ރޯވިން ޗެލެންޖުގައި ބައިވެރިވާ ޕްރިންސިޕަލުންގެ ފަރިތަކުރުންތައް ފަށައިފި

ޕްރިންސިޕަލުން ތަމްރީން ތަކުގައި ބައިވެ ވަޑައިގަންނަވަނީ

ރޯވިން ޗެލެންޖުގައި ބައިވެރިވާ ޕްރިންސިޕަލުންގެ ފަރިތަކުރުންތައް މިއަދު ފަށައިފިއެވެ.

ރޯވިން އެސޯސިއޭޝަން އޮފްދަ މޯލްޑިވްސް އިން އިންތިޒާމް ކުރައްވައިގެން ބާއްވާ ޚާއްސަ މި ހަރަކާތުގައި މިހާތަނަށް 6 ސްކޫލެއްގެ ޕްރިންސިޕަލުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އޭގެ ތެރޭގައި ތިން އަންހެން ޕްރިންސިޕަލުން ހިމެނޭ ކަމަށް ރޯވިން އެސޯސިއޭޝަނުގެ ސެކްރެޓަރީޖެނެރަލް ފާތިމަތު ނިޒްނާ ވިދާޅުވިއެވެ.

މިއީ އައްޑޫސިޓީ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހުޅުވައިލައިގެން ރޯވިން އެސޯސިއޭޝަނުން ބާއްވާ ހަރަކާތެކެވެ. ހިތަދޫ އައިސް ޕްލާންޓް ސަރަހައްދުގައި މިއަދު ހަވީރުފެށި ފަރިތަކުރުން ތަކުގައި ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ޑރ. އަހުމަދު އަދީލް ނަސީރާއި، ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާއިޝަތު މުހައްމަދު ދީދީއާއި، ފޭދޫ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާއި މިއާންޒް އިންޓަރނޭޝަނަލް ސްކޫލް ގެ ޕްރިންސިޕަލް އާމިނަތު ގުލްފިޝާމާއި އަދިވެސް ބައެއް ޕްރިންސިޕަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރޯވިން އެސޯސިއޭޝަނުން އެބޭފުޅުންނާ ހަވާލު ކުރައްވައިފައިވާ ޗެލެންޖަކީ ފަލިޖަހައިފައި ފުވައްމުލަކު ސިޓީން އައްޑޫސިޓިއަށް ވަޑައިގެންނެވުމެވެ. އެ ދެމެދުގައި ގާތްގަޑަކަށް 35 ކިލޯމީޓަރު ހުންނާނެ ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.

ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ޑރ. އަދީލް ވިދާޅުވީ މިފަދަ ޗެލެންޖަކަށް ކުރިމަތިލެއްވީ ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި މިހާރަށްވުރެ ބޮޑަށް ރޯވިންއަށް ލޯބި ޖައްސައި އެކުޅިވަރުގެ ތެރެއަށް ކުދިން ވެއްދުމަށް ކަމަށެވެ. "އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރޯވިން އެސޯސިއޭޝަނުން އިސްނަންގަވައިގެން ބާއްވާ މިހަރަކާތުގައި ޕްރިންސިޕަލުން ބައިވެރިވެ ނަމޫނާ ދެއްކުމުން ކުދިންގެ ޝައުގުވެރިކަން އިތުރުވެ މީގެ ތެރެއަށް ވަންނާނެ،" އަދީލް ވިދާޅުވިއެވެ.

މިހަރަކާތް ބާއްވާނެ ތާރީޚެއް އަދި ކަށަވަރު ނުވެއެވެ. "ތާރީޚު ކަނޑައަޅާނީ ޕްރިންސިޕަލުން މިއަދު ފެށި ތަމްރީންތައް ނިމުމުން. މިބަލަނީ މަހެއް ދެމަހެއްގެ ތެރޭގައި މިހަރަކާތް ބޭއްވޭނެ ކަމަށް" ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިޒުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ހަރަކާތުން ލިބޭ ސްޕޮންސަރ ފައިސާގެ ތެރެއިން 60 އިންސައްތަ މިހަރަކާތުގައި ބައިވެރިވާ ސްކޫލްތަކަށް ހަދިޔާ ކުރައްވާނެ ކަމަށެވެ.

މިހަރަކާތް ބޭއްވިއްޖެ ކަމަށްވާނަމަ މި ޕްރިންސިޕަލުން ވެވަޑައިގަންނަވާނީ ފަލިޖަހައިފައި ފުވައްމުލަކު ސިޓީން އައްޑޫ ސިޓީއަށް އައި ފުރަތަމަ ދިވެހިންނަށް ކަމަށް ވެސް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.