ސިޔާސީ ހުޅުރޯކުރާ ދަރަކަށް ދީން ހެދިޔަދީގެން ނުވާނެ: ރައީސް

ޤައުމީދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގޭ ޢިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަރުގަދަ އިލްތިމާސެއް ކުރައްވައިފައެވެ.

ރާއްޖޭ ޢިލްމުވެރިންނަށް އެމަނިކުފާނު ވިދާޅުވީ ޢިލްމުވެރިން، ސިޔާސީ ހުޅުރޯކުރާ ދަރަކަށް ދީން ހެދިޔަދީގެން ނުވާނެ ކަމަށެވެ.

އޭގެ އިތުރަށް އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވުމަށް ވެސް ޢިލްމުވެރިންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިރޭ ރައީސް ވިދާޅުވީ މިރެއަކީ ޤައުމީ ޚިދުމަތްތެރިންގެ އަގުވަޒަންކުރާރޭ ކަމަށެވެ. މިފަދަ ރެއެއްގައި ދިވެހިންގެ ތެރެއިން އުވެމުން، ނެތެމުންދާ މަސައްކަތްތަކާއި ފަންނުތައް ދިރުވައި އާލާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަންޖެހޭކަމަށެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ މަސައްކަތްތައް ދިރުވައި އާލާކުރުމަކީ، ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ދެމެހެއްޓުމަށްޓަކައި ކުރަންޖެހިފައިވާ ވަރަށް ބޭނުންތެރި ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޖަލްސާގައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް [ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން] (ނ.ޢ.ޢ.ވ) އެރުވުނު ދެ ބޭފުޅުންގެ ޚިދުމަތް ފާހަގަކުރައްވައި އެ ދެ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ، މި އިނާމު އެރުވުނު ހުރިހާ ބޭފުޅުންވެސް، އެބޭފުޅުން އެ ކުރައްވާ ޚިދުމަތްތަކުގައި އިތުރަށް ކުރިއަށް ވަޑައިގެން، ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.