
މާލާގައި ހުރި ކެމިކަލް ގުދަންތަކުގެ 63 އިންސައްތަ ހުރީ މީހުން ދިރިއުޅޭ ސަރަޙައްދުގައިކަމަށް ޑިފެންސް މިނިސްޓަރ ދެއްވި މަޢުލޫމާތުތަކުން ހާމަވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވިގޮތުގައި 126 ކެމިކަލް ގުދަން އެމްއެންޑީއެފް އިން ޗެކްކުރިއިރު އޭގެ ތެރެއިން 80 އެއްހާ ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައެވެ. މިމަޢުލޫމާތަކީ ސަރުކާރު ވެރިކަމާ ހަވާލުވެ ގުދަންތައް ޗެކުކޮށް، ތައްޔާރު ކުރި ރިޕޯޓުން ފެންނަން ހުރި މަޢުލޫމާތެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ މާލޭގައި ގުދަން ކުރަން ހުއްދަދެނީ ކުލާއާއި، ތިނަރު، އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ވައްތަރުގެ ކެމިކަލް ގުދަން ކުރުމަށެވެ. ގުދަންތައް އަބަދު ޗެކް ކުރާނެ ވަސީލަތެއް ނެތް ކަމަށްވެސް މާރިޔާ ފާހަގަ ކުރެއްވިއެވެ.
އާއްމު ރައްޔިތުން ދިރިއުޅޭ ގޭގޭގައި ޕެޓްރޯލް ބަހައްޓާ ކަމުގެ ރިޕޯޓުތައް ލިބިގެން އެކަންވެސް ބެއްލެވިކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. ކުރިން އެކަން ކުރަމުން ދިޔައީ ރޭގަނޑު ޕެޓްރޯލް ނުލިބޭތީ ކަން މާރިޔާ ފާހަގަ ކުރެއްވިއެވެ. 24 ގަޑިއިރު ޕެޓްރޯލް ޝެޑްތަކުން ހިދުމަތްދޭ ގޮތަށް ހަމަޖެއްސި ފަހުން، އާއްމުންގެ ގޭގެއިން ޕެޓްރޯލް ވިއްކާ ކަމުގެ ޝަކުވާ ނުލިބޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ރޭ ހިނގި އަލިފާނުގެ ޙާދިސާގައި ހަތަރު ކެމިކަލް ގުދަނެއްގައި ވަނީ އަލިފާން ރޯވެފައެވެ. ރޭގެ އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވީ ވެސް ގުދަނެއްގައި ގޮވި ގޮވުމަކާއެކުއެވެ.