ރަސޫލާއަށް ކުޑައިމީސް ބަސް ބުނުމުގެ ފުރުސަތު މިސަރުކާރުން ނުދޭނެ: ރައީސް

ކީރިތި ރަސޫލާއަށް ކުޑައިމީސް ބަހެއް ބުނުމުގެ ފުރުސަތު މިސަރުކާރުން ނުދެއްވާނެ ކަމަށް ރައީސުލްޖުމްހުރީއްޔަ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްހޭގެ ޤައުމީދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިހާރު ހިނގަމުންދާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއާއެކު ކުރިން ހިފެހެއްޓިފައިހުރި ބައެއް މިނިވަންކަން ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރަން ފެށުމުން އެކަމުގެ ނުރަނގަޅު އަސަރު ޤައުމަށާއި ޢާއްމުންގެ ދިރިއުޅުމަށް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މިނިވަންކަމުގެ ބޭނުން ހިފައި ބައެއް މީހުން ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ރުކުންކަމުގައިވާ، މާތްވެގެންވާ އިސްލާމް ދީނަށާއި، މިއުންމަތުގެ މާތް ނަބިއްޔާ އަށް ކުޑައިމީސްވާ ގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން ދާކަމަށެވެ. ދީނީ މިނިވަންކަން ނެތުމަކީ އިންސާނީ ޙައްގަކުން މަހުރޫމްވުން ކަމަށް އެފަދަ މީހުންދެކޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވ ދީނުގެ ދިފާޢުގައި ކަމަށްބުނެ ބައެއް މީހުން ގެންދަނީ ޓެރަރިސްޓު ހަނގުރާމަތަކުގައި ވެސް ބައިވެރިވަމުންކަމަށެވެ. އެއީ ރާއްޖޭގެ އާދަކާދައާއި ދިވެހިންގެ ވިސްނުމާވެސް ބީރައްޓެހި ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަބިއްޔާއަށް ކުޑައިމީސް ބަސް ބުނުމުގެ ފުރުސަތު ނުދިނުމުގެ އިތުރަށް އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމުގައި ރައީސް އިބްރާހީމް ވިދާޅުވިއެވެ.

މިފަދަ ކަންކަން މީގެ ކުރިންވެސް ރާއްޖޭގައި ހިނގާ ޖަމަށާއި މިފަދަ ކަންކަމަށް ދެކޮޅަށް ޝުޢޫރު ފާޅުކުރާ ފަރާތްތަކުން އޭރު އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި މިހާރު މަގުތަކަށް ނުކުމެ ފިޔަޅުއަޅަން ގޮވައި އިހުތިޖާޖު ކުރަން ފެށުމުން އެއީ އިޚުލާސްތެރިކަމާއެކު އުފުލާއަޑެއްތޯ ސުވާލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.