ޓެރެރިޒަމް މަނާކުރުމުހެ ޤާނޫނު އިޞްލާހުކުރުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލް ކުރައްވައިފިއެވެ.
މާދަމާ ހެދުނު 10 ޖަހާއިރު ފެށުމަށް ތާވަލްކުރައްވައިފާ ޖަލްސާގެ އެޖެންޑާގައި ވަނީ ހަމައެކަނި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނު އިޞްލާހުކުރުމަށް ހުށަހަޅާ ބިލެވެ. ބިލް ހުށަހަޅުއްވަނީ ސަރުކާރު ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙުޞައިން ޝަމީމެވެ. މާދަމާ ޖަލްސާއަށް އެޖެންޑާ ކުރައްވައިފައި އޮތީ ބިލްގެ ފުރަތަމަ ކިޔުމެވެ. ނަމަވެސް ބެލެވޭ ގޮތުގައި މާދަމާގެ ޖަލްސާގައި ބިލްގެ ބަހުސް ކުރިއަށް ގެންދެވުމާމެދު މެންބަރުން ދެކޭ ގޮތް ބެއްލެވުމަށް ވޯޓަށް އައްސަވާ މެމްބަރުން ނިންމަވާ ގޮތަކަށް ބިލްގެ މަސައްލަ ކުރިއަށް ގެންދަވާނެއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯރޓާގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބައެއް ގާނޫނުތަކަށް އިޞްލާޙު ގެންނަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙު ވަނީ ވިދާޅުވެފައެވެ. އެޤާނޫނުތަކުގެ ތެރޭގައި ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހިމެނެއެވެ.
މަޖިލިހުގެ ޤަވައިދުގައިވާ ގޮތުން ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމުންނެވެ. ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި މިހާރު ހިމެނޭ 87 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ. ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅީ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ޕާޓީ، އެމްޑީޕީންނެވެ.