އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅުއަޅަން ޖޭޕީގެ ނާއިބު ރައީސް ގޮވާލައްވައިފި

އަޙުމަދު ސަޢުދު

މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އެކަށީގެންނުވާ ވާހަކަތަކެއް ހިމަނާފައިވާތީ އެ ޖަމްޢިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ނާއިބު ރައީސް އަޙުމަދު ސައުދު ގޮވާލައްވައިފިއެވެ.

އޭނާ ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ނޭދެވޭ ވާހަކަ ދެއްކުމަކީ ނުވަތަ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެފަދަ ވާހަކަ ފަތުރާ މީހުންނާމެދު އެއްވެސް ތަފާތުކުރުމެއްނެތި ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ އެފަދަ ވާހަކަތައް ގަސްތުގައި ނުވަތަ އޮޅިގެންވިޔަސް ދައްކާ ޖަމްޢިއްޔާތައް ރާއްޖޭގައި ހިންގުމުގެ ފުރުސަތު ވެސް ދީގެން ނުވާނެ ކަމަށެވެ. "އެފަދަ ޖަމްޢިއްޔާތައް ވަގުތުން އުވާލަންޖެހޭނެ. އެފަދަ ފިޔަވަޅު ނާޅައިފިއްޔާ ރިޕީޓުވުމުގެ ފުރުސަތުވެސް ބޮޑުވާނެ. އެހެންވީމާ ހޯމްމިނިސްޓްރީންނާއި ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ވަގުތުން ފިޔަވަޅު އަޅައި އެޖަމްޢިއްޔާ ހުއްޓުވަންޖެހޭނެ،" ސަޢުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރާ ޖަމްޢިއްޔާތަކަށް އިތުރު ފުރުސަތުދޭ ކަމަށްވާނަމަ އެއީ އެފަދަ ވާހަކަދެއްކުމަށް ދެވޭ އިތުރު ފުރުސަތަކަށްވާނެ ކަމަށެވެ.

"ހިތަށްއެރި އެއްޗެއް ލިޔެފައި، ބުނެފައި، ޝާއިޢުކޮށްފައި މީހުން ނުރުހުން ފާޅުކޮށް ފާޑުކިޔައި އަޑުގަދަ ކުރަން ފެށުމުން މަޢާފަށް އެދި ހޮރަށް ވަދެ ފިލުމުން ކަންކަން ނިމޭ އުސޫލު އޮވެގެންނުވާނެ. އެހެންވަންޏާ ކަންކަން ހައްތާވެސް ދާނީ ގޯހުންގޯހަށް. ކޮންމެ ބަޔަކު ކުރިޔަސް ކޮށްގެންވާނެ ކަންކަމާއި އެއްގޮތަކަށްވެސް ކޮށްގެންނުވާނެ ކަންކަން ނުވަތަ ދައްކައިގެންނުވާނެ ވާހަކަ ހުންނާނެ. މިއީ އިސްލާމީ ޤައުމެއް. ދީން ޙިމަޔާތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް. މިނިވަންކަން ވެސް އޮންނަންވާނީ އިމެއްގެ ތެރޭގައި،" ސަޢުދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.