މަސްވެރިކަމުގެ ޞިނާޢަތު ކުރިއަށް މިދަނީ ފަތުއަޑުކިޔާފައި ދުވަހުން ދުވަހަށް ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ބޭއްވި ޚާއްސަ ހަފުލާގައި އެމަނިކުފާނު ވިދާޅުވީ މިއީ މަސްވެރިކަމަށް ދިވެހި އޮޑިވެރިން ކުރާ ބޮޑެތި އިންވެސްޓްމެންޓްތަކުގެ ނަތީޖާ. ކަމަށެވެ. އަދި މަސްވެރިންގެ މިންނެތް މަސައްކަތާއި، މަސްވެރި ޢާއިލާތަކުގެ ގަދަފަދަ ހިތްވަރުގެ ނަތީޖާ ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ތަރައްޤީއަށް މި ވޭތުވެދިޔަ ސަރުކާރުތަކުން ކުރިއަށް ފިޔަވަޅެއް އަޅާއިރު، މަސްވެރިން ތިބެނީ ތިން ހަތަރު ފިޔަވަޅު ކުރިއަށް އަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"މީގެ ކުރިން މަސްވެރިންގެ ފަޚުރަކީ ހައްސަ ބޭނުން. އެހެން ނަމަވެސް، މިއަދު އެކަން މިކުރަނީ، ދުވާލަކު 50-60 ޓަނުގެ މަސް ބާނައިގެން. އަޅުގަނޑުމެން މި ދައްކަނީ ދާ ޖަހައިގެން ދޯންޏަށް މަސްކޮޅު ކަހާލާ ވާހަކައެއް ނޫން. މި ދައްކަނީ، ދޮށީގެ މަސްވެރިކަމުގައި ފަހަރަކު މަހެއް، ފަހަރަކު މަހެއް ބާނަމުން ބާނަމުން ގޮސް، ދުވާލަކު 50-60 ޓަނު ދޯންޏަށް އެތެރެކޮށްލާ ވާހަކަ. ދެން ވިސްނަވާ ތިޔަބޭފުޅުން، މަސްވެރިންގެ ގަދަފަދަ ހިތްވަރާއި ފަންވަރު. މިއާ އަޅުގަނޑުމެން ފައިހަމަކުރަން މި ޖެހެނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ސާލިހު ވިދާޅުވީ މިއަދުގެ ދިވެހި މަސްއޮޑިފަހަރަކީ އާދައިގެ ދޯނިތަކެއް ނޫން ކަމަށާއި މިހާރު އެއީ ކަނޑު ކަފަމުން ދުވާ މަސް ކާރުޚާނާތަކެއް ކަމަށެވެ. އަދި އެއްފަހަރާ 80 ޓަނުގެ މަސް ރައްކާކޮށްލެވޭ ދޯނިފަހަރު މިހާރު ރާއްޖޭގައި އެބަހުރި ކަމަށާއި ޚާއްޞަކޮށް، ހުވަދުއަތޮޅުގައި އެބަހުރިކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ.
aifulhakofa aslam raees arihuga hunnan ladhunuganakan. bodu failure eh