ޖުޒާމު ބައްޔާބެހޭ ޑްރާފް ލީކުވީ މުވައްޒަފުގެ އިހުމާލުން

ފަރެސްމާތޮޑާ ހެލްތު ސެންޓަރު: ފޮޓޯ އެފްބީ

ޖުޒާމް ބަލި ނުވަތަ ލެޕްރަސީ އަށް ސްކްރީން ކުރުމަށް އައުމަށް ރައްޔިތުންނަށް އެންގުމަށް ކުރި ޑްރާފްޓް ލިޔުން ސޯޝަލް މީޑިއާގައި ޢާއްމުވެފައިވަނީ މުވައްޒަފެއްގެ އިހުމާލުން ކަމަށް ފަރެސްމާތޮޑާ ސިއްހީމަރުކަޒުން ވިދާޅުވެއްޖެއެވެ.

އެތަން ހިންގެވުމާ ޙަވާލުވެ ހުންނެވި ސީނިއާ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޞަބާޙު ވިދާޅުވީ އެ ޑްރާފްޓްކޮށްގެން އައުމުން ބައެއްކަންކަން އިސްލާޙު ކުރަން އެންގި ކަމަށެވެ. އެހެންނަމަވެސް އިސްލާޙު ނުގެނެވި އެ ސޯޝަލް މީޑިއާއާ ހަމައަށް ދިޔައީ ކަމަށް އޭނާ ވިދާޅިވިއެވެ.

އެ "ޑްރާފްޓް" ލިޔުން "އިސްލާޙު ކުރުމަށް އަންގައިފައިވަނިކޮށް އިސްލާޙު ނުކޮށް މުވައްޒަފުގެ އިހުމާލުން ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާތީ ނިހާޔަތަށް މަޢާފަށް އެދެން،" ފަރެސްމާތޮޑާ ސިއްޙީ މަރުކަޒުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

މިފަދަކަންކަން ތަކުރާރު ވިޔަނުދިނުމަށް އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެމަޒުކަޒުގެ ތައްގަނޑު ޖަހައިފައިވާ އެ "ޑްރާފް" ގައި ޖަހައިފައިވާ ތާރީޚަކީ އޮކްޓޯބަރ 17 އެވެ. އަދި އޮކްޓޯބަރ 20 އިން 24 އަށް ޖުޒާމްބައްޔަށް ޓެސްޓް ކުރުމަށް އެމަރުކަޒަށް އައުމަށް ގަޑިތަކެއްވެސް އޭގާއި ވަނީ ދީފައެވެ.

އޭގައި ބުނެފައިވަނީ ފަރެސްމާތޮޑާގައި ލެޕްރެސީ ފެތުރެމުންދާ ކަމަށެވެ. އަދި އެބައްޔަށް ފަރުވާ ހޯދަމުންދާ މީހުންއެރަށުގައި އެބަތިބި ކަމަށެވެ. އެހެންނަމަވެސް ފަރެސްމާތޮޑާ ސިއްޙީމަރުކަޒުންނާއި ހެލްތުޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެފައިވަނީ އެފަދަ ބަލި މީހުން އެރަށުގައި ނެތްކަމަށެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ ޖުޒާމް ބަލީގެ 3 މީހުން ކަމަށް އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ. އޭގެ ތެރެއިން އެކަކު ފެނިފައިވަނީ ފަރެސްމާތޮޑާއިން ކަމަށް މަޢުލޫމާތުވަނީ ލިބިފައެވެ. މިހާރުވެސް އެރަށުގެ ދެތިން މީހަކަށް ފަރުވާ ދެމުން ގެންދާކަމުގެ މަޢުލޫމާތު ވެސް ވަނީ ލިބިފައެވެ. މިކަން ފޮރުވުމަށް މަސައްކަތްކުރަމުންދާތީ އެރަށުގެ ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ ކަމާބެހޭ ފަރާތްތަކަށް އަމާޒުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.