
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި ކައުންސެލަރޖެނެރަލާއި ސާރޖެންޓް އެޓް އާރމްސްގެ މަޤާމުގައި މިހާރުވެސް ތިއްބެވި ބޭފުޅުން އެމަޤާމުތަކުގައި ބައިތިއްބުމާމެދު ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނިންމަވާނެއެވެ. މިބޭފުޅުން މަޤާމުގައި ބޭތިއްބުމާމެދު މެމްބަރުން އިޢުތިރާޒު ނުކުރައްވާނަމަ މިއަދުގެ ޖަލްސާގައި އެމައްސަލައިގައި ވޯޓަށް އައްސަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ނިމުމުގެ ކުރިން އެމަޤާމުތަކަށް މީހުން އައްޔަން ކުރަނެޖެހޭކަމަށެވެ. ނަވާރަވަނަ މަޖިލިސް ހިންގުމުގައި މިހާރު އެމަޤާމުގައި ތިއްބެވި ބޭފުޅުން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާކަމަށް މަޖިލީޖިހުގެ ރައީސް ވިދާޅުވިއެވެ.
"އެބޭފުޅުންގެ މަސައްކަތް ޝައްކެއް ނުހިނގާ މިންވަރަށް އަޅުގަނޑުމެން އެންމެންނަށް ވެސް ފާހަގަ ކުރެވޭ. އަދި ތިބޭފުޅުންގެ ޝަކުވާއެއް އިޢްތުރާޒެއް ނެތްނަމަ، މިހާރުވެސް ތިއްބެވި ތިންބޭފުޅުންނާއެކުގައި 19 ވަނަ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަން ފެނޭ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޤަވާއިދުގައި ބުނާގޮތުން އަމީންއާންމުގެ މަޤާމަށާއި ކައުންސިލަރ ޖެނެރަލްގެ މަޤާމަށާއި ސާރޖެންޓް އެޓް އާރމްސްގެ މަޤާމަށް އައްޔަން ކޮށްފައިވާ މީހުންނަކީ މަޤާމުން ވަކި ނުކުރާހާ ހިނދަކު އެމީހަކު އައްޔަން ކުރެވޭ މަޖިލީހުގެ މުއްދަތު ހަމަވަންދެން އަދި އެމަޖިލީހާ ވިދިގެން އަންނަ މަޖިލީހުން އެމަޤާމަށް މީހުން އައްޔަން ކުރަންދެން މަޤާމުގައި ދެމި ތިބޭނެ ބައެކެވެ.