ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއިން ޖުޒާމްބަލި ނުވަތަ ލެޕްރެސީ ފެނި އެބަލި އެރަށުގައި ފެތުރެމުންދާ ކަމަށް ބުނެ އެރަށު ސިއްހީމަރުކަޒުގެ ސިއްކަ ޖަހައިފައިވާ ލިޔުމެއް ޢާއްމުވެއްޖެއެވެ.
އެ ލިޔުން ތައްޔާރުކޮށްފައިވަނީ އޮކްޓޯބަރު 17 ވަނަދުވަހުއެވެ. އޭގައި ބުނެފައިވަނީ އެރަށުގައި އެބަލި ފެތުރޭ ކަމަށާއި ފަރުވާ ހޯދަމުންދާ މީހުންވެސް އެބައުޅޭ ކަމަށެވެ. އެހެންނަމަވެސް އެބައްޔަށް ސްކްރީން ކުރިކަން ނޫން އެހެން ކަމެއް އެނގޭ އާދަމުގެ ދަރިއަކު އެރަށަކު ނެތެވެ.
ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވިދާޅުވީ އެލިޔުމަކީ ޑްރާފްޓެއް ކަމަށެވެ. ޖުޒާމްބަލީގެ މީހަކު އެރަށުގައިހުރި ކަމެއް ނުވަތަ އެބައްޔަށް ފަރުވާ ހޯދަމުންދާ ބަޔަކު ތިބި ކަމެއްވެސް ސިއްޙީ މަރުކަޒަށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް މިހާތަނަށް އެރަށުގައިވަނީ ތިން ފަހަރެއްގެ މަތީން ލެޕްރަސީއަށް ސްކްރީނިން ކުރުމުގެ ޕްރޮގްރާމް ހިންގައިފައެވެ. އެންމެފަހުން ހިންގާފައިވަނީ އޮކްޓޯބަރުމަހު 20 އިން 24 އަށެވެ. މިއިން އެއްވެސް ފަހަރަކު އެބައްޔަށް މީހަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށް އެމަރުކަޒުން ވިދާޅުވިއެވެ.
އެ ޕްރޮގްރާމްތައް ހިންގީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ އެދުމުގެ މަތީންކަމަށްވެސް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް އެރަށުގެ އެންމެން ސްކްރީން ކުރެވިފައެއް ނުވެއެވެ.
މިމައްސަލައާ ބެހޭގޮތުން އެޗުޕީއޭގެ ބަހެއް އަދި ނުލިބެއެވެ. އެހެންނަމަވެސް ހެލްތު މިނިސްޓްރީއާއި އެޗުޕީއޭ އިން މިކަމާބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.