ނަޞްރުގެ ދުވަހުގެ ބަތަލް ޝަހީދު ޙުސައިން އާދަމް

މިއަދަކީ ރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހެވެ. މިއަދަކީ 1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން މާތްﷲ މި ޤައުމު ސަލާމަތް ކުރައްވައި ނަޞްރު މިންވަރު ކުރެއްވި ދުވަހެވެ.

މިއަދުގެ ބަޠަލަކީ ހދ. ކުޅުދުއްފުށީ މާވާގޭ، ޙުސައިން އާދަމް (ޝަހީދު ކޯޕްރަލް ޙުސައިން އާދަމް) އެވެ. އޭނާގެ ބައްޕައަކީ އެރަށު އާދަމް މުޙައްމަދެވެ. މަންމައަކީ ޢާއިޝަތު ޙަސަނެވެ.

ޙުސައިން އާދަމް އުފަންވެފައިވަނީ 1968 ވަނަ އަހަރުއެވެ. އެހެންނަމަވެސް އޭނާގެ އުފަންދުވަހެއް އެނގޭކަށް ނެތެވެ. އެންމެ ކުޑައިރުން ފެށިގެން މަޑުމައިތިރި އަދި ހިތްވަރު ގަދަކަމަށް ފާހަގަކުރެވުނު ޙުސައިން އާދަމް ތަޢުލީމު ޙާޞިލުކުރެއްވީ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުންނެވެ. އޭނާއަކީ އަބަދުވެސް ސިފައިންގެ ބޭކަލަކަށް ވުމަށް މަސައްކަތްކުރި ޒުވާނެކެވެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ކެޑޭޓް ޙަރަކާތުގައި ވެސް އުޅުނެވެ.

ނޮވެމްބަރު ތިނެއް މިޤައުމަށް ލައިގަތް ހިނދު ޙުސައިން އާދަމަކީ ސިފައިންގެ ބޭކަލެކެވެ. އެ ނުރައްކާތެރި ޙަމަލާތައް ސިފައިންގެއަށް އަމާޒުވާން ފެށީ އޭނާގެ ޑިއުޓީ ގަޑީގައެވެ. އެރޭ އޭނާގެ ޑިއުޓީ އޮތީ ސިފައިންގެ ގޭގެ ބޭރު ދޮރާށީގެ ހުޅަނގުފަރާތުގައެވެ. އޭނާގެ ޑިއުޓީ ގަޑިއޮތީ ފަތިހު 4:00 އިން ހެނދުނު 6:00 އަށެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހުގެރޭގެ ފަތިހެވެ. ގަޑިން ފަތިހު 4:30 އެހައިކަންހާއިރު ބަޑިއެއް ގޮއްވާލި އަޑުއިވުނެވެ. އެއީ އެހައި ނުރައްކާތެރި ކަމެއް ކަމަށް ޙުސައިން އާދަމު ފުރަތަމަ ނުބަލައެވެ. އެހިނދު ވާހަކަ ދެކެވުނީ ރައީސް އޮފީގެ ޑިއުޓީގައި ތިބި ސިފައިންގެ ތެރެއިން ބޭކަލަކު ވަޒަނެއް ގޮއްވާލި ކަމަށެވެ. ކުއްލިއަކަށް ޙުސައިން އާދަމަށް ފެނުނީ ސިފައިންގެ ހިމެނޭ ސަރަޙައްދުގައި ސޯޓުބުރި ލައިގެން ބަޔަކު އުޅޭތަނެވެ. އެވާހަކަ އޭނާއާއެކު އެއްޑިޔުޓީގައި ދެންތިބި މީހުންގާތު ވެސް ބުންޏެވެ.

ޙުސައިން އާދަމް އެހެން ބުނުމުން އެކަން ރަނގަޅަށް ބެލުމަށް ޑިއުޓީ އޮފިސަރަކަށް ނުވަތަ ސަރުދާރަކަށް އެވަގުތު ހުންނެވި ލާންސް ކޯޕްރަލް އަޙުމަދު ރިޒާ ޙުސައިން އާދަމު ގާތު ބުނުއްވިއެވެ. އެހެން ބުނުއްވިތަނާ ހިތްވަރުގަދަ ޙުސައިން އާދަމުގެ ބަޑި އަތަށްމަހައި ތައްޔާރީ ޙާލަތަށް އައެވެ. އެވަގުތު ސިފައިންގެ ނުވަތަ ބަނޑޭރިގޭ ގޭޓަށް ވަޒަނެއް އަރައި ސިމެންތިތައް ބުރައިގެން ދިޔައެވެ. އެއާއެކު ވަގުތުން ޙުސައިން އާދަމްގެ ޙަމަލާތައް ފެށިއެވެ.

ތިނެއް ނޮވެމްބަރުގައި ޙުސައިން އާދަމް ހަނގުރާމަ ކުރުމަށް ބޭނުންކުރި ރައިފަލް

ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންގޮސް ފުރަތަމަ މެގަޒިން ހުސްކޮށްލިއެވެ. އެއާއެކު އިތުރު ވަޒަން ބޭނުންވާ ކަމަށް ޑިއުޓީގައި ތިބި މީހުން ގާތު އެދުނެވެ. ޙުސައިން އާދަމް އިތުރު ވަޒަން ބޭނުންވާ ކަމަށް ޑިއުޓީ އޮފިސަރަށް އެންގެވީ ޙުސައިން އާދަމާއެކު އެއް ޑިއުޓީގައި ހުންނެވި ޖިހާދު އަޙުމަދެވެ. އޭރު ޙުސައިން އާދަމް ހުރީ ބަނޑޭރިގޭ ދޮރާށި ބޭރުގައި ވާރެޔާ ހިޔާވުމަށް ހަދާފައިހުރި ތަނުގައެވެ. އެއީ ހަނގުރާމަ ކުރާ މީހަކު ކަވަރނެގޭ ކަހަލަ ގޮތަކަށް ހުރިތަނެއް ނޫނެވެ. އެތަނުން ނުކުމެއްޖެ ނަމަ ނުކުމެވޭނީ ސީދާ ދުޝްމަނުންގެ ކުރި މައްޗަށެވެ. އެ ޙާލަތުގައި ހުރެގެން އޭނާވަނީ ދެވަނަ މެގަޒިން ލައްވައި ޙަމަލާ ދޭން ފަށައިފައެވެ. އޭރު ވެސް އިތުރު ވަޒަނެއް ނުލިބެއެވެ. އެކަމާ އޭނާ ސުވާލު ކުރުމުން އެތެރެއަށް އާދެވޭނެތޯ ޖިހާދު އެހިނަމަވެސް ޙުސައިން އެއަކަށް ޖަވާބެއް ނުދެއެވެ. އަތުގައިހުރި ވަޒަން ބޭނުންކޮށްގެން ދުޝްމަނުންނާ ކުރިމަތި ލައްވައި އެމީހުންގެ ޙަމަލާތައް ހުއްޓުވަމުން ބަނޑެރީގެ މައިދޮރާށި ދިފާޢު ކުރަމުން ގެންދިޔައެވެ.

ޙުސައިން އާދަމްގެ އެ މަސައްކަތް ވެގެންދިޔައީ ސިފައިންގޭގެ އެތެރޭގައި ތިބި މީހުން ތައްޔާރުވެ އެކި ދިމާއަށް ބެހި ދުޝްމަނުންނަށް ޙަމަލާދީ ތަން ދިފާޢު ކުރުމުގެ މަސައްކަތް ފެށުމަށް ލިބުނު ވަގުތަކަށެވެ.

ޙުސައިން އާދަމް އެދުވަހު އެހިތްވަރު ނުކުރިނަމަ ބަނޑޭރިގޭ މައިދޮރާށިން ވަނުމުގެ ފުރުޞަތު ދުޝްމަނުންނަށް ލިބުނީސްއެވެ. އެހެންނަމަވެސް އެ ފުރުޞަތު އޭނާ ނުދިނެވެ. ދުޝްމަނުންގެ ބަޑީގެ އުންޑަތައް ޙުސައިން އާދަމުގެ މޭ ފޫއަޅުވަމުން ދިޔައިރު ވެސް އެންމެ ތަންފުކެއް ދުލެއް ނުދެއެވެ. ޝަހީދު ވެގެން ބިންމައްޗަށް ވެއްޓެން ދެން އޭނާ ގެންދިޔައީ ދުޝްމަނުންނަށް އަހުވަ ދައްކަމުންނެވެ.

ނޮވެމްބަރު ތިނެއްގެ ބަތަލް ޝަހީދު ޙުސައިން އާދަމް: ފޮޓޯ ޕީއެސްއެމް

ޙުސައިން އާދަމްގެ ވަރުގަދަ ޙަމަލާ ވެގެންދިޔައީ ދުޝްމަނުން ސިއްސުވައިލި ޙަމަލާއަކަށެވެ. ހިތުގައި ބިރުވެރިކަމާއި ހާސްކަން އުފައްދައިލި ޙަމަލާއަކަށެވެ. އެ ޙަމަލާއަކީ ދުޝަމަނުންނަށް ދިވެހި ސިފައިން "ވަކަރަށް ޖަހާލެވުނު" ޙަމަލާއެކެވެ.

ޝަހީދު ޙުސައިން އާދަމެވެ. ތިބާ ތިބާގެ ޑިއުޓީ ފުރިހަމަ ކޮށްދީފީމުއެވެ. އަންނަންއޮތް ޖީލުތަކަށްޓަކައި މިލޮބުވެތި ފަސްގަނޑު ޙިމާޔަތް ކޮށްދީފީމުއެވެ. ތިބާއަށްޓަކައި އެންމެހާ ދިވެހިން ފަޚުރުވެރިވާނޫއެވެ.

ޙުސައިން އާދަމަކީ އެންމެ 60 ވަޒަނުން އެތައް ބަޔަކު ހިފެހެއްޓި ސިކުނޑިއެއްގެ ވެރިއެކެވެ. އެ ފަސްދޮޅަސް ވަޒަނުން އެންމެ ވަޒަނެއް ވެސް އޭނާ ބޭކާރު ކުރިނަމަ ސިފައިން އެކި މަޤާމުތަކަށް ބެހި ދުޝްމަނުންނަށް ޙަމަލާދޭނެ ފުރުސަތު ނުލިބުނީހެވެ. ނޮވެމްބަރު ތިނެއްގެ ޙަމަލާ ނާކާމިޔާބު ކޮށްލުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއް ބަތަލަކީ އޭރު ޕްރައިވެޓަކަށް ހުރި ޙުސައިން އާދަމެވެ.

ޙުސައިން އާދަމުގެ ހިތްވަރަށް ހީނަރުކަމެއްނެތެވެ. އޭނާގެ ޚިދުމަތަށް ނިމުމެއްނެތެވެ. އޭނާގެ ހަނދާންތައް ފަނޑުވުމެއްނެތެވެ. އޭނާ މިޤައުމަށްޓަކައިވި ޤުރުބާނީއަށް އިރުއޮއްސުމެއްނެތެވެ.

އޭނާގެ ޖިހާދުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ޑަބަލް ޕްރޮމޯޝަން ދެއްވައި ކޯޕްރަލަކަށް ޕްރޮމޯޓު ކުރައްވައިފައެވެ. އޭނާގެ މަތިވެރި ޤުރުބާނީއަށްޓަކައި ސަރުކާރުން ވަނީ ހުރަވީ ރަންމެޑަލް ދެއްވައިފައެވެ. އޭގެ އިތުރަށް ޖިހާދުގެ ރަންމެޑެލާއި، ނޮވެމްބަރު 3 ގެ މެޑެލް ސަރުކާރުން ވަނީ އޭނާގެ ހަނދާނަށް އެރުވައިފައެވެ. ޝަހީދު ޙުސައިން އާދަމްގެ ހަށިގަނޑު ވަޅުލައިފައިވަނީ ހެންވޭރު ގަބުރުސްތާނުގައެވެ. އޭނާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.