ހަނގުރާމަ ފެށުމުގު ފުރުސަތު ވަރަށް ކުޑަ، އެހެންނަމަވެސް އީރާނު އޮތީ ތައްޔާރަށް: ލަރިޖާނީ

އީރާނުގެ ގާނޫނުހަދާ މަޖިލިސް، އިސްލާމިކް ކޮންސަލްޓެޓިވް އެސެމްބްލީގެ ރައީސު ޢަލީ ލަރިޖާނީ

އީރާނާއި ސައޫދީ އަރަބިއްޔާ އަދި އެމެރިކާއާއި ދެމެދު އިންތިހާއަށް ނުތަނަވަސްކަން އިތުރުވެފައި ވިޔަސް، ހަނގުރާމާއެއް ފެށުމުގެ ފުރުސަތު ވަރަށް ކުޑަ ކަމުގައި އީރާނުގެ ގާނޫނުހަދާ މަޖިލިސް، އިސްލާމިކް ކޮންސަލްޓެޓިވް އެސެމްބްލީގެ ރައީސު ޢަލީ ލަރިޖާނީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، އެފުރުސަތު ކިތަންމެ ކުޑަނަމަވެސް އީރާނު އޮތީ ހަނގުރާމައިގެ ހާލަތަށްވެސް ފުރިހަމައަށް ތައްޔާރުވެގެން ކަމުގައެވެ.

ނުތަނަވަސްކަން އުފެދިގެން އުޅޭ މައްސަލަތަކާ މެދު ސައޫދީ އަރަބިއްޔާއާކު ވާހަކަދައްކަން އީރާނު އޮތީ ތައްޔާރަށްކަން ހާމަކުރައްވަމުން ލަރިޖާނީ ވިދާޅުވީ، ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރަން ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ގޮވައިލެއްވި  ގޮވައިލެއްވުމަށް މަރުހަބާ ކިއުއްވާކަމުގައެވެ. އަދި ސަރަހައްދުގެ މައްސަލަތައް ހައްލުކުރެވޭނީ  ވާހަކަދައްކައިގެންކަން ސައޫދީންނަށް ވިސްނުނީތީ އުފާކުރައްވާ ކަމުގައެވެ.

އަލީ ލަރިޖާނީ އިތުރަށް ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާއިން ސަރަހައްދުގެ މައްސަލަތައް ހައްލުކުރުމަށް އެމެރިކާގެ މައްޗަށް ބަރޯސާވުން ދޫކޮށްލައި މަޝްވަރާއަށް އިސްކަން ދިނުން މުހިއްމެވެ. އަދި އޭނާ ވަނީ ސައޫދީ ވަލީއަހުދު ބޭނުންފުޅުވަނީ ކޮންކަހަލަ ސިޔާސީ ހައްލެއްކަން ސާފުކޮށްދެއްވުމަށް ވެސް ގޮވައިލައްވާފައެވެ.

ފާއިތުވި ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު ސައުދީ ތެޔޮ ސާފުކުރާ އެންމެ ބޮޑު ކާރުޚާނާއާއި، އިތުރު ކާރުޚާނާއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާއަށް ފަހު މަސްރަހު ހޫނުވެ ހަނގުރާމައެއް ފެށިދާނެހެން ހީވިއެވެ. އެމެރިކާއިން ވެސް ސަރަހައްދަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވިއެވެ.

އެހެންނަމަވެސް، އީރާނާ ހަނގުރާމަކުރަން ބޭނުންނުވާކަން އެމެރިކާއިން ހާމަކޮށްފައި ވަނިކޮށް ސައޫދީންވެސް ވަނީ ހަނގުރާމައަކަށް ދާން ބޭނުންނުވާކަން ހާމަކޮށްފައެވެ. އީރާނުން ވަނީ އެމޭރުމުން ވާހަކަދައްކާފައެވެ.

މެދުއިރުމަތީގެ އަރަބި ޗެނެލަކަށް ދެއްވި ބަސްދީގަތުމެއްގައި ޢަލީ ލަރިޖާނީ ދެއްކެވި ވާހަކަފުޅަކީ ފިނިވަމުންދާ މަސްރަހު އިތުރަށް ފިނިކުރަން ލިބޭނެ ބާރަކަށް ވެގެންދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.