
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީ ކުރުމަށް ހަމަޖައްސަވައިފައިވާ އެއާޕޯޓުއަޅާ ސަރަހައްދުގެ ބިން ހިއްކުމަށް ބޭނުންވާ ސާމާނު މިއަދު އެރަށަށް ގެންގޮސްފިއެވެ.
އެސާމާނު ގެންދިޔައީ އެމްޓީސީސީގެ ކޮޅުވެއްޓިއެއްގައެވެ. ކޮޅުވެއްޓި އެރަށަށް ބަނދަރުކޮށްފައިވަނީ މިއަދު މެންދުރު 1:00 އެހައިކަންހާއިރުއެވެ. ކޮޅުވެއްޓި ކައިރި ކުރުމުން އެރަށުގެ މީހުންވަނީ މަރުހަބާ ކިޔުމުގެ ގޮތުން ފަރިވަޅެއް ވެސް އެއަށް އަރުވައިފައެވެ.
ފަރެސްމާތޮޑާގައި ތަރައްކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ގަލްފް ކޮބްލާއާ އެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރާއި އެކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ ޖޫންމަހު 3 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ އަގަކީ 2.5 މިލިއަން ޑޮލަރެވެ.
ގަލްފް ކޮބްލާއިން އެ މަސައްކަތް ކުރިޔަސް މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދެނީ އެމްޓީސީސީންނެވެ. ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ގަލްފްކޮބްލާ އަށް ދީފައިވަނީ ތިންމަހެވެ.
އެރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. އޭގެ އިތުރަށް އޭޕްރަންއަކާއި، ޓާމިނަލެއްވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ.
އެއާޕޯޓުގެ ސަބަބުން އެސަރަހައްދުގައި ޓުއަރިޒަމް ފުޅާވެ ދަތުރުފަތުރު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.