
ނޫސްވެރިޔާ ރިޟްވާން ޢަބްދުﷲ ރަހީންކޮށް ކަރުބުރިކޮށް، މަރާލައި ކަނޑުފެއްތި ކަން ހާމަވާ ޑްރާފްޓް ރިޕޯރޓް މީގެ ތިންމަސް ކުރިން، މިދިޔަ މޭމަހު ރިޔާސީ ކޮމިޝަނުން ސަރުކާރާ ޙިއްޞާކޮށްފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަޞަން ލަތީފު ވިދާޅުވެއްޖެއެވެ. އެނާ މިކަން ހާމަކުރެއްވީ، ޓެރެރިޒަމް މަނާކުރާ ޤާނޫނު އިޞްލާހުކުރުމަށް، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު އޮތީ ބިލްގެ ފުރަތަމަ ކިޔުމެވެ.
މެމްބަރ ޙަސަން ވިދާޅުވީ ރިޟްވާން ޢަބްދުﷲގެ މަރާ ގުޅޭ ޑްރާފްޓް ރިޕޯރޓް ރިޔާސީ ކޮމިޝަނުން މިދިޔަ މެއި މަހު ސަރުކާރާ، ހިއްސާކޮށްފައިވާއިރު ތިން މަސްފަހުން، މަޖިލިސް ޗުއްޓީގައި އޮއްވާ ކުއްލިއަކަށް އެ ޤާނޫނުތައް އިޞްލާޙުކުރުމަށް ބިލްތައް ފޮނުއްވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ.
"ސަރުކާރުން ކަންކަން އިންތިޒާމުކުރެއްވުމުގައި މިއަށްވުރެ ފުރިހަމައަށް ކުރެއްވޭނެ ކަމާމެދު އަޅުގަނޑު ޝައްކެތް ނުކުރަން." ޙަސަން ވިދާޅުވިއެވެ.
ނަޒާހަތްތެރި މަޖިލީހަކަށް ބޭނުންވާނެ އެންމެ މުހިންމު އަސާސަކީ މަޖިލީހުގެ ޤަވާއިދުކަން ފާހަގަ ކުރައްވާ، ނަމަވެސް އެ ބިލް ސަރުކާރުން ފޮނުއްވުމުން، ޤަވާއިދުގެ ހަވާސާއިން ބޭރުން ޖަލްސާ ބޭއްވުމަށް މަޖުބޫރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީސް ހިނގާނެ ގޮތާއި މެމްބަރުން ޢަމަލުކުރާނެ ގޮތާއި މަޖިލީސް ޗުއްޓީވެސް ވަނީ ޤަވާއިދުގައި ކަނޑައެޅިފައިކަން ފާހަގަ ކުރައްވާ، ނަމަވެސް މަޖިލީސް ޗުއްޓީގައި އޮވެ ސަރުކާރުން ބޭނުންވާ ގޮތަށް ޤާނޫނަށް އިޞްލާޙު ނުގެނެވި އޮންނަން ބެނުންވެވަޑައި ނުގަންނަވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަޞަން ވިދާޅުވިއެވެ.
ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ފޮނުވައިފައި އޮއްވާ އެމަސައްކަތް ނުކޮށް،މަޖިލީސް ޗުއްޓީގައި އޮވެއްޖެނަމަ މަޖިލީހަށް އިގިލި ދިއްކުރުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެކަމަށް މެމްބަރ ހަސަން ވިދާޅުވިއެވެ. ފުރަތަމަ ދައުރުގައި މަޖިލީހުން ކުރިމަސައްކަތް ފާހަގަކުރައްވާ، މިފަދަ ކުޑަކުޑަކަމަކުންވެސް ރައްޔިތުންނަށް މަޖިލީސް މެމްބަރުންނަށް އިނގިލި ދިއްކުރުމުގެ ފުރުޞަތު ދީގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އެވާހަކަ ދެއްކެވީ މެމްބަރ ހަސަންކަމަށް، އޭނާ ވިދާޅުވިއެވެ.