އެޗްޕީއޭ އިން ގެންދަނީ ބައެއް ރަށްރަށުގެ މުޅި އާބާދީ ޖުޒާމްބައްޔަސް ސްކްރީން ކުރަމުން

ދެހާސް ތިރީސް ވަނަ އަހަރުގެ ކުރިން ރާއްޖެއިން ޖުޒާމް ބަލި އެއްކޮށް ނައްތާލުމަށް މިއަހަރުގެ ޖޫން މަހު ފަށާފައިވާ "ޒީރޯ ލެޕްރަސީ" ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އަބާދީ ލެޕްރަސީއަށް ސްކްރީން ކުރަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެތަނުން މިހެން ވިދާޅުވީ ފަރެސްމާތޮޑާއިން ޖުޒާމު ބަލި ފެނިފައިވާ ކަމަށް ބުނެ އެރަށު ސިއްޙީ މަރުކަޒުން ނެރެފައިވާ އިޢުލާނާކާ ގުޅިގެން ނެރުއްވި ބަޔާނެއް ގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ މިއަހަރުގެ މިހާތަނަށް ޖުޒާމް ބަލި ޖެހިފައިވާ ތިން މީހުން ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ތިން މީހުން ފެނިފައިވަނީ ކޮން ރަށަކުން ކަމެއް ހާމައެއް ނުކުރައްވައެވެ.

ފަރެސް މާތޮޑާގައި މިހާތަނަށް ވަނީ ޖުޒާމު ބައްޔަށް ސްކްރީން ކުރުމުގެ ތިން ބުރު ހިންގައިފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާކަމަށް އެރަށު ސިއްޙީ މަރުކަޒުން ވިދާޅުވިއެވެ. ޖުޒާމް ބައްޔަށް ސްކްރީން ކުރަން އަންނަ މީހުން މަދުވުމުން ވީހާ ވެސް ގިނަ މީހުން ސްކްރީން ކުރުމަށްޓަކައި ގެނައުމަށް އެރަށުގެ ސިއްޙީ މަރުކަޒުން މަސައްކަތް ކުރައްވާ ކަމަށް އެތަނާއި އެޗުޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

އެރަށުން މިހާތަނަށް އެއްވެސް މީހަކު އެ ބައްޔަށް ޕޮޒިޓިވް ނުވާކަމަށް ސިއްޙީމަރުކަޒުން ވިދާޅުވިޔަސް އެކަން ދޮގުކުރާ މީހުންވެސް އެރަށުގައި އެބައުޅެއެވެ. އަދި އެޗްޕީއޭއިން ނެރުނުބަޔާނުގައި ވެސް އެރަށުން ޖުޒާމްބަލި ނުފެންނަ ކަމަށް ވިދާޅުވެފައެއް ނުވެއެވެ.

 އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެބައްޔަކީ މިހާރުވެސް ރާއްޖެއިން މަދުން ނަމަވެސް ފެންނަމުންދާ ބައްޔެއް ކަމަށެވެ.  ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއިން އެވަރެޖްކޮށް ތިނަކާއި ހަތަކާއި ދެމެދުގެ ޢަދަދަކަށް ބަލި މީހުން ފެނިފައިވާ ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންވަރަށް ރާއްޖޭގައި ވަނީ 1997 ވަނައަހަރު އެބަލި މަދުކުރެވިފައި ކަމަށްވެސް އެޗުޕީއޭ ގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޖުޒާމް ބައްޔަކީ ބަލި ހުރިކަން ކުރިން ދެނެގަނެވި އަވަހަށް ފަރުވާ ފެށިއްޖެ ކަމަށްވާނަމަ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ކަމަށް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ޖުޒާމް ބައްޔަކީ 1960ގެ އަހަރުތަކުގައި ރާއްޖޭގައި ފެތުރުނު ބައްޔަކެވެ. އެދުވަސްވަރު ފަރެސްމާތޮޑާގައި އެބަލީގެ މީހުން ތިއްބެވެ. އޭރު އެފަދަ މީހުން ގެންގުޅެފައިވަނީ ވަރަށްބޮޑަށް އެކަހެރި ކޮށްގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.