާލޭ ބަނދަރުން ފުރައިގެންދާ ބޯޓެއް އިންޑިއާ ސިފައިންނަށް ފެނިގެން އެ ބޯޓާ ދިމާއަށް ބަޑި ޖަހަން ފަށައިފިއެވެ. އެކަމަކު ބޯޓު ހުއްޓުވޭ ގޮތެއް ނުވިއެވެ. ސިފައިންގެ ވަޒަން ފޯރާ ވަރަށްވުރެ ދުރަށް ބޯޓު ހިނގައްޖެއެވެ.

ޕްރޮގްރެސް ލައިޓަށް އެރި ބާގީން އެރި ގޮތަށް ނިދީއެވެ. ހޭލެވުނީ ހެނދުނު އެވެ.

އޭރު ޕްރޮގްރެސް ލައިޓާ ގާތްގަނޑަކަށް ހާހެއްހައި މޭލު ދުރުގައި އިންޑިއާގެ މަނަވަރެއް ކަމުގައިވާ ގޯދާވަރީ އޮތެވެ. މަނަވަރު އިންޑިއާއަށް ދަނީއެވެ. އެކަމަކު ދަތުރު ބަދަލު ކުރުމަށް ފަހު ޕްރޮގްރެސް ލައިޓާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އޭގެ ކުރިން އިންޑިއާގެ ހަނގުރާމަމަތީ މަތިންދާ ބޯޓަކުން އެ ސަރަހައްދު މަތީގައި އުދުހި ބޯޓު ހުރި މިސްރާބު ކަށަވަރު ކޮށްފިއެވެ.

ގޯދާވަރީ އަންނަތަން ފެނުނީމާާ ލުޠުފީގެ ލަޝްކަރު ހާސްވެއްޖެއެވެ. އޭރު ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ވާން އުޅެނީއެވެ. އޭރު ހުރީ ރޭޑިއޯ ޓެލެފޯނުން ދެ ބޯޓު ގުޅިފައެވެ. ލުޠުފީ އަންގައިގެން މަނަވަރާ ވާހަކަ ދެއްކެވީ މުޖުތަބާއެވެ. މަނަވަރުން ވާހަކަ ދެއްކެވީ ދވެހި ސިފައިންގެ މޭޖަރ އާދަމް ޒާހިރެވެ. ލުޠުފީ އެންގީ މަަނަވަރު ފަަސް މޭލު ފަހަތަށް ޖެހޭށެވެ. އެހެން ނޫނީ ވާހަކަވެސް ނުދައްކާނޭ ކަމަށެވެ. އެ ވާހަކައަަކަށް މަނަވަރަކުން ޖަވާބެއް ނުދިނެވެ. ދިޔައީ ކައިރި ކުރަމުންނެވެ.

ދެން އެންގީ ދެ މޭލަށް ކައިރި ކޮށްފިއްޔާ ރަހީނުން މަރަން ފަށާނޭ ކަމަށެވެ.

މަނަވަރު މޭލަކަށް ކައިރި ކުރީމާ ރަހީނަކު ބްރިޖް މައްޗަށް އަރުވައި ބަޑި ޖަަހައި ޝަހީދު ކޮށްލައިފިއެވެ. އަދި ލައިފްބޯއި އަޅުވައިފައި ކަނޑަށް އެއްލާލައިފިއެވެ. ޝަހީދުކޮށްލީ ހ. މެރިހާނާ ޢަބްދުއްސައްތާރު އާދަމެވެ.

އެޔާއެކު ބޯޓު ވަގުތުން މަޑު ނުކުރިއްޔާ ހަމަލާ ދޭން ފަށާނޭ ކަމަށް މަނަވަރުން އަންގައިފިއެވެ.

އޭރު ރަހީނުންގެ ބައެއް މީހުން ތިބީ ބުރިޖު މައްޗަށް އަރުވައިފައެވެ. އެއީ މަނަވަރުން ހަމަލާދޭން ޖެހިލުންވާނެ ކަމަށް ބަލާފައެވެ. އޭރު ބޯޓު މަޑުމަޑުން ގޮސް ރާއްޖޭގެ ސަރަހައްދުން ނުކުންނާން އުޅެނީއެވެ. ވުމާއެކު އެހެން ގޮތެއް ނެތިގެން މަނަވަރުން ބޯޓަށް ހަމަލާ ދީފިއެވެ.

ބަޑިން ދިން ހަމަލާގެ އިތުރަށް މަތންދާބޯޓުންވެސް ހަމަލާ ދިނެވެ. މަތިންދާބޯޓުން ގޮވާ ތަކެތި އެޅީ ބޯޓު ކައިރިއަށް ކަނޑަށެވެ. އެތަކެތި ގޮވައި އުފެދުނު ރާޅުގަނޑުގައި ބޯޓު ވަރަށް ބޮޑަށް ރޯލު ކުރަން ފަށައިފިއެވެ.

މަނަވަރުގެ ހަމަލާތައް އަރައި ބޯޓުގެ އެކި ތަންތަން ހަލާކުވެ ރޯވެއްޖެއެވެ. އެޔާއެކު ބާޣީން އަމާންދީފިއެވެ. އޭރު މަނަވަރުގެ ހަމަލާގައި ރަހީނުންގެ 4 މީހަކު ވަނީ ޝަހީދު ވެފައެވެ.

ބާޣީންގެ މީހުންނާއި ދިވެހިން މާލެ ގެނައީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަނިޔާވީ ދިވެހިން ފޮނުވީ ބޭހަށް އިންޑިއާ އަށެވެ.

ޝަހީދުވީ ސިފައިން

  1. ކުޑަނެވި ތުއްތު މަނިކު، ހ. ވައްތީނިގެ
  2. ކުޑަ އާދަމްގެ ކުޑަތުއްތު، މ. ކައުސްލިޕް
  3. އާދަމް ނަޞީރު، ހ. ޝޭޑީވިލާ
  4. ޙުސައިން މުޙައްމަދު، މ. މަސްތަކާގެ (މަބުސްތާނުގެ، ބ. ތުޅާދޫ)
  5. ޙުސައިން އާދަމް، މާވާގެ – ހދ. ކުޅުދުއްފުށި
  6. މުޙައްމަދު އިބްރާހީމް، މ. މެކާނޯގެ (ބަހާރުގެ، ހއ. މުޅަދޫ)
  7. މުޙައްމަދު ޙަސަން، މއ. ޗާނދަނީ ފްލާވަރ (ރަބީޢުގެ، ތ. ދިޔަމިގިލި)
  8. ޢަބްދުﷲ ޒުހައިރު، ހ. މާބަނޑޭރިއާގެ (ޝަރީފާ މަންޒިލް، ގދ. ތިނަދޫ)

ޝަހީދުވީ ޢާއްމުން

  1. އިބްރާހީމް ޙުސައިން، މއ. އަންނާރުގެ (ހއ. ބާރަށް)
  2. އިސްމާޢީލް ޙަލީމް، މ. ރޯޒްބުޝް
  3. އިބްރާހީމް ހަމީޒު، މ. ބީޗްސައިޑް
  4. ޢުމަރު އަޙްމަދު، ޗާނދަނީގެ، ހއ. ދިއްދޫ
  5. ޢަބްދުއްސައްތާރު އާދަމް، ހ. މެރިހާނާ
  6. ޢަބްދުއްރަޙްމާން އާދަމް، މ. ޑްރީމީލައިޓް
  7. އަޙްމަދު ރަޝީދު، ހ. ވެލްގްރޯ
  8. ޙަސަން ޒަރީރު، އަލިމަސްގެ، ގއ. ވިލިނގިލި
  9. ޖައްވާދު ޢުމަރު، ކާމިނީގެ، ތ. ދިޔަމިގިލި
  10. އަޙްމަދު ލަބީބު، އޯކިޑްމާގެ، ސ. ހިތަދޫ
  11. ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ، ކ. ދިއްފުށި

ބާޣީން

  1. ޢަބްދުﷲ ލުޠުފީ، ހ. ހާޖަރާގެ (މަރަން ޙުކުމް ކުރެވުނު)
  2. އަޙްމަދު ނާޞިރު، ޕެރިސް ހޮލިޑޭ – ސ. ހިތަދޫ (މަރަން ޙުކުމް ކުރެވުނު)
  3. ޢަބްދުﷲ ޝާހިދު، ޒަމާނީގެ – ސ. ހިތަދޫ (މަރަން ޙުުމް ކުރެވުނު)
  4. ކަރޯ ޢައްބާސް އިބްރާހީމް، ހ. ކަރޯގެ (މަރަން ޙުކުމް ކުރެވުނު)
  5. މުޙައްމަދު ނަޢީމު (ޕައިލެޓު ނައީމު)، މ. ދުއްލިސާގެ (11 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)
  6. ސިއްކަ އަޙްމަދު އިސްމާޢީލު މަނިކު، މ. ދީފްރަމްއާގެ (15 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)
  7. ޢުމަރު ޖަމާލު، މއ. ތިނަދޫގެ (13 އަހަރަށް ޖަލަށް ލާން ޙުކުމް ކުރެވުނު)

މަރަން ހުކުމް ކުރެވުނު މީހުންގެ އަދަބު ލުއި ކުރައްވައި އުމުރަށް ޖަލަށް ލުމަށް ފަހުން ބަދަލު ކުރެވުނެވެ. މިކަން މި މަގަށް ނިންމަވައި ރައީސް މައުމޫން އިއުލާނު ކުރެއްވީ 17 ސެޕްޓެމްބަރު 1989 ގައި ރޭޑިއޯ އާއި ޓީވީން ފޮނުއްވި ޚިޠާބެއްގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.