
ދުނިޔޭގައި މިހާރު ޢާއްމުވަމުންދާ ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމާއި، ދީނުގެ ނަމުގައި ކުރެވޭ އެފަދަ ޢަމަލުތަކާއި ޒުވާނުންގެ ސިކުނޑިތައް މިފަދަ ކަންކަމަށް ލެންބުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.
އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ރައީސް ވިދާޅުވީ އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ތަމްރީނު ދިނުމާއި ތަޖުރިބާ ޙިއްޞާކުރުމާއި، ޓެރަރިޒަމް ނެޓްވޯކުތަކަށް ޚަރަދުކުރުން ހުއްޓުވުމަށް މާލީ ނިޒާމު އިޞްލާޙުކޮށް ހަރުދަނާކުރުން ފަދަ ކަންކަމަކީ މިކަމަށް އެޅިދާނެ ފިޔަޅުތަކެއް ކަމަށެވެ.
ރައީސް ވަނީ މިތަޤުރީރުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ވެސް އެޅިފައި ނުވާކަމަށެވެ. އެހެން ކަމުން އެކަމާ ކަންބޮޑުވާކަމަށް ވެސް ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޤައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމުގައި ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އ.ދ. ގެ ކްލައިމެޓް އެކްޝަން ސަމިޓްގައި ހުށައަޅުއްވާފައިވާ ރާއްޖޭގެ "މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަސައްކަތެއް ކަމަށެވެ.
އެ މޮޑެލަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޙާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަމަށް ވެސް ވިދާޅުވިއެވެ. އެ މޮޑެލަކީ ޤުދުރަތީ ޙައްލުތަކަށް ބާރުއަޅައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އީޖާދީ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ކުރިން މުޅިން ހުއްޓާލުމުގެ މަސައްކަތް ދިވެހިރާއްޖެއިން މިހާރު ފަށާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.