ބޮޑު އަލިފާނުގެ ޙާދިސާއަށް ހަތް ދުވަސް

ފޮޓޯ: މިނިސްޓްރީ އޮފް ޑިފެންސް

ހެންވޭރު އަބަދަށް ފެހި މަގުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް މިވަނީ ހަތް ދުވަސް ވެފައެވެ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުނަދެއްގައި ރޯވެ ހިނގި މި ނުރައްކާތެރި ބިރުވެރި ޙާދިސާއަކީ މިފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގައި ދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. އިންސާނެއްގެ ފުރާނަ ގެއްލި އެތައް ބައެއްގެ ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނދާ އަޅިއަށް ހަދާލި ނުރައްކާތެރި ހާދިސާއެކެވެ. މި އަލިފާނުގެ ޙާދިސާގައި ގުދަންތަކަކާއެކު ހަތް ގެއެއް އަނދައިގެން ގޮސްފައިވެއެވެ. އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތްތައް އަނދާ ހުލިވެފައެވެ.

ހާލުގައި ޖެހި ގެދޮރު ގެއްލުނު މީހުން

އަލިފާނުގެ ބޮޑު ޙާދިސާގައި އަނދައިގެން ދިޔަ ގެ ތަކުގެ އިތުރުން އަލިފާނުގެ ނުރައްކާވެދާނެ ކަމަށް އެ ސަރަޙައްދުގެ ވަށައިގެންވާ ގެތަކުން ނެރުނު މީހުންނަށް ވަގުތީ ހިޔާއެއްގެ ގޮތުގައި ފުރަތަމަ ބޭނުންކޮށްފައިވަނީ ކަލާފާނު ސްކޫލެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އެރޭ ހާމަކޮށްފައިވާ ގޮތުގައި ކަލާފާނުސްކޫލުގައި ޤާއިމްކުރި ވަގުތީ ހިޔަލުގައި 100 އަށް ވުރެ ގިނަ މީހުން އެރޭ ތިއްބެވެ. ހަމަ އެރޭ ގިނަ މީހުން ވަނީ ގެސްޓް ހައުސްތަކަށާއި އެ ނޫންވެސް ލިބެން ހުރި އެޕާޓްމަންޓްތަކަށް ބަދަލުކޮށްފައެވެ. ބައެއް އާޢިލާތައް ގާކޮށި ފްލެޓްގައި ހުސްކޮށް ހުރި އެޕާޓްމަންޓްގައި ދަނީ ވަގުތީ ހިޔާވަހިކަން ހޯދަމުންނެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ބިދޭސީން ވެސް ހިމެނެއެވެ. ނަމަވެސް މިހާރު އެ އޮތޯރިޓީން ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދީފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހުސް ދިވެހިންނެވެ. ބޭރު މީހަކު ހުއްޓަސް ހުންނާނީ އެކި ގޭގޭގައި މެއިޑުންގެ ގޮތުގައި ގެންގުޅުނު މީހުންކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

މިހާދިސާއާ އަށް ހަތް ދުވަސް ވީއިރު 786 މީހުން އެހީތެރިކަން ބޭނުންވާކަމަށް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީގައި ރަޖިސްޓްރީވެފައި ވާކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. އޭގެތެރެއިން 53 އާޢިލާގެ 326 މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ވަގުތީ ހިޔާތަކަށް ދިޔަ މީހުންގެ ތެރޭގައި އެބައިމީހުންގެ ގެދޮރަށް މާބޮޑު ގެއްލުމެއް ނުވާ މީހުންވެސް ހިމެނެއެވެ. އެ މީހުން އެތަންތަނުން ގެންގޮސްފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެ ފަދަ ބައެއް އާޢިލާތައް ވަނީ އެ މީހުންގެ ގެދޮރަށް ބަދަލުވެފައެވެ. ނަމަވެސް އަނެއްބައި އާޢިލާތަކުން ބަދަލުނުވެ ވަނީ ކެމިކަލްގެ އަސަރާއި ވަސް ވެސް ހުރުމުން ކަމަށް އެފަދަ ބައެއް އާއިލާތަކުން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމުގެ ސާމާނު ދޫކުރުމަށް ރިލީފް ޑިސްޓްރިބިއުޝަން ސެންޓަރެއް ދަރުބާރުގޭގައި އެންޑީއެމްއޭ އިން ވަނީ ޤާއިމް ކޮށްފައެވެ. އާއްމުރައްޔިތުން އެހީގެ ގޮތުގައި ގިނަ ޢަދަދެއްގެ ތަކަތި އެތަނަށް ވަނީ ގެންގޮސްފައެވެ. އެތަނުގައި ގިނައީ އަންނައުނުގެ ސާމާނެވެ.

މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ހާދިސާ ހިނގިތާ ދެދުވަހުގެ ތެރޭގައި ވަނީ "ފަޔަރ ރިލީފް އެކައުންޓެއް" ވެސް ހުޅުވައިފައެވެ. އިއްޔެގެ ނިޔަލަށް އެ އެކައުންޓަށް 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާ ކޮށްފައެވެ. މިފަންޑަށް ލިބޭ ފައިސާގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންނަށް ދެވޭ ފައިސާގެ މިންވަރު މަތިވެގެން ދާނެކަމަށް އެންޑީއެމްއޭ އިން ވަނީ ވިދާޅުވެފައެވެ.

އެމްޑީއޭއިން 2016 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ އުޞޫލުގެ ދަށުން ކާރިސާތަކާ ގުޅިގެން ޙާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ އެ ގެއްލުމެއްގެ އަގުގެ ވިހި އިންސައްތައެވެ. އެއީ ފެންބޮޑުވުމާއި، އަލިފާނުގެ ހާދިސާއާއި އެނޫންވެސް ކާރިސާތަކަށް ބަދަލު ދިނުމަށް ކަނޑައަޅައިފައިވާ އުޞޫލެވެ. ނަމަވެސް އެ އޮތޯރިޓީގެ އިސްވެރިއަކު މީޑިއާއަށް ހާމަކުރައްވައިފައިވާ ގޮތުގައި ގެއްލުމުގެ އަގު 20 އިންސައްތަ އަކީ ހާލުގައިޖެހޭ ފަރާތްތައް އެޙާލަތުން އަރައިގަތުމަށްޓަކައި ދޭވޭ އެހީތެރިކަމެކެވެ. "ފަޔަރ ރިލީފް އެކައުންޓަށް" ލިބޭ ފައިސާ އާއެކު ހާލުގައި ޖެހުނު މީހުންނަށް ދެވޭ ފައިސާގެ އެހީ ވިހި އިންސައްތަ އަށްވުރެ އިތުރުވެގެން ދާނެކަމަށް އެންޑީއެމްއޭ އިން ދެކެއެވެ.

ބައެއް ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ކައްކައި ކެވޭނެ ގޮތެއް، އެތަންތަނުގައި ހަމަޖެހިފައިވާ ނުވާކަން އަޅުގަނޑުމެން ގޮސް ބަލާލުމުން ފާހަގަ ކުރެވުނެވެ. ބައެއް ތަންތަނުގައި އުނދުން ހުއްޓަސް އުނދުން ހުރީ ހަލާކުވެފައެވެ. އަނެއްބައި ތަންތަނުގައި އެވަރުވެސް ނެތެވެ. ކައްކައިކެވޭނެ ގޮތް ނެތްކަމުގައި ވިއަސް ސަރުކާރުން ކެއުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭކަމަށް އާއިލާތަކުން ވަނީ ބުނެފައެވެ. އެންޑީއެމްއޭ އިން ބުނެފައިވަނީ ހާލުގައި ޖެހިފައިވާ މީހުންގެ ކެއިން ބުއިމަށް އިއްޔެއާ ހަމައަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.

ކެމިކަލް ގުދަންތައް މޭލެއިން ބޭރުކުރުމަށް ނިންމައި ޤަވާޢިދަށް ޢަމަލުކުރަން ފެށުން:

ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަންގައި ރޯވެ ހިނގި ނުރައްކާތެރި އަލުފާނުގެ ޙާދިސާއާ ގުޅިގެން އެ ރޭގެ ދަންވަރު ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި މުހިއްމު ނިންމުންތަކެއް ނިންމަވައިފައެވެ. އެގޮތުން ނިންމެވި މުހިންމު އެއް ނިންމުމަކީ އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކުރިޔަށްގެންދިއުމަށް ނިންމެވުމެވެ. ހަމައެއާއެކު ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ފައިސާ ހަމަޖެއްސެވުމުގެ ކަންތައް ކުރިއަށް ގެންދަވާނީ މާލީ ވުޒާރާއިން ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ.

ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމަށް އަވަސް ޕްލޭނެއް އެކުލަވާލައްވަން ވެސް ވަޒީރުންގެ މަޖިލީހުން އެރޭ ވަނީ ނިންމަވައިފައެވެ. ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމަށް އަވަސް ޕްލޭނެއް އެކުލަވާލައްވައި އެކަމުގެ ޢަމަލީ މަސައްކަތް ތިލަފުށީގައި ވަނީ ފަށްޓަވައިފައެވެ. ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމަށް ތިން މަހެއްހާ ދުވަސް ވާނެ ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކެމިކަލާ ބެހޭ ޤަވާޢިދަށްވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ޢަމަލު ކުރަން ފަށައިފައެވެ.

މި ޤަވާޢިދަކީ ކެމިކަލް އެތެރެ ކުރުމާއި، ގުދަން ކުރުމާއި، ބޭނުންކުރުމާ ބެހޭ އުޞޫލުތައް ކަނޑައަޅައިފައިވާ ޤަވާޢިދެވެ. ޤަވާއިދުގެ މަޤްޞަދަކީ ނުރައކާތެރި ކެމިކަލަކީ ކޮބައިކަމާއި އެފަދަ ކެމިކަލްތަކާ މެދު އަމަލުކުރަން ޖެހޭނެ އުޞޫލުތަކަކީ ކޮބައިކަން ކަނޑައަޅާ ބެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެއްވުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. މާލާގައި 126 ކެމިކަލް ގުދަން ހުރި އިރު އޭގެ ތެރެއިން 80 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައެވެ. އަދި 98 ގުދަން ހުރީ މީހުން ދިރިއުޅޭ ތަންތަނާ އިންވެގެންނެވެ.

ތަޙްޤިޤީ މަސައްކަތްތަކަށް ވެސް ބޮޑެތި ގޮންޖެހުންތައް:

ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ޙާދިސާ ތަޙްޤީޤް ކުރުމުގައި ފުލުހުންނަށް ވެސް ވަނީ ގޮންޖެހުން ތަކެއް ކުރިމަތިވެފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ތަޙްޤިޤު ފެށުނީ ވެސް އެއް ދުވަސް ފަހުންނެވެ. އެއި ތަނުގައި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިވާލުމަށްވެސް އެއްދުވަސް ނަގައިފައިވާތީއެވެ.

އަދި ކެމިކަލްގެ އަލިފާނުގެ ޙާދިސާއެއް ކަމުން ފުލުހުން މި ޙާދިސާގެ ތަޙްޤީޤް ހިންގަންޖެހެނީ އެ މީހުންގެ ވެސް ރައްކާތެރިކަމާއި ސަލާމަތަށް ވިސްނައިގެންނެވެ. ޚާދިސާ ހިނގި ދުވަސް ނޫން އަނެއް ދުވަހު އެތަނުގައި އިތުރު މީހެއްގެ ހަށިގަނޑު އޮވެދާނެކަމަށް ބައެއް ޚަބަރުތައް ފެތުރުމުން ފުލުހުންގެ ތަޙްޤީޤް ޓީމުންވަނީ ތަޙްޤީޤް ކުރިއަށް ގެންދަވަނީ އެކަމަށް ސަމާލުކަން ދީގެންކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޙާދިސާގައި ރަދުވާނިޔާ ގެއިން މަރުވި އަންހެން މީހާ ފިޔަވައި އިތުރު މީހެއްގެ ހަށިގަނޑު ފުލުހުންނަށް މިހާތަނަށް ފެނިފައެއް ނުވެއެވެ.

މި ފަހުގެ ތާރީޚްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި ޙާދިސާގެ ތަޙްޤީޤުގައި މާބޮޑު ކުރިއެރުން ތަކެއް ފުލުހުންނަށް ނުލިބި ވަނިކޮށް، އެ ހާދިސާއަކީ ޓެރިސްޓް ހަމަލާއެއް ކަމަށް އަޑު ފެތުރުން، ވެގެން ދިޔައީ އާއްމު ރައްޔިތުންގެ ހިތްތަކަށް އިތުރު ބިރުވެރިކަމެއް ކުރިމަތިވި ކަމަކަށެވެ. މި ހާދިސާއަކީ ރާވައިގެން ދެވިފައިވާ ޓެރެރިސްޓް ޙަމަލާއެއްކަމަށް ތުޙުމަތު ކުރައްވައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އިބްރާހީމް މުޢިއްޒެވެ.

މިކަމާ ގުޅިގެން ޚަބަރު ފަތުރާ ވަޞީލަތްތަކުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ އެ ހާދިސާ އަކީ ޓެރެރިސްޓް ހަމަލާއެއް ކަމަށް ބެލެވިފައިވާ ނުވާކަމަށެވެ. ނަމަވެސް ތަޙްޤީޤް ކުރިއަށް ގެންދަވަނީ ހާދިސާ ހިނގާފާނެ ހުރިހާ ގޮތަކަށް ވިސްނަވައިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިހާދިސާ ހިނގާފައިވާ ގޮތް ރަނގަޅަށް ސާފުވެގެން ދިއުމަކީ ހާދިސާގައި ގެއްލުންވި ފަރާތްތަކާއި އަދި މި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނާއި ޖުމުލަކޮށް ހުރިހާ ދިވެހި ރައްޔިތުން އެދޭނެ ކަމެކެވެ. ހާދިސާގެ ޙަޤީގަގް ހާމަވާނީ ފުލުހުންގެ ފުރިހަމަ ތަޙްޤީޤަށްފަހު އެވެ. މިފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އެޅޭނީ ހާދިސާގެ ހަޤީގާތަކީ ކޮބައިކަން ރަނގަޅަށް ހޯދިގެންނެވެ. މިއީ މިރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ މަސްލަޙަތާ ގުޅިފައިވާ މައްސަލައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.