ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައިގެ ތަހުޤީޤުގައި ޤާނޫނީ ވަކީލަކު ހޯދުމުގެ އެންމެފަހު ފުރުސަތު އޭނާއަށް ދީފިއެވެ.
މައްސަލަ ތަޙުޤީޤު ކުރާ ކޮމިޓީން ވިދާޅުވީ އަންނަމަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އަޑުއެހުމުގެ ކުރިން ވަކީލަކު ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އެއީ އެންމެ ފަހު ފުރުސަތު ކަމަށާއި އިތުރު ފުރުސަތެއް ދެވޭނެ ކަމަށް ކޮމީޓީން ވިދާޅެއް ނުވެއެވެ.
ވަކީލަކު އައްޔަން ނުކުރެވިގެން އާދަމް މުޙައްމަދުގެ މައްސަލައިގެ މިއަދުގެ އަޑު އެހުން ވެސް ކުރިއަށް ނުގެންދެވުނެވެ. މިއަދުގެ އަޑުއެހުމަށް އޭނާ ވަޑައިގެންނެވީ ވަކީލަކާ ނުލައެވެ.
އިއްޔެގެ އަޑުއެހުމަށް އާދަމް މުޙައްމަދު ވަޑައިގެންނެވީ ޤާނޫނީ ވަކީލް އަޙުމަދު މާޖިދާ އެކުގައެވެ. އެހެންނަމަވެސް މިއަދު އޭނާ ވަޑައެއް ނުގަންނަވައެވެ. މިއަދު އޭނާ ވަޑައި ނުގެންނެވުމުން ފަނޑިޔާރު އާދަމް މުޙައްމަދުގެ ސްލޫކީ މައްސަލަ ބަލާ ކޮމެޓީ ގެ ރިޔާސަތުގައި އިންނެވި މަސްތޫރު ޙުސްނީ ވަނީ އޭނާ ކޮބައިތޯ ސުވާލު ކުރައްވައިފައެވެ. އަދި މައްސަލައިން އަޙުމަދު މާޖިދު ތަނާޒުލްވެ ވަޑައިގެންނެވިކަން ޖޭއެސްސީއަށް އަންގައިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
ވަކީލެއްގެ މައްސަލައިގައި ފަނޑިޔާރުގެ ފަރާތުންވެސް ސާފުކޮށް ދެއްވަން ބޭނުންވާ ވާހަކަތަކެއް ހުރުމުން ތަކުރާރުކޮށް ފަނޑިޔާރު އާދަމް މުޙައްމަދު ވަނީ ފުރުޞަތަކަށް އެދި ވަޑައިގެންފައެވެ. ނަމަވެސް މަސްތޫރު ވިދާޅުވީ ފުރަތަމަ އެނާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ. ފަނޑިޔާރު އާދަމް ވިދާޅުވީ މަޖީދު ވަޑައިނުގަންނަވާނެކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ. އަދި ވަޑައިނުގަތުމަށް އިރުޝާދު ވެސް ދެއްވާފައި ނުވާނެކަމަށެވެ.
އިއްޔެގެ އަޑު އެހުމުގައި އާދަމް މުޙައްމަދުގެ ފަރާތުން ވަކީލެއްގެ ގޮތުގައި ހުށަހެޅުއްވީ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދެވެ. އެހެންނަމަވެސް ޖޭއެސްސީ އިން ވަނީ ޑރ. ޖަމީލު އާދަމް މުޙައްމަދުގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމައިފައެވެ. އެ ގޮތަށް ނިންމައިފައިވަނީ، ޑރ. ޖަމީލް ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ބައިވެރިވެ ވަޑައިގަންނަވާތީއެވެ.
ވަކީލުންގެ މައްސަލައިގައި ފަނޑިޔާރު އާދަމް މުޙައްމަދު ގެ ފަރާތުންވެސް ސާފުކޮށް ދެއްވަން ބޭނުންވާ ވާހަކަތަކެއް ހުރުމުން އެކަމަށް ފުރުސަތަކަށް އެދުމުން ތަޙްޤީޤު ކޮމެޓީގެ ރިޔާސަތުން ވިޅުވީ، ފަނޑިޔާރު ވިދާޅުވަން ބޭނުންފުޅުވާ ވާހަކައެއް ވަރަށް ކުރުކޮށް ވިދާޅުވެ ދެއްވުމަށެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ވިދާޅުވީ ފުރުޞަތަށް އެދިވަޑައިގެނެވީ، ވަކީލުންގެ މައްސަލައިގައި އޮޅުން ފިލުވައި ދެއްވަން ބޭނުންވާ ކަންތަތަކެއް ހުރުމުން ކަމަށެވެ. އިއްޔެގެ އަޑު އެހުމުގައި ވެސް އަތްނަންގަވައިގެން އެކަން ސާފްކޮށްދެއްވަން އުޅުއްވުން ފުރުޞަތު ވެސް ނުދެއްވާ އަޑުއެހުން މެދު ކަނޑާލައްވައިފައި ވަޑައިގެންނެވުމުން ވަރަށް ދެރަފުޅުވެ ހައިރާންވެ ވަވަޑައިގެންނެވިކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ. އެކަންކަން އޮޅުން ފިލުވައި ދެއްވަން ފެށްޓެވުމުން އެކަމާމެދު ޖޭއެސްސީ އިން ވަކި ގޮތެއް ނިންމަވައިފައި ވުމުން އެކަމާ ބެހޭގޮތުން ވާހަކަ ނުދެއްކުމަށް ރިޔާސަތުން އެދި ވަޑައިގެންނެވިއެވެ.
ޑރ. ޖަމީލްގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ވަނީ ވަރަށް ތަފްޞީލްކޮށް އޮޅުން ފިލުވައި ދެއްވައިފައެވެ. ޖަމީލު ވަކީލެއްގެ ގޮތުގައި އައްޔަން ކުރުމަށް މަސައްކަތް ފެއްޓެވީ ވެސް އޭނާ ހިމެނިވަޑައިގަންނަވާ ހުރިހާ މައްސަލައަކުން ތަނާޒުލްވެ ވަޑައިގެންނެވުމަށްފަހު ކަމަށް ފަޑިޔާރު ވިދާޅުވިއެވެ. އެހުރިހާ މައްސަލައަކުން ފަނޑިޔާރު ތަނާޒުލްވެވަޑައިގެންނެވީ މިމަހު 22 ވަނަ ދުވަހުއެވެ. އޭނާ އެމައްސަލަތަކުން ތަނާޒުލްވެ ވަޑައިގެންނެވިކަމުގެ ސިޓީވެސް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފޮނުވައިފައި ވާނެކަމަށް ވިދާޅުވިއެވެ.
ޖަމީލްގެ މައްސަލައަކީ ކޯޓުގެ ފުލް ބެންޗުން ބަލާ ފަދަ މައްސަލައެއް ކަމަށް އިއްޔެ ޖޭއެސްސީ އިން ބުނެފައިވަނިކޮށް ޤާނޫނުއަސާސީއާ ޙަވާލާދީ ފަނޑިޔާރު އާދަމް މުޙައްމަދު ވިދާޅުވީ އެއީ ފުލް ބެންޗުން ބަލާ ފަދަ ދުސްތޫރީ މައްސަލައެއް ނޫންކަމަށެވެ. އެހެންކަމުން އޭނާ އެމައްސަލަތަކުން ތަނާޒަލްވުން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.
ދުސްތޫރީ މައްސަލަ ޑރ. ޖަމީލް ހުށަހަޅުއްވައިފައި ވަނީ 16 އޭޕްރީލް 2019 ގައި ކަމަށް ފަޑިޔާރު ވިދާޅުވިއެވެ. ސްޕްރީމްކޯޓްގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި ޖޭއެސްސީއިން ޑރ. ޖަމީލް ޤަބޫލުކޮށްފައި ވަނީ އެމުއްދަތުގެ ފަހުން ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން ޖޭއެސްސީއިން އެކަމުގައި ސްޓޭންޑެއް ނަންގަވައިފައި އޮތީ ކަމަށް ހީކުރެއްވިކަމަށްވެސް ވިދާޅުވިއެވެ. އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައިގަނެ އޭނާގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަމަހަމަ ކަމުގެ ޙައްޤަށް އުނިކަން ލިބޭނެ ކަމަކަށް ވުމުން، ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ބަލައިނުގަތުމަށް ޖޭއެސްސީން ނިންމެވި ނިންމުން މުރާޖާކޮށްދެއްވުމަށް އާދަމް މުޙައްމަދު އެދިވަޑައިގެންނެވި އެވެ.
އާދަމް މުޙައްމަދު އެކަމަށް އެދިވަޑައިގެންނެވުމުން މެންބަރ ޙިސާން ޙުޞައިން ވިދާޅުވީ އެ ނިންމުން މުރާޖަޢަ ކުރެއްވެނެ ނެތްކަމަށެވެ. ފަނޑިޔާރެއްގެ ސުލޫކީ މައްސަލައަކާ ގުޅިގެން ވަކީލަކު ހޯދަން 24 ގަޑިއިރުގެ ފުރުސަތެއް ދިނުމަށް ޤާނޫނުގައި ބުނެފައި ވުމުން އިއްޔެއިން ފެށިގެނެ އެމުއްދަތު ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިމަހު 15 އިން ފެށިގެން ޤާނޫނީ ވަކީލަކު ހަމަޖެއްސެވުމަށް ފަނޑިޔާރަށް ފުރުޞަތު ދެވިފައިވާކަން ވެސް ޙިޞާން ފާހަގަ ކުރެއްވިއެވެ.
ރިޔާސަތުގައި އިންނެވި މަސްތޫރު ވިދާޅުވީ ފަނޑިޔާރު އާދަމް މުޙައްމަދު މަސައްކަތް ކުރައްވަނީ ނުބައި މަގަކުން ވަޑައިގެންނެވުމަށް ކަމަށެވެ. ސިސްޓަމް އެބިއުސް ކުރައްވައި ޖޭއެސްސީގެ ޤާނޫނީ ޒިންމާއަށް ހުރަސްއެޅުއްވުމަށް، ފަނޑިޔާރު މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު އާދަމް ވިދާޅުވީ ޖޭއެސްސީން އެހެން ވިދާޅުވުމުން ހިތާމަކުރައްވާކަމަށާއި ކޮންމެ ދުވަހަކު ވެސް ގަޑިއަށް ހާޒިރުވެވަޑައިގަންނަވަނީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅަން ބޭނުންފުޅުނުވާތީކަމަށް ވެސް ވިދާޅުވިއެވެ.