ޤައުމީދުވަހު ޤައުމީ ލޯތްބާއެކު ދިވެހި ޒުވާނަކު ކުރި އިލްތިމާސް!

ފޮޓޯ: ރައީސް އޮފީސް

ޤައުމީ ދުވަހަކީ އަޅުގަނޑުމެންގެ ހިތުގައި އުތުރިއަރަމުންދާ ޤައުމިއްޔަތުގެ ލޯބި ފާޅުކޮށް ބަންޑުންކޮށްލުން އެންމެ މުނާޞަބު ދުވަހެވެ. ތިރީގައި ވަނީ މިއަހަރުގެ ޤައިމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޒުވާން ކިޔާވާކުއްޖެއްކަމުގައިވާ، ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަންގެ ދަރިވަރު ރިޔާޝް ޢަބްދުލްމަޖީދު ޤައުމާ މުޚާބާތަބުކޮށް ދެއްކި ވާކައިގައި ޤައުމީ ލޯތްބާ ގުޅޭ ގޮތުން ދިވެހި ޒުވާނުންނަށް ކުރި އިލްތިމާސްގެ ޚުލާސާއެކެވެ.

މަތީ ސާނަވީއަށް ތަޢުލީމު ޙާޞިލް ކުރަމުންދާ ރިޔާޝްގެ ވާހަކަ ފެށީ ޤައުމީ ދުވަހަކީ ކޮބައިކަން ސިފަކޮށްދެމުންނެވެ. އޭނާ ސިފަކުރަނީ، ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ އެއްވަނަ ދުވަސް ފާހަގަ ކުރެވިގެން ދަނީ، 15 އަހަރާއި ހަ މަހާއި 14 ދުވަހުގެ ކަޅުދެލިން ލިޔެވުނު މޮޅިވެރިކަމުގެ ކަޅު ޞަފްޙާތައް ނިމި ރަންއަކުރުން ފަވާލެވިގެންވާ ޝަރަފްވެރި ތާރީޚީ މުޅިން އާބާބެއް ލިޔެވެންފެށި ދުވަހެއްގެ ގޮތުގައެވެ. ރޭގަނޑުގެ އަނދިރި ވަގުތުގައި އަނދިރިއަނދިރިންގެ ވައިނޮޅިއަށް ވަޠަނިއްޔަތާއި ޤައުމިއްޔަތުގެ ހޫނުލޭން ކެކިހުރި ޤައުމި ބަޠަލެއްގެ ބަޑީގެ އުންޑަ އަމާޒު ކޮށްލުމާއެކު ދިވެހިންގެ މިނިވަންކަމާއި ދީނާއި ސިޔާދަތު އަލުން އަނބުރާ ދިވެހިންގެ އަތަށް ރުޖޫޢަވި ދުވަހެއްގެގޮތުގައެވެ.

ޕޯޗްގީޒުންގެ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކުގެތެރޭގައި އެހީއަށް އެދި ރޮއެއާދޭސްކޮށް ލޭއޮހޮރަމުންދިޔަ ޤައުމުގެ ގޮވުމަށް އިޖާބަދީ ދިވެހި ޤައުމު، އެބައިމީހުންގެ އަތްދަށުން މިނިވަން ކުރެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޛަމް، އަޅުގަނޑުމެން އެންމެން ދަންނަ ޤައުމީ ބަޠަލް، ބޮޑުތަކުރުފާނުގެ ޖިހާދުގެ މައްޗަށް ރިޔާސް ވާހަކައިގައި އަލިއަޅުވާލިއެވެ.

ބޮޑުތަކުރުފާނުގެ ޖިހާދަށް ބަލާލުމުން ފާހަގަވެގެން ދިޔަ އެއްކަމަކީ، 16 ވަނަ ޤަރުރުނުގެ ތެރޭގައި ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށް މިނިވަންކަން ހޯއްދަވައިދެއްވުމުގެ މަސައްކަތް އެތަކުރުފާނު ފެށްޓެވިއިރު އެއީ ޒުވާން ބޭފުޅެއްކަށްވުންކަން ރިޔާޝް ފާހަގަ ކުރިއެވެ. އަޅުގަނޑުމެން މިއަދު ދިރިއުޅެމުން މިދަނީ 21 ވަނަ ޤަރުނުގައި ނަމަވެސް އޭރު ބޮޑުތަކުރުފާނުގެ ކިބައިން ފެންނަމުންދިޔަ ފަދަ ހިތްވަރާއި ފަންވަރާއި ތޫނުފިލިކަމާއި ކެރުންތެރިކަން ނުވަތަ ޤައުމީ ލޯތްބާއި އިސްދާނަކަމުގެ ސިފަ، އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިގައި މިއަދު ހުރިތޯ އޭނާ ސުވާލު އުފެއްދިއެވެ.

"ދުނިޔޭގެ ގަދަބާރުތަކާ ކުރިމަތިލާން ކެރުނު ހީވަގި ޒުވާނުންތަކެއް އުފެދިގެން އައި މުޤައްދަސް ފަސްގަނޑަކުން، ޤައުމީ ލޯތްބާއި ޤައުމީ ވަންތަ ކަމުގެ ޝުޢޫރު ފަނޑުވެފައިވަނީ ކީއްވެތޯ ބަލައި އެކަން ޙައްލުކުރަން އެބަޖެހޭ." ރިޔާޝް ފާހަގަކުރިއެވެ.

ޤައުމީ ލޯބި ފަޑުވަމުން ދަނީ ޤައުމިއްޔަތުގެ ބަހާތަކަށް ޒުވާނުންގެ ފަރާތުންދެވޭ ސަމާލުކަން ދިނުމުގައި މާބޮޑަށް ފަރުވާ ކުޑަކޮށްލެވުމުގެ ސަބަބުންކަމަށް އޭނާ ދެކެއެވެ. އެހެންކަމުން ކިޔަވާކުއްޖެއްގެ ޙައިޞިއްޔަތުނާއި ޒުވާނެއްގެ ޙައިޞިއްޔަތުން، ޒުވާނުންނަށް ޤައުމީ ލޯތްބާ ގުޅޭ ގޮތުން މުހިންމު އިލްތިމާސްއެއް އެނާ ވަނީ ކޮށްފައެވެ.

ޤައުމީ ބަޠަލުންގެ ޒިކުރާ ދެމެހެއްޓެނިވި ގޮތެއްގައި އާކުރުން.

ޤައުމީ ވަންތަކަމުގެ އިޙްސާސް ހިތުގައި އަށަގެންނެވުމަށް ޒުވާނުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޤައުމަށްޓަކައި ޤުރުބާންވީ ބަޠަލުންގެ ޒިކުރާ ދެމެހެއްޓެނިވި ގޮތެއްގައި އާކޮށް އެއިން ޢިބްރަތް ޙާޞިލްކުރުން ކަމަށް ރިޔާޝް ފާހަގަ ކުރިއެވެ.

ޤައުމިއްޔަތޭ ޤައުމިއްޔަތުގެ ރުކުނޭ ކިޔައިފައި އަޅުގަނޑުމެންނަށް ދެއްކެންއޮތް ހުރިހާ ވާހަކައެއް އަޅުގަނޑުމެންނަށް މި ދެއްކެނީ ކާބަފައިންނާއި ބަޠަލުންގެ މަތިވެރި ޤުރުބާނީގެ ސަބަބުންކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެއްކަމަށް ރިޔާޞް ބުންޏެވެ.

ގިނަ ޒުވާނުންނަށް ބޭރުޤައުމު ތަކުގެ ބާނީންނާއި ބަޠަލުންގެ ވާހަކަ، އެނގޭކަމަށާއި އެފަދަ ބަޠަލުންގެ ތަޞްވީރު ޖަހައިފައި ހުންނަ ޓީޝާރޓް ތަކާއި ދަބަސްފަދަ ތަކެތި ވަރަށްގިނަ ޒުވާނުން ގެންގުޅޭކަން ރިޔާޝް ފާހަގަކުރިއެވެ. ދިވެހި ޤައުމީބަޠަލުންގެ ޒިކުރާ އާކުރުމަށްވެސް އެފަދަ އުފެއްދުންތެރި ގޮތްތައް ތަޢާރަފް ކުރެވިދާނެކަމަށް އޭނާ ފާހަގަ ކުރިއެވެ.

"އަޅުގަނޑުމެންގެ ޒުވާނުން ހަމަ މިބީދައިން ދިވެހި ބަޠަލުންގެ ރަމްޒްތައްކަމުގައިވާ ބޮޑުތަކުރުފާނުގެ ކަޅޯއްފުއްމި އާއި ދޮންބަނޑާރައިންގެ އައްޑަނަކޮޅު ބޭނުންކޮށްގެން އެބަޠަލުންގެ ޒިކްރާ އާނުކުރެވެންވީ ކީއްވެގެންތޯ؟ ޒުވާނުންގެ ތަބީޢީ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުން ބޭނުންކޮށްގެން މިފަދަކަމެއް ނުކުރެވެންވީ ކީއްވެގެންތޯ" ސުވާލު އުފައްދަމުން ރިޔާޝްގެ ޚިޔާލު ފާޅުކުރިއެވެ.

ޤައުމީ ބަޠަލުންގެ ވާހަކައަކީ ހަމައެކަނި ޖަލްސާތަކުގެ ޕޯޑިއަމަކުން، ހާލަކުން ފަހަރަކު ދައްކާލެވޭ ވާހަކައެއްގެ ބަދަލުގައި އަބަދާއަބަދު އާއްމު ދިރިއުޅުމުގައި އާވޭވެ ހުންނަ ޒިކުރާއަކަށް ހަދަންޖެހޭކަމަށް ޒުވާން ހާކަދެއްކުންތެރިޔާ ފާހަގަކުރިއެވެ. ޤައުމީ ބަޠަލުންގެ ޤުރުބާނީގެ ޒިކުރާ އާކުރުމަކީ ތިމާގެ ހިތުގައި ޤައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމަށްޓަކައި ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް ރިޔާޝް ފާހަގަކުރިއެވެ.

ޤައުމަށް ޚިދުމަތްކުރުމުގެ ރޫޙު އާލާކުރޭ!

މިއަދު އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަނީ ބަވަނަ ވެފައިވާ މުޖްތަމައެއްގައިކަން ފާހަގަކޮށް، އާއްމުދަނީ ހޯދުމާއި ތަޢިލީމު ޙާޞިލް ކުރުމުގައި އެކިދާއިރާތަކުން ވަރަށް ތަނަވަސް މަގުތައް ދިވެހިންނަށްވެސް ހުޅުވިފައިވާކަން ފާހަގަ ކުރިއެވެ. އެގޮތުން ބައެއް ޒުވާނުން ދުނިޔޭގެ އެންމެ މޮޅެތި ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލްކޮށް ޤައުމަށް ރީތިނަން ހޯދައި ދެމުންދާކަން ފާހަގަކުރިއެވެ. ނަމަވެސް ޤައުމަށް ޚިދުމަތް ކުރުމުގެ ދާއިރާއަށް، ލިބިގަތް ތަޢުލީމުގެ ފުރިހަމަ ބޭނުން ހިފަމުންދާތަން ފެންނަނީ ވަރަށް މަދު ޙާލަތެއްގައިކަން އޭނާ ފާހަގަކުރިއެވެ. އެހެންވާން މެދުވެރިވަނީ ތަޢުލީމާއި ތަރުބިއްޔަތުގެ އެކި ހަރުފަތްތައް ގިރާކުރިއިރު، ޤައުމިއްޔަތާއި ޤައުމީ ވަންތަކަމަށް މާބޮޑު އަހަންމިއްޔަތު ކަމެއް ދެވިފައި ނެތުމުންކަމަށް ޒުވާނާ ފާހަގަކުރިއެވެ.

ތަޢުލީމު އުނގެނުމަކީ ތިމާގެ އަމިއްލަނަފަސުގެ ކުރިއެރުމަށް ތިމާ ކުރާކަމެއް ނަމަވެސް، އޭގެ ހަޤީޤީ ލާބަޔާއި މަންފާ ލިބޭނީ ތިމާ ޙާޞިލްކުރާ ތަޢުލީމުގެ ބޭނުންކޮށްގެންކަން ފާހަކުރިއެވެ. ތިމާކިޔަވާ އެއްޗެއް ތިމާގެ މާހައުލާ ގުޅޭގޮތުން ފައިދާކުރަނިވި ގޮތަކަށް ބޭނުން ނުކުރެވުމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް އޭނާ ބުންޏެވެ. ތަޢުލީމީ ގޮތުން ކުރިއަރާއިރު، އެއާ އެއްވަރަށް ޤައުމަށް ޚިދުމަތްކުރުމުގެ ރޫޙު ދިވެހި ޒުވާނުން އަށަގެންނެވުމަކީ ޤައުމިއްޔަތަށް ލިބިގެންދާނެ އިތުރު ދިރުމެއްކަމަށް ވެސް މިޒުވާނާ ދެކެއެވެ.

ފަޚުރުވެރިކަމާއި އެކީ އެބާކިންގެ ބަހުރުވައިން އެބާކިން ވާހަކަދައްކައު! 

"ދެން މަ ބަލާލައް ބޭނުން ވެނީ އަފިރިން ވާހަކަ ދައްކާ ދިވެހި ބަހަށް، ދިވެހި ބަހަކީ އަފިރިން ދިވެހިންނަށް ތިމާފިރިންގެ އަމެއްލަވަންތަކަން އެހެން އެންމެންނަށް ދައްކުވައިދޭ އަގޮބޮނޑަ ވަޞީލަތައް. ދިވެހިންގެ އެކި ބަހުރުވައިން އަފިރިންނަށް ތެބެފެނެއި އަފިރިންގެ ދިވެހި ބަހުގެ މުއަސަންތިކަން. ދިވެހި ބަހުގެ ބަހަވީ ސިންދާފާތު ކުރިއަރަފެއި މިއޮތީ ތަނަވަސް ވެފައި. އެކަމަކުން މަށް ފެނޭ ތަނި، މިކޯ ޒުވާނުންގެ ތެރެއިން، ޚާއްޞަކޮށް މާލޭއް ވެހައި ބޮނޑޮވޭ ރަށްރަށި ކުދިންނަށް އެކުދިންގެ އަމެއްލަ ބަހުރުވައިން ވާހަކަދެއްކުމަކީ ފިނޑިކަމަކަށްވެ ލަދޮވެތި ކަމަކަށްވެގެ. ރަށި މީހުންނާއި އާއިލާއި މީހުންނާއި ވާހަކަ ދައްކާއް ބޭނުން ކެރަނީއަސް މާލޭ ބަސް. އެކަމަކި އެހެން ހެދީމެއި ގެއްލި މަރޮވެގެން އެ އެބޭނި ތިމާފިރިންގެ އަމެއްލަ ވަންތަކަމުގެ ވަރަށްބޮޑު ބާއް، އަފިރިންގެ މަންމާމެން ބައްޕާމެންނަށް ރަށި ބަހުން ވާހަކަ ދައްކާއް އެނގިފައި ތިމާއް ނިއެނގޭފެހޭ ތިމާގެ ދަރިންނަށަސް އެޔާ ދަސްކޮށް ނިދިޔޭއެއް. އެލެކުން ނެތިގެން އެބޭނީ އަފިރިންގެ ދިވެހި ބަހުގެ ބާއް އެކަނިއަށް ނުން. އެ އެބެގެއި އަފިރިންގެ ޤައުމިއްޔަތުގެ އަސް މުހިންމު ބާއް. ތިމާފިރިންގެ އަމެއްލަވަންތަކަން.ވީމެއި އަދަ ތެ ހުށިހެއި ޒުވާނުންނަސް މާއި އެކީ އަޒުމު ކަނޑައަޅާއްވީ ފަޚުރުވެރިކަމާއި އެކީ އެބާކިންގެ ބަހުރުވައިން އެބާކިން ވާހަކަ ދައްކާއް. އެކަލަކުން އަފިރިންގެ އެއްބައިވަންތަކަމާއި އަފިރިންގެ ޤައުމީ ރޫޙު ވަރޮގަދެވޭހެއްކަން ހަމަގާމުނަސް މައް ތެބެއެނގެއި." ޤައުމިއްޔަތުގައި އަޅުގަނޑުމެންގެ ދިވެހިންގެ ބަހުރުވައިގެ މުހިންމުކަން، ރިޔާޝްގެ އަމިއްލަ ބަހުރުވައިން ވާހަކަ ދައްކަމުން ފާހަގަކުރިއެވެ.

އިސްލާމީ ޙަޟާރަތަށް ފެންދީ އާރޯކަންދޭ ބަޔަކަށް ޒުވާނުން ވާންޖެހޭ !

އިސްލާމްދީނަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މުހިންމު ބަހާއެއް ކަން ރިޔާޝް ފާހަގަ ކުރިއެވެ. ހުޅުވާލެވިފައިވާ މުޖުތަމަޢެއްގައި އުޅޭއިރު އަޅުގަނޑުމެންގެ މިނިވަން ކަމާއި ދިނާއި ޤައުމިއްޔަތަށް ލޮޅުން އަރާފަދަ ކަންތައްތައް ކުރިމަތިވާނެ ކަން ވެސް ފާހަގަ ކުރިއެވެ.

"ނަމަވެސް މިފަދަ ގަދަކަނޑެއްގައި ޤައުމުގެ ނައު އަމާން އައްސޭރިއަކަށް ގެންދިއުމަށް ތިބި ޒުވާން އާރުކާޓީން، ހަނދާންކުރަންވީ އަޅުގަނޑުމެން ދިވެހިންނަކީ ވެސް ޒަމާނީ އިސްލާމީ ޙަޟާރަތެއް އޮތް ބައެއްކަން. ތުރުކީގެ އިސްތަންބޯލްގައި ހުންނަ މިސްކިތްތަކުން އެޤަމުގެ އިސްލާމީ ޙަޟާރަތް ރަމްޒުކޮށްދޭއިރު، އަޅުގަނޑުމެންގެ މިރާއްޖޭގެ ހުކުރު މިސްކިތުން އަޅުގަނޑުމެންގެ އިސްލާމީ ޙަޟާރަތް ރަމްޒުކޮށްދޭ. އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު ވާދޫ ދަންނަ ކަލޭފާނުފަދަ ބޭބޭފުޅުން ދީނަށް ކޮށްދެއްވި މަތިވެރި ޚިދުމަތުގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ފަޤީހުންގެ ލިސްޓްގައި ކިތަންމެ ކުރީޒަމާނެއްގައި ނަމަވެސް ލިޔެވި ޝާމިލްވެފައި އެބައޮތް." ރިޔާޝްގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

ދިވެހިންގެ އާދާކާދައާއި ޘަޤާފަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވަނީ ވެސް އިސްލާމްދީންކަން ރިޔާޝް ފާހަގަކުރިއެވެ. މިޝަރަފްވެރި އިސްލާމީ ޙަޟާރަތަށް ފެންދީ އާރޯކަންދޭ ބަޔަކަށް ޒުވާނުން ވާންޖެހޭކަމަށާއި އޭރުން އެދިރުވެނީ ޤައުމީވަންތަކަމުގެ ރޫޙު ކަމަށް ރިޔާޝް ފާހަގަކުރިއެވެ.

ޤައުމެއް ޤައުމެއްގެގޮތުގައި ދެމިއޮތުމަށް އެޤައުމެއްގެ ޤައުމިއްޔަތަކީ ވަރަށްމުހިންމު އެއްޗެއްކަމަށް ރިޔާޝް ފާހަގަ ކުރިއެވެ. ޤައުމެއްގެ ރައްޔިތުން އެޤައުމެއްދެކެވާ ލޯތްބާއި އެޤައުމަށްޓަކައި ޤުރުބާންވާން ތައްޔާރުވެތިބި މިންވަރަކީ އެ ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީއާއި ތަހްޒީބުގެ ކުރިމަގު އަލިކޮށް އުޖާލާކޮށްދޭކަމެއްގެ ގޮތުގައި ވެސް ޒުވާން ވާހަކަދެއްކުންތެރިޔާ ފާހަގަކުރިއެވެ.

"އެދަންމަރުގެ ތެލަކީ ޤައުމިއްޔަތުގެ ބަހާތައް ކަމުގައިވާނަމަ، އެދަންމަރު އޭގެ ނާރެހަށް އުފުލައިގެން ތިބީ އަޅުގަނޑުމެން ޒުވާނުންގެ އަތްތަކުން. ވީމާ އަޅުގަނޑުގެ މިރޭގެ އިލްތިމާސަކީ އަޅުގަނޑުމެން އެންމެންވެސް، ޞަޚްސިއްޔަތެއް ހުރި ލޯތްބަކީ އަދި އާރުލާ ވެސް ބާރަކީ ފަޚްރާ ޝަރަފްވެރި ބާރަކީ ޙުއްބުލް ވަޠަންކަން ހިތުގައި ހަރުލައްވާށޭ، އޭރުން އަޅުގަނޑުމެންނަށް ފެނިގެން ދާނީ މިހާރަށްވުރެ ކުރިއަރައިފައިވާ މިހާރަށްވުރެ އަމާން މިހާރަށްވުރެ ފާގަތި އުފާވެރި ދިވެހިރާއްޖެއެއް" ކަމަށް ރިޔާޝް ދެކެއެވެ.

ޒުވާން ވާހަކަ ދެއްކުން ތެރިޔާ، ރިޔާޝްގެ ހިތުގައިވާ ޤައުމީ ލޯބީގެ ޝުޢޫރުތައް ބަންޑުންކޮށް ނިންމާލީ ދިވެހިރާއްޖޭގެ މިދީބު މިނިވަންކަމުގެ ފޮނި މީރުކަންމަތީ، ޤައުމިއްޔަތުގެ ލޯބީގެ މަތީ އަބަދުގެ އަބަދަށް ލެހެއްޓެވުން އެދި ދުޢާކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.