
ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ މުޅި ރާއްޖޭގެ ފަޚުރެވެ. މުޅި ކުޅުދުއްފުށީގެ ފަޚުރެވެ. އޭނާއަކީ މި ޖީލުގެ އަލި ރަސްގެފާނެވެ. ދިވެހީން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޝަހީދު ޙުސައިން އާދަމް އުފަންވީ 1968 ވަނަ އަހަރު ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. އޭނާ އަކީ އުޅުމާއި އަޚްލާޤު ރަނގަޅު ސާދާ މިޒާޖެއްގެ މީހެކެވެ. އޭނާއާ ބޭހޭ ގޮތުން އޭނާގެ ސީނިއަރުން ބުނެފައިވަނީ އެއީ އޯޑަރަށް ފުރިހަމަ އަށް ކިޔަމަންވުމާއި ގަޑިއަށް ފަރުވާތެރި އާމީއެއް ކަމަށެވެ. އޭނާ މަސައްކަތް ކޮށްފައިވަނީ އެންމެ މަތިވެރި ޚިދުމަތަކީ، ޤައުމީ ޚިދުމަތް ކަމަށް ދެކިގެންނެވެ.
ކަމަށް ކަމޭހިތާ މަޑުމައިތިރި މިޒުވާނާ ސިފައިންގެ ޚިދުމަތާ ގުޅުނީ 1984 ވަނަ އަހަރު މެއިމަހު 9 ވަނަ ދުވަހުއެވެ. އޭނާއަކީ 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ހިންގި ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެ ތަމްރީން ފުރިހަމަ ކުރި ސިފައިންގެ ތެރޭގައި ހިމެނުނު އެކެކެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ ސިފައިންގޭގެ ޑިއުޓީ ސެކްޝަނުގެ ފޯރިމަރާ ބައިގައެވެ. އެއަށްފަހު 1987 ވަނަ އަހަރު ޖޫން 6 އިން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ ޓާސްކްފޯސް ގައެވެ.
ދިވެހި ސިފައިންގެ ޚިދުމަތުގައި އޭނާއަށް ހޭދަކުރެވުނީ 4 އަހަރާއި 5 މަހެވެ. ޝަހީދުވިއިރު އުމުރަކީ އެންމެ 20 އަހަރެވެ. ޝަހީދުވެގެން އެދިޔައީ ޓީނޭޖު ނިމުނުތަނާއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރާއިރު އެދުވަހުގެ ޚާއްޞަ ބަޠަލަކީވެސް އޭނާއެވެ. ޝަހީދު ޙުސައިން އާދަމުގެ މަތިން ހަމަ ހިލާ ހަނދާނެއް ނުނެތޭނެއެވެ. އެދުވަހު އޭނާ ޝަހީދުވެގެން އެދިޔައީ ޤައުމަށްޓަކައެވެ. އަޅުގަނޑުމެންނަށް ޓަކައެވެ. އަންނަން އޮތް ޖީލަށްޓަކައެވެ. އެދުވަހުގެ ހަނގުރާމައަށް އެއްތިރީސް އަހަރު ފުރިގެންދިޔައިރު ޒުވާން ޝަހީދު ޙުސައިން އާދަމުގެ މަތީން ހަނދާން ނުނެތިގެން އުޅެނީ ސަބަބެއް ނެތިއެއް ނޫނެއެވެ. އެދުވަހު އޭނާވަނީ ބަނޑޭރިގޭގެ މައި ދޮރާށި ސަލާމަތްކޮށްދީފައެވެ. ބާޣީންނަށް އެދުވަހު އެ ދޮރާށީން ވަނުމުގެ ކުޑަނަމަވެސް ފުރުސަތެއް ލިބުނުނަމަ މަންޒަރު ބަދަލުވީހެވެ. އެ ހަށިގަނޑުން ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ޤުރުބާނީގެ ސާފު ޖޯޝީ ލެޔަކީ ދިވެހީންގެ ހިތްތަކުގައި ޤައުމާއި ދީނުގެ ވިންދު ޖަހާހާ ހިނދަކު ހަނދާނުން ފޮހެވި ދިޔުމަށްވުރެ ކުލަގަދަ ލެއެކެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލައާ ބެހޭގޮތުން އެކި ބޭފުޅުން ޙިއްސާ ކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު ޢުދުވާނީ ހަމަލާގައި ދުޝްމަނުންގެ ފަރާތުން ފުރަތަމަ ހަމަލާ ދޭއިރަށް ސިފައިންގެއިން އެންމެ ފުރަތަމަ އޭގެ ރައްދު ދިނީ މިއަދުގެ ބަތަލް ޝަހީދު ޙުސައިން ޢާދަމެވެ. އެ ވަޒަން އައި ދިމާއަށް ވަގުތުން އޭނާގެ އޭކޭ47 ގެ ވަޒަންތައް އުދުއްސަން ފެށިއެވެ.
އެ ޙަމަލާދިން ވަގުތު ޝަހީދު ޙުސައިން އާދަމް ހުރީ ސިފައިންގެ މައި ގޭޓް ހުޅަނގުފަރާތުގެ ޑިއުޓީއަށެވެ. ކަވަރު ނެގުމަށްޓަކައި އޭނާ ވަނީ ހުޅަނގުފަރާތުގައި ހުރި ސެނގަރު ތެރެއަށެވެ. އެތަނުން ކަވަރުނަގައިގެން ހުރެ އޭނާވަނީ ދުޝްމިނުންނަށް އަހުވަދައްކައި އިތުރަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނާދެވޭގޮތް ހަދައިފައެވެ.
އެވަގުތު ސިފައިންގެ ތެރޭގެ ދިފާޢީ ޑިއުޓީ ޕޮއިންޓްތަކަށް މީހުން ބަހާލައި ކަންތައްތައް ހަމަޖައްސާލަން ފުރުޞަތު ލިބުނެވެ. ކުޅަދާނަ ޙުސައިން ޢާދަމުގެ ހުޝިޔާރުކަމާއެކު ދެއްވި ވަފާތެރި ޙަމަލާގެ ސަބަބުންނެވެ. އެ ވަފާތެރިކަން ތާއަބަދަށް އަޅުގަނޑުމެން ބަލައިގަންނަން އެބަޖެހެއެވެ.

އެ ނާމާން ބިރުވެރިވެރި ވަގުތު ސާބިތުކަމާއި ސާފު އީމާނުގައި ޓެރަރިސްޓުންނަށް އޭނާ ހަމަލާ ދެމުންދިޔައީ އެންމެ 60 ވަޒަނުންނެވެ. އެ ވަޒަންތައް ވެގެންދިޔައީ ޓެރަރިސްޓުންނަށް ވިހަދަގަދަ ޒަހަރަކަށެވެ. އެމީހުންގެ މުޅި ޕްލޭން ފަނުފުލުން ދުއްވާލީ ސަބަބަށެވެ. ސިފައިން އެކިތަންތަނަށް ބެހި ހަމަލާތައް ފަށަންދެން، ޓެރަރިސްޓުން ކުރިއަރައިއަޔަނުދީ އެންމެ 60 ވަޒަނުން ހިފަހައްޓާލި ސިކުނޑީގެ ވެރިޔަކީ ޝަހީދު ޙުސައިން އާދަމެވެ. އޭނާއަށް ސެލިއުޓި ކުރަމެވެ.
ދުޝްމަނުންނާ ކުރިމަތި ލައި ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ ހުއްޓައި އޭނާގެ އަތުން ވަޒަން ހުސްވިއެވެ. އަދި ވަޒަން ބޭނުންވާ ކަމަށް އެދި ގޮވަން ފެށިއެވެ. ވަޒަން ހުސްވެ އިތުރު މެގަޒިނެއް ފޯރުކޮށްދޭން ގޮވަމުންދިޔައީވެސް ބާޣީންނަށް ކެނޑިނޭޅި އަހުވަދައްކަމުންނެވެ. އެންމެފަހުން ދުޝްމަނުންގެ ބަޑީގެ ރަހުމްކުޑަ އުންޑަތައް އަޅުގަނޑުމެންގެ ޒުވާން ޙުސައިން އާދަމުގެ މޭ ފޫއަޅުވަން ފެށިއެވެ. ހަށިގަނޑުގެ އެތަން މިތަން ތޮރުފަން ފެށިއެވެ. އޭރު އޭނާގެ ގައިން ކޯރުހެދި ލޭ ދެމެން ފެށިއެވެ. އެ ތާހިރު ލެއިން ދިވެހި ބިންމަތި ތެންމާލިއެވެ. އޭނާ ޑިއުޓީއަށް ހުރި ތަނުގެ ފާރުވެސް ދިޔައީ އެ ޤުރުބާނީގެ ލެއިން ތެންމަމުންނެވެ. އެންމެފަހުން އޭނާ ޝަހީދުވެގެން ވެއްޓުނީއެވެ. މާތްﷲ އެ މާތް ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

ކޯޕްރަލް ޙުސައިން ޢާދަމް ގެ ހަނދާނުގައި ސަރުކާރުން ވަނީ ޢިމާރާތެއްކޮށްފައެވެ. އެއީ ފުލުހުންގެ މަރުކަޒު ކަމަށްވާ "ޝަހީދު ޙުސައިން ޢާދަމް ބިލްޑިންގް" އެވެ. ތިބާ ނެތަސް ތިބާގެ ހަނދާންތަކެއް މިފަސްގަނޑާއި މިހިތްތަކުން ފިލުމެއްނެތެވެ. ތިބާއަށްޓަކައި ދިވެހި އުންމަތް ފަޚުރުވެރިވެއެވެ. އެހެންނަމަވެސް އެފަޚުރު ފަޚުރަކަށްވާނީ ތިބާ ހިނގި މަގުން މިޖީލާއި އަންނަންއޮތް ޖީލުވެސް ހިނގައިގެންނެވެ