ނޮވެންބަރ ތިނެއްގެ ޢުދުވާނީ ޙަމަލާ ހުއްޓިއްޖެ ތޯ؟

މީލާދީން ހާހާ ނުވަސަތޭކަ އަށާހި ވަނަ އަހަރު ނޮވެމްބަރ މަހު 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައި ދިޔަ އެންމެ ނުރައްކާތެރި ޙާދިސާ ހިނގި ދުވަހެކެވެ. އެ ހާދިސާގެ ކަންކަން ބޭރުފުށުން ބަލައިލީމާ ފެންނާނީ އެއީ ހަމައެކަނި ވެރިކަން ބަދަލުކޮށްލަން ހިންގި ޢުދުވާނެއްކަމުގައެވެ. ނަމަވެސް އެ މައްސަލައިގެ ވަށައިގެންވާ ކަންކަން ދިރާސާކޮށްލުމުން ފެންނަނީ އެޔަށް ވުރެ މާ ނުރައްކާތެރި ޢުދުވާނެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގައި ލާދީނީ ޢަމަލުތައް ހިންގުމުގެ ފުރުޞަތު ނެތުމަކީ ވެރިކަން ބަދަލުކޮށްލުމުގެ އެއް ބޭނުމެވެ. ނައިޓްކްލަބް ހިންގުމާއި ބޭނުން ދީނަކަށް މީހުން އުޅުމާއި ރާ ޢާއްމުކުރުމާއި ކާވެނީގެ ބޭރުން ޖިންސީ ގުޅުންތައް ހިންގުމާއި ދެ ޖިންސުން މަސްހުނިވެގެން ނަށައި މަޖާކުރުމާއި ކެސިނޯއާއި ޑިސްކޯތަކާއި ޕަބްތަކާއި މަސާޖްޕާލޯރތައް ހިންގުމަށް މިނިވަންކަމާއެކު ފުރުޞަތު ނެތުމަކީ ވެރިކަން ބަދަކުކުރާން ބޭނުންވި އެންމެ މުހިއްމު ސަބަބުކަން އެ ހާދިސާގެ ކުރިޔާއި ފަހާއި ވަށައިގެންވާ ކަންތައްތަކަށް ވިސްނައިލުމުން އެނގެއެވެ. ސާފުކޮށް ދަންނަވާ ނަމަ އެ ޢުދުވަނުގެ އަޞްލު ބޭނުމަކީ ރާއްޖޭގައި ލާދީނިއްޔަތު (ސެކްލަރިޒަމް) ނުވަތަ ޢަލްމާނިއްޔަތު ފެތުރުންކަން ސާފުވެއެވެ.

މާއްދީ ގޮތުން ޢުދުވާނީ ޙަމަލާއެއް ދީގެން ދިވެހީންގެ ވިސްނުން ބަދަލު ނުވާނެކަން އެނގުނު ހިނދު ފިކުރީ ހަނގުރާމައާ ދިމާއަށް އެ މީހުންގެ މިޞްރާބު ބަދަލުކޮށްލިއެވެ. އިސްލާމީ ޚިލާފަތު ފަނާކޮށްލައި ތުރުކީގައި ސެކިޔުލާރ (ލާދީނިއްޔަތު) ފަތުރަން އެ މީހުން ބޭނުންކުރީ ވެސް އެމީހުންގެ ތެރެއިން މީހެކެވެ. މުޞްޠަފާ ކަމަލްބާޝާ "އަތާތުރުކު" އެވެ. މި ފަދައިން ދިވެހީންގެ ތެރޭގައި ވެސް މި ފިކުރު ފެތުރޭނީ ދިވެއްސަކު ލައްވައި ދިވެހީންގެ "ސިކުނޑިތަކަށް ވިހަލައިގެން"ކަން އެ މީހުން ނަށް ވިސްނުނެވެ. "ގަސް ކަނޑާނީ ގަހުގެ އަހުލުވެރިން ލައްވައޭ" ބުނާ ފަދައިން މި ކަމުގައި އެމީހުނަށް މުސްލިމު ދިވެހީންގެ ތޮށިގަނޑުގައި ތިބި ބަޔަކު ބޭނުންކޮށްގެން، އަދި އެ މީހަކާ ނުވަތަ ބަޔަކާމެދު މުސްލިމު ދިވެހީންގެ ހިތަކުގައިގައި ލޯތްބާއި އިތުބާރު ވެސް އުފައްދައިގެންކަން ގަބޫލުކުރިއެވެ.

ރާއްޖޭގައި ލާދީނިއްޔަތު ފަތުރައި، ހުރިހާ ދީންތަކެއް މި ރާއްޖޭގައި ބާއްވާން ޣައިރު މުސްލިމުން ބޭނުންވަނީ ކީއްވެތޯ ތިޔަ ބޭފުޅުން ސުވާލު އުފައްދަވައިފާނެއެވެ. އެއީ ދިވެހިރާއްޖެ ފަދަ ކުޑަ އާބާދީއެއް، ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮތުމުގެ ޝަރަފު ލިބިފައިވުމަކީ އެ މީހުންގެ ހިތަށް ވަރަށް އަސަރުކުރާ ކަމެކެވެ. މިއީ ޚާއްޞަކޮށް ނަޞާރާ ދީން ފަތުރަން އެތައް ހޭދަތަކެއް ކުރާ ޖަމާޢަތްތަކުގެ ލަގޮނޑިއަށް ކެތްވާ ވަރުގެ ކަމެއް ނޫނެވެ.

މި ކަމަށްޓަކައި ދިވެހި ރާއްޖެއަށް އަމާޒުކުރީ ދިވެހީންގެ ތެރޭގައި ހިމެނޭ ދީނީ ޢަޤީދާ ބަލިކަށި މާއްދިއްޔަތު އަހުލުވެރީން މެދުވެރިކޮށް އެ މީހުންގެ އަތް މައްޗަށް ވެރިކަމުގެ ބާރުތައް ފިރުކައި ގަތުމަށެވެ. މި ކަމަށްޓަކައި ސުމާރެއް ނެތް މިންވަރަށް ފައިސާގެ އެހީތައް މި ފަދަ މީހުންނަށް އޮއްސައިލިއެވެ. މި ފަދަ ބަޔެއްގެ އަތް މައްޗަށް ވެރިކަމުގެ ބާރުތައް ފިރުކައިލެވިއްޖެ ނަމަ ރައްޔިތުންގެ ތެރޭގައި ލާދީނިއްޔަތު ފަތުރައިލުމަކީ ދާދި ފަސޭހަ ކަމެއްކަން އެ މީހުންނަށް ޔަގީންވެއެވެ.

މި ފަދަ މީހުންނަށް ވެރިކަން ފިރުކައި ގަންނާނޭ ގޮތުގެ ޙިލާތްތެރި އުކުޅުތައް ދަސްކޮށްދިނެވެ. މި ގޮތުގެ މަތީން ދިވެހިރާއްޖެ ސުންނާފަތި ކޮށްލާނެ ގޮތުގެ އިރުޝާދު ދީފައިވަނީ ރަޝިއާގެ ލިޔުންތެރިއެއް ކަމަށްވާ "ގެނެޝާޕް" ނުވަތަ "ޖީންޝާޕް" (Gene Sharp) ލިޔެފައިވާ ފޮތެއްގެ އެހީގައެވެ. އެ ފޮތުގެ ނަމަކީ "ފްރޮމް ޑިކްޓޭޓާރޝިފް ޓު ޑިމޮކްރެސީ" (ޚުދުމުޚުތާޜު ވެރިކަމަކުން ދީމުޤްރާޠީ ވެރިކަމަކަށް) އެވެ. ވެރިކަމެއް އަތުލައިގަތުމަށް ނުކުންނަ ބަޔަކު ބޭނުންކުރާނެ ޙީލަތްތެރި އުކުޅުތައް އެ ފޮތުގައި ލިޔެފައިވެއެވެ. މި ފޮތަކީ އެ ފޮތުގައި ހުރި ނުބައި ނުލަފާ ޚިޔާލުތަކުގެ ސަބަބުންނާއި އެ ފޮތުގައި ބުނެފައިވާ ގޮތަށް ޤައުމެއްގައި ކަންތައް ކުރާން ފަށައިފި ނަމަ ދުވަހަކު ވެސް އަރައި ނުގަނެވޭފަދަ ފިތުނަ ފަސާދައިގެ ފުން އަނދަވަޅަކަށް އެ ޤައުމެއް ވެއްޓިދާނެތީ، ޚުދު ޔޫރަޕްގެ ޣައިރު މުސްލިމުންގެ ތެރެއިން ވެސް އިންސާފަށް ލޯބި ކުރި މީހުން ދެކޮޅު ހެދި ފޮތެކެވެ. 3 ނޮވެމްނަރ 2006 ގައި އޭރުގެ އިންފޮރމޭޝަން މިނިސްޓަރ އަލްއުސްތާޛު މުޙައްމަދު ނަޝީދު ދެއްވި އަސަރުގަދަ ތަޤްރީރުގައި މި ފޮތާ ބެހޭ ވަރަށް ގިނަ ތަފްޞީލުތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދެއްވިއެވެ.

އިސްވެ ދެންނެވި ފޮތުގައި ހުރި ކަމަށް ވިދާޅުވި ބައެއް ނުބައި އުކުޅުތައް ހާމަކޮށްލާނަމެވެ.

ސަރުކާރުގައި ހުރި އުނިކަންތައްތައް ނުވަތަ ކުދި ލޯވަޅުތައް ހޯދައި އެތަންތަން ބިޔަ ބޮޑެތި ބާގަނޑުގެ ގޮތުގައި ރައްޔިތުންނަށް ހާމަކޮށް ރައްޔިތުންގެ އިޙުސާސްތަކާ ކުޅެ ޝުޢޫރުތަކަށް ޖޯޝު ގެނެސް ލޭ ކައްކުވައިލުން. (މިސާލަކަށް: ބަނދަރުގެ ދަތިކަން ހުރި ރަށްރަށާއި ފެނާއި ނަރުދަމާގެ ވާހަކަ)

ސަރުކާރުގެ އަނިޔާވެރިކަން ދެއްކުމަށްޓަކައި ކަރުނަޔާއި ލެއިން ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅުން. (މިސާލަކަށް: އީވާން ނަސީމްގެ ފޮޓޯތައް)

ރައްޔިތުންގެ ލާބަޔާއި މަންފާއަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭން މަސައްކަތްކުރާ އިރު އެކަންކަން ވިޔަ ނުދޭން މަސައްކަތްކުރުން. (މިސާލަކަށް ފ. އަތޮޅުގައި ސަޢޫދީ ސަރުކާރުން ހިންގަން އުޅުނު ބިޔަ ބޮޑު މަޝްރޫޢު ހުއްޓުވުން. އަދި ސިނަމާލެ ބްރިޖު އެޅިޔަ ނުދިނުމަށްޓަކައި އެކި މަރުޙަލާގައި ކުރެވުނު މަސައްކަތް)

ދައުލަތުގެ ސަލާމަތީ ބާރުތަކަށް އައިބު ހުތުރު ނަންތައް ބޭނުންކޮށް އެތަންތަނަށް ރައްޔިތުން ކުރާ އިތުބާޜު ކަނޑުވައިލުން. (ބޭނުމަކީ ކުށްކުރުން އިތުރުކޮށް ރައްޔިތުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރު ފެއިލްގެފައިވާކަން ދެއްކުން.)

ވެރިންގެ ހައިބަތާއި ޤަދަރު ކަނޑުވައިލުން. (ބޭނުމަކީ ޤާނޫނާއި ގަވާއިދަށް ބޯނުލަނބާ ބަޔަކު އުފައްދައި ލަދުވެތިކަމާއި ރީތި އަޚުލާޤު ނެތިކޮށް ފިތުނަ ފަސާދަ އަށް މަގުފަހިކުރުން.

އިޖުތިމާޢީ އަގުތަކާއި ޤައުމީ ޝަރަފާއި ކަރާމާތުގެ ރަމްޒުތައް ވެއްޔާ މޮޑެލުން. (ހުތުރުބަހުން ވާހަކަދެއްކުން ޢާއްމުކޮށް ޤައުމީ ކުލަތަކާއި ސަލާމާއި ޤައުމީ ދިދައިގެ ޙުރުމަތަށް ވުރެ، އެހެން ކުލަތަކާއި އެހެން ދިދަތަކާއި އެހެން ލަވަލަވައިގެ އަވައިގައި ރައްޔިތުން ޖައްސައި ޤައުމިއްޔަތުގެ ރޫޙު ރައްޔިތުންގެ ހިތްތަކުން ކަނޑުވައިލުން.)

"އަނިޔާވެރި" "ޚުދުމުޚުތާރު" "ވަގު" ފަދަ ލަޤަބުތައް ވެރިންނަށް ނިސްބަތްކޮށް ގިނަ ގިނައިން ގޮވައި ރައްޔިތުންނަށް އެއީ ތެދެކޭ ހީވާ ވަރަށް އެކަން ޢާއްމުކުރުން. (ބޭނުމަކީ: ވެރިންނަކީ އެއްވެސް ވަރަކަށް ރައްޔިތުންނަށް ހެވެއް އެދޭނެ ބަޔެއް ނޫންކަމަށް ވިސްނައިދީ، ވެރީން ދައްކާ ވާހަކަ ރައްޔިތުން ގަބޫލުކުރިޔަ ނުދީ އެ މީހުންގެ ހިތްތަކުގައި ވެރީންނާ މެދު ނަފުރަތާއި ރުޅިވެރިކަމުގެ ޝުޢޫރާއި ޖަޒުބާތު ކައްކުވައިލުން.)

ކޮންމެ އަކަސް މި ހުރިހާ މަރުޙާލާތަކެއް، އެ ފޮތުގައިވާ ތަރުތީބުން ރާއްޖޭގައި ކުރިޔަށް ގެންދެވުނުކަން ނުވަތަ ނޫންކަން ނިންމަވާނީ ތިޔަ ބޭފުޅުންނެވެ. "ޑިމޮކްރެސީ"އާއި "އިންސާނީ ޙައްޤު"ތަކާއި "މިނިވަންކަމާއި" "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި" "އެއްވެ އުޅުމުގެ މިނިވަންކަމާއި" "އަންހެނުންގެ ޙައްޤުތައް" ފަދަ ރީތި ނަންނަން ބޭނުންކޮށްގެން ރާއްޖޭގެ ބައެއް މަހުޖަނުންނާއި ދީނީ ޢީލްމުވެރީން ވެސް މި އަވައިގައި ޖެއްސިކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅުއްވާން މި ދޫކޮށްލަނީ ތިޔަ ބޭފުޅުންނަށެވެ. އަދި ބައެއް މީހުން ފައިސާއާއި އަންހެންކުދީންގެ އަވައިގައި ޖައްސުވައި ބްލެކްމެއިލް ކުރެވުނު ކަމަށް ވެސް ތުހުމަތު ކުރެވުނު ވާހަކަ އަޅުގަނޑުގެ ކަންފަތާ ހަމަޔަށް އައި ނަމަ، އެ ވާހަތައް ތިޔަ ބޭފުޅުންގެ ކަންފަތްޕުޅާ ހަމަޔަށް ވެސް އޮންނާނީ ފޯރައިފައެވެ.

މި ވާހަކަތަކުގެ ތަފްޞީލުތައް ޢައްޝައިޚު ޢިމްރާނު ޢަބްދުﷲ އާއި އައްޝައިޚު އިލްޔާސް ޢަބްދުﷲ ފަދަ ބޭބޭފުޅުންނާއި މައުމޫނު ޢަބްދުލްޤައުޔޫމް ފަދަ ބޭފުޅުންނާއި މި ނޫނަސް ދީނީ ސިޔާސީ އެތައް ބޭފުޅުންނެއް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވައި ވިސްނައިދެއްވާން މަސައްކަތްކުރެއްވި އެވެ. ނަމަވެސް މަކަރުވެރީންގެ "މަކަރުގައި" ލެވިފައިވާ ގިރިޓީ ވަރުގަދަކަމުން ގިނަ ރައްޔިތުންތަކެއް އެ މަކަރުތަކަށް ހެއްލުނެވެ.

އަޅުގަނޑު މި ހުރިހާ ވާހަކައެއް މި ދެންނެވީ ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާ މާއްދީ ގޮތުން ހުއްޓުނު ނަމަވެސް މާނަވީ ގޮތުން އެ ޙަމަލާ ނުހުއްޓުވޭ ވާހަކަ ދަންނަވައިލާށެވެ. މިކަމުގައި ވެރީންނާއި މައިންބަފައިންނާއި ޢިލްމުވެރީންނާއި މުދައްރިސުންގެ ޒިންމާ ވެސް ނެތެކޭ ނުދެންނެވޭނެއެވެ.

ކޮންމެއަކަސް މިއަދު ދިވެހިރާއްޖެ މި އޮތީ މި ނުރައްކާތެރި ޙަމަލާގެ އެންމެ ނުރައްކާތެރި ހިސާބަށް އައިސްފައެވެ. ފާޅުގައި ﷲ އަށް ތަޙައްދީކޮށް، އިސްލާމް ދީނަށް ގޮންޖަހައި ކައު ރަސޫލާއަށް ފުރައްސާރަކުރީމާ، ދިވެހީންގެ ތެރެއިން ބައެއް މީހުންނަށް އެއީ ކަމަކަށް ނުވާ ހިސާބަށް އާދެވިފައެވެ. އަދި ދައުލަތުގެ ވެރީންނަށް ވެސް އެއީ "ބަޔަކު ލިޔެލާ އާދައިގެ ލަފުޒުތަކެއް" ކަމުގައި ވިސްނިވަޑައިގެންފައެވެ. ލާދީނީ ޢަމަލުތައް ފާޅުގައި ހިންގައި އެންޖިންސުން ކާވެނިކޮށް ފާޅުގައި އެކަން ޢާއްމުކުރީމާ ވެސް ގިނަ ބަޔަކަށް އެއީ ކަމަކަށް ނުވާ ހިސާބަށް އައިސްފައެވެ. ރަސޫލާއަށް ފުރައްސާރަކުރި މީހުންނާ ދެކޮޅަށް އަޑުއުފުލުމަކީ ފިތުނަ އުފެއްދުން ކަމަށް ސަލާމަތީ ބާރުތަކަށް ވެސް ވިސްނައިދެވިފައެވެ. ދީނަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރަށް ނުކުޅެދިފައެވެ. އެއަށްވުރެ ބޮޑަށް، ދައުލަތަށް ވުރެ ބޮޑަށް "ލާދީނިއްޔަތަށް ގޮވާ މީހުން"ގެ ބާރު ގަދަވެފައެވެ. ބޭރުގެ ބާރުތަކުން ލަދެއް ހަޔާތެއް ނެތި، ފާޅުގައި، މި ކަންކަމަށް ބާރުދީ މި ރާއްޖޭގައި ތަފާތު ދީންތަކަށް ޖާގަދޭން ގޮވައިލާއިރު އެ ކަމަށް ރައްދުދިނުމުގެ ޤާބިލިއްޔަތުކަން ދައުލަތުގެ އެއްވެސް ބާރެއްގައި ނެތިފައެވެ.

މި ކަންކަމުން ސަލާމަތްވުމުގައި ރައްޔިތުންގެ ކިބައިގައި މާ ބޮޑު ބާރެއް ނެތެވެ. ގިނަ މީހުންނަށް ދުވެނީ މާއްދިއްޔަތުގެ ފަހަތުންކަން ބޭރުގެ ލާދީނީ ޖަމާޢަތްތައްކަން ވިސްނެއެވެ. އެހެންކަމުން ފައިސާގެ "އެހީ" ދީގެން ވޯޓުތަކުގެ ނަތީޖާ ބަދަލުކޮށްލެވޭނެކަން އެ މީހުންނަށް އެނގެއެވެ. ވީމާ ރައްޔިތުންނަށް ލިބިފައިވާ "ވޯޓުގެ ބާރު" ވެސް މިވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ދެން މުސްލިމުންނަށް އޮންނަ އެންމެ މަތީ ބާރަކީ "ދުޢާކުރުމެވެ." ނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް ނުހޯދިގެން މަރުފަލިޖަހާ ގިނަ މީހުންނަށް މިކަމަށް ވެސް ވަގުތު ލިބެނީ ވަރަށް  މަދުންނެވެ.

ނަމަވެސް..... ނަމަވެސް އުންމީދު ކަނޑައިލައި އަތް އުރައިލައިގެން ތިބޭކަށް ނުޖެހެއެވެ. އެހެނީ މާތް ﷲ އަންގަވައިފައިވަނީ "އެކަލާންގެ ރަޙުމަތުން އުއްމީދު ކަނޑައިނުލުމަށެވެ." އަދި " ކެތްތެރިކަމާއި ނަމާދުން ވާގީ ހޯދާން" ވެސް އެކަލާނގެ ވަނީ އަމުރުކުރައްވައިފައެވެ.

ވީމާ ދިވެހީންނަށް އޮތީ މާޒީއިން ޢިބްރަތް ޙާޞިލުކޮށް ﷲގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ވެސް އިޚުލާޞްތެރިކަމާއި ޚުޝޫއަތްތެރިކަމާއެކު ﷲ އަށް ދުޢާކޮށްގެންނެވެ. އިންތިޚާބުތަކުގައި މާއްދީ ކުޑަ ފައިދާއަކަށް ހެއްލި ވަޑައިނުގެން، ﷲ އަށްޓަކައި އިޚުލާޞްތެރިކަމާއެކު ވޯޓު ދެއްވައިގެންނެވެ. އިޚުލާޞްތެރިކަމާއި ކެތްތެރިކަމާއެކު މުންކަރާތަކަށް ނޫނެކޭ ބުނެގެންނެވެ. ހެޔޮކަންތަކަށް އަމުރުކޮށްގެންނެވެ. އިސްލާމްދީނަކީ ރީތި އަޚުލާޤާއި އަމާންކަމުގެ ދީނެވެ. ނުބައި އެއްވެސް ކަމަކަށް، އަނިޔާވެރިކަމަކަށް އެ ދީން ގޮވައެއް ނުލައެވެ. އެހެންވީމާ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ގައިވެސް މި އަސާސްތަކުގެ މަތީގައި ދެމި ތިބުމަކީ މުހިއްމު ކަމެކެވެ. ﷲ އަކީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

ކޮންމެއަކަސް ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގެ ނުރައްކާ އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ފިލައެއް ނުދެއެވެ. މާއްދީ ޙަމަލާތައް ހުއްޓި މިހާރު މާނަވީ ގޮތުން ދެވޭ ޙަމަލާތައް މިވަނީ އިތުރުވެފައެވެ. މި ޙަމަލާތައް ހުއްޓާނީ އެ މީހުންގެ މަޤުޞަދު ފުރިހަމައަށް ޙާޞިލުވީމައެވެ. އެއީ ޤާނޫނީ ގޮތުން ދިވެހި ރާއްޖެއަކީ ސެކިޔުލާރ ދައުލަތެއްކަމަށް އިޢުލާންކުރެވި ހުރިހާ ދީންތަކެއް މިތާގައި އޮތްކަމަށް އިޢުލާންކުރެވި ބިލަކާނުލައި ފާޙިޝްޢާމަލުތައް މި ތާނގައި ހިންގުމުގެ އަމާން ފަސޭހަ މާޙައުލެއް ޤާއިމުވީމައެވެ.

މިއީ ނުރައްކާތެރި އަހުލީ ހަނގުރާމައެއްގެ ފެށުމަށް ނޫނީ ނުވާނެއެވެ. ވީމާ މި ފަދަ ދުވަހެއް އަޅުގަނޑުމެންނަށް ފެނުމުގެ ކުރީން (މާތް ﷲ މި ފަދަ ދުވަހެއް ނުދައްކަވާށިއެވެ!) އަޅުގަނޑުމެން ރައްޔިތުންނަށް ލިބިފައިވާ، ކުރިން ދެންނެވި، ދެ ބާރުގެ ބޭނުން އިޚުލާޞްތެރިކަމާއެކު ހިއްޕަވައިފި ނަމަ، ﷲ ކާމިޔާބު ދެއްވާނެކަން ކަށަވަރެވެ. މި ކަމުގައި ޢިލްމުވެރީންނާއި މައިންބަފައިންގެ ދައުރު ވެސް ވަރަށް ބޮޑެވެ. އިސް ރަށްވެހީންނާއި ޒުވާނުންގެ ދައުރު ވެސް ކުޑައެއް ނޫނެވެ. ކެތްތެރިކަމާއި ނަމާދުން ވާގި ހޯއްދަވާށެވެ! މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުކަމުގައިވާ ދުޢާގެ ބޭނުން އަބަދާއި އަބަދު ކުރައްވާށެވެ! ރައްޔިތުންނަށް ކެތްތެރިކަމާއި ނަމާދުން ވާގިހޯއްދަވާން ވިސްނަވައިދެއްވާށެވެ! ޒުވާނުންނަށް ވިސްނަވައިދެއްވާށެވެ! ދަރީންނަށް ވެސް ވިސްނަވައިދެއްވާށެވެ!  މަޑުމައިތިރިކަމާއި ޞުލްޙަވެރިކަން އިސްކުރައްވާށެވެ! ﷲގެ ކުޅަދުންވަނަތްކަން އިޚުލާޞްތެރިކަމާއެކު ހިތްމައްޗަށް ގެނެސް އެ ކަލާނގެ ޙަޟުރަތުން ވާތްގަށް އެދިވަޑައިގަންނަވާށެވެ. އާދޭހެވެ! ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ޙަމާލާ ޙަޤީޤަތުގައި އަދިވެސް ނުހުއްޓެއެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

2 ޚިޔާލު

  1. ވަރަން. ވަރަށް ބޮޑު ތެދު މައުލޫމާތު ތަކުން ހިތާމަކުރަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަދިވެސް ހެޔޮވިސްނުން ނުލިބޭތީ . ލިބުނަސް ވިސްނުނަސް ދުނިޔަވީ ބޭނުން ތަކުގައި ހިފާތީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.